ހަބަރު

ސްޓިކާގެ ބަދަލުގައި އިލެކްޓްރޯނިކް ޖޫރިމަނާ ސްލިޕް ފޮނުވަނީ

ޓްރެފިކް ބަލަހައްޓަން ނެރޭ ފުލުހުން މަދުކޮށް ފޮޓޯ އެންފޯސްމަންޓް ނިޒާމް އަންނަ އަހަރު ތެރޭގައި ގާއިމް ކުރަން ނިންމައިފި އެވެ.

ފުލުހުންގެ ހިދުމަތައް 83 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ފުލުހުން ދަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި ކުރިއެރުން ހޯދަމުން ކަމަށާއި ދިވެހި ފުލުހުންވެސް ޓެކްނޮލޮޖީގެ ދާއިރާގައި ކުރިއަރާފައިވާ ކަމަށެވެ.

އެގޮތުން ސީސީޓީވީ ނެޓްވޯކެއް މާލޭގައާއި ރާއްޖޭގެ ބައެއް ރައްރަށުގައި ވަނީ ގާއިމްކޮށްފައިވާ ކަމަށާއި އަންނަ އަހަރު ޓްރެފިކްގެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ފޮޓޯ އެންފޯސްމަންޓް ނިޒާމް ގާއިމް ކުރަން ނިންމާފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

"މި ނިޒާމުން ކޮށްދޭ ކަމަކީ ފުލުހުން މަގުމަތީގައި ތިބެގެން ގަވައިދާ ހިލާފުވާ މީހުންނަށް ސްޓިކާ ދިނުމުގެ ބަދަލުގައި ހާއްސަ ކެމެރާތަކަކުން އޭގެ ފޮޓޯ ނަގައި ޑޭޓާ ބޭސްއަކަށް ފޮނުވައި އެ އުޅަނދު އޮޓޮމެޓިކަކުން އައިޑެންޓިފައިކޮށް އެ އުޅަނދުގެ ވެރިފަރާތައް އެސްއެމްއެސް އަކުން ޖޫރިމަނާ ފޮނުވުން އަދި އެސްއެމްއެސް ފޮނުވާ އިރު އޭނާ އަށް ފޮނުވާ ލިންކް އަކުން ސްލިޕް ވެސް ލިބިގެންދާނެ އަދި އޮންލައިކޮށް ފައިސާވެސް ދެއްކޭނެ،" އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފޮޓޯ އެންފޯސްމަންޓް ގާއިމް ކުރުމުގެ ސަބަބުން ޓްރެފިކްގެ މައްސަލަ ބެލުމަށް މަގުމައްޗައް ނެރޭ 131 ފުލުހުން ނުނެރެ، މަދު އަދަދެއްގެ ފުލުހުން ބޭނުންކޮށްގެން ވެސް މާރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށެވެ.

އުމަރު މިހެން ބުނެފައިވާއިރު ފުލުހުން ކުރާ މަސައްކަތުގައި ޓެކްނޮލޮޖީ ދާއިރާ އިން އެހީތެރިވުމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ ޕްރޮފެސަރު ހަސަން އުގެއިލްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.