ހަބަރު

މިލްޓަރީ ކޯޓަކާއި ކޮމާޝަލް ކޯޓެއް ގާއިމުކުރާނަން: ރައީސް

ރާއްޖޭގައި މިލްޓަރީ ކޯޓެއް ވަރަށް އަވަހަށް ގާއިމުކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ، އެ ކޯޓަކީ ބައިނަލްއަގްވާމީ މިންގަނޑު ތެރޭގައި ހިނގާނެ ކޯޓެއް ކަމަށެވެ.

ފުލުހުންގެ ހިދުމަތަށް 83 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ގާއިމުކުރާ މިލްޓަރީ ކޯޓަކީ ރާއްޖޭގެ މަދަނީ ކޯޓުތައް ގޯސްވެގެން ގާއިމުކުރާ ކޯޓެއް ނޫން ކަމަށެވެ. ސިފައިންގެ ތެރޭގައި ކޯޓެއް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަށް ގާނޫނު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ރައީސް ވިދާޅުވީ، މިލްޓްރީ ކޯޓުގެ އިތުރުން ރާއްޖޭގައި ސަރަހައްދީ ފެންވަރުގެ އާބިޓްރޭޝަން ސެންޓަރެއް ވެސް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. ރާއްޖޭގެ ބޭރުގެ ވިޔަފާރިތަކަށް ހުޅުވިފައިވާއިރު އެ ސެންޓަރަކީ ބޭނުންވެފައިވާ ސެންޓްރެއް ކަމަށް ވިދާޅުވި އެވެ.

"ދިވެހިރާއްޖެއަކީ މި ސަރަހައްދުގެ އާބިޓްރޭޝަން ސެންޓަރަކަށް ހެދުމަށްކުރަންޖެހޭ މަސައްކަތް ކުރަންޖެހޭ ކަމަަށް، ހަމައަނެއްކާވެސް ސިންގަޕޫރްގެ އެހީ ހޯދައިގެން އަޅުގަނޑުމެން މިދަނީ ނޭޝަނަލް އާބިޓްރޭޝަން ސެންޓަރެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުން، މި މަސައްކަތް ކުރާއިރު ރާއްޖޭގައި ވިޔަފާރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ކޮމާޝަލް ކޯޓެއް އުފައްދަންޖެހޭ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮމާޝަލް ކޯޓާއި އާބިޓްރޭޝަން ސެންޓަރު ވެގެންދާނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ތަންތަން ކަމަށެވެ. އަދި އެ ތަންތަނުގައި ފަނޑިޔާރުކަން ކުރައްވާނީ ހަމައެކަނި ރާއްޖޭގެ ފަނޑިޔާރުން ނޫން ކަމަށާއި ފަނޑިޔާރުންގެ ޕެނަލްގައި ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަންނަ ފަރާތްތައް ވެސް ބައވެރިވާނެ ކަމަށެވެ.