ހަބަރު

އައްސޭރި ޖަލުގައި ހާއްސަ ގައިދީން ތިބޭ ތަންތަން ވަނީ ބާވެފައި: ޕްރިޒަންސް

އައްސޭރި ޖަލުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް، ހާއްސަ ގައިދީން ބައިތިއްބަން ހުންނަ ތަންތަން މަރާމާތުކުރަން ޖެހިފައިވާ ކަމަށް އެ ޔުނިޓް އިންސްޕެކްޓްކުރި އިންސްޕެކްޓަރު ޖެނަރަލް އޮފް ޕްރިޒަންސް މުހައްމަދު އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ. މުހައްމަދު އިބްރާހިމް އައްސޭރި ޖަލަށް ވަޑައިގެން، އެސްޕީޔޫ އިންސްޕެކްޓްކުރެއްވީ ބަޔަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އެންގެވުމަކަށެވެ.

މުހައްމަދު އިބްރާހިމް ވިދާޅުވީ، މިދިޔަ މަހުގެ 24 ވަނަ ދުވަހު އެ ޖަލަށް ޒިޔާރަތްކޮށް، ބެލިބެލުމުން އެސްޕީޔޫގެ އިމާރާތްތައް މަރާމާތުކަން ކުރަން ޖެހިފައިވާކަން ފާހަގަވި ކަމަށެވެ. އެ އިމާރާތްތަކަކީ ވަރަށް ދުވަސްވީ ބާ އިމާރާތްތަކެއްކަން ފާހަގަކުރެއްވި އެވެ. އެތަނަށް ޒަމާންވީ އާ އިމާރާތެއް ބޭނުންވާ ކަމަށް ވެސް މިނިސްޓަރު އަރިހުގައި ދަންނަވާފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެ ޔުނިޓަށް ޒިޔާރަތްކުރެއްވިއިރު އެ ޔުނިޓްގައި ތިއްބެވީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ކަމަށް މުހައްމަދު ވިދާޅުވި އެވެ. މުހައްމަދު ވިދާޅުވީ، އެ ބޭފުޅުން ވިދާޅުވި ގޮތުގައި އެހެން ޖަލުތަކާ އަޅާބަލާއިރު އެ ޔުނިޓް ރަނގަޅު ކަމަށެވެ. އެ ބޭފުޅުންގެ ފަރާތުން ޝަކުވާތަކެއް ލިބިފައިނުވާ ކަމަށެވެ.

އައްސޭރި ޖަލުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް އިންސްޕެކްޓްކޮށް މުހައްމަދު، މިނިސްޓަރަށް ހުށަހެޅި ރިޕޯޓާ ގުޅިގެން މިނިސްޓަރު އުމަރު މިހާރު ވަނީ އެ ޔުނިޓްގެ ފެންވަރު ރަނގަޅުކޮށް، އިމާރާތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުންނެވެ.