ހަބަރު

މުޒާހަރާކުރެވޭނެ އެކަމަކު ފުލުހުންގެ ސަފުތައް ފަޅައިގެންނުވާނެ: ރައީސް

މުޒާހަރާކުރުމުގެ މިނިވަންކަން ހުރިހާ ރައްޔިތުންނަށް ވެސް ލިބިފައިވާ ކަމަށާއި ނަމަވެސް ފުލުހުންގެ ސަފުތައް ފަޅާލައި، ފުލުހުންނަށް ނުކިޔަމަންތެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ، ގާނޫނުގެ ދަށުން ރައްޔިތުންނަށް ލިބިދޭ ބާރުތައް ބައެއް ފަހަރަށް ނިގުޅައިގަތުމުގެ ބާރު ހަމަ އެ ގާނޫނުގެ ދަށުން ލިބިފައިވާ ބަޔަކީ ފުލުހުން ކަމަށެވެ.

ފުލުހުންގެ ހިދުމަތަށް 83 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފުލުހުންނަކީ ގާނޫނަށް ތަބާވާ، ގާނޫނުގެ ދަށުން މަސައްކަތްކުރާ ބައެއް ކަމަށާއި ފުލުހުން ހިމާޔަތްކުރާނީ ރައްޔިތުންނާއި ރައްޔިތުންގެ ފުރާނަ ކަމަށެވެ.

"ފުލުހުންގެ މަސައްކަތަކީ މުޖުތަމައުގެ ތެރޭގައި އުދާސްކަން އުފައްދައިދޭ މަސައްކަތެއް އެހެންނަމަވެސް ފުލުހުންގެ މަސައްކަތަށް އެޕްރިޝިއޭޓްކޮށް ފަހަތަށް އެނބުރި ފުލުހުންގެ މަސައްކަތަކަށް ބަލާލައިފިނަމަ އެއްވެސް ގައުމެއްގައި ދެވަނައެއް ނެތް މަސައްކަތެއް އެއީ، ފުލުހުން ކުރާ މަސައްކަތަށް އެންމެ ފަސޭހަވެގެންދާނީ ގާނޫނުތަކެއް އޮވެފައި ބަސްއަހާ މުޖުތަމައުއެއް އޮވެގެން، ބަސްއަހާ މުޖުތަމައުއެއްގެ ވާހަކަ މިއަދު ރާއްޖޭގައި ދެއްކުމަކީ ފަސޭހަ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެންނަކީ ބަސްއަހާ ކިޔާމަންވާ ބަޔަކަށްވާންޖެހީ ޖިނާއީ ނިޒާމްގެ ތެރޭގައި އަޅުގަނޑުމެން އެންމެންނަކީ ވެސް ހަމަހަމަ ބަޔަކަށް ވާތީ، ބަސް އެހުމަކީ ގާނޫނާ ހިލާފުކަމެއް ކޮށްފިނަމަ އޭގެ އަދަބު ލިބޭނެކަން ހިތުގެ އަޑިން ގަބޫލުކުރުން، ބަސްއަހާ ބަޔަކު އުޅޭ ކަމަށްވާނަމަ ފުލުހުންގެ މަސައްކަތަށް ވަރަށް ފަސޭހަވާނެ،"

ރައީސް ވިދާޅުވީ މުޒާހަރާކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށާއި މުޒާހަރާކުރުމުގެ ފުރުސަތު މި ސަރުކާރުން ވެސް ދޭ ކަމަށެވެ. ނަމަވެސް މުޒާހަރާކުރުމަށް ފުލުހުންގެ ސަފުތައް ފަޅާލަން ނުޖެހޭ ކަމަށެވެ. ފުލުހުންގެ ވެސް އިންސާނީ ކަރާމާތެއްވާ ކަމަށާއި މުޒާހަރާތަކުގައި ފުލުހުންނަށް މުހާތަބުކޮށް ހަޑިހުތުރު ބަހުން މުއާމަލާތްކުރުމުން އެ އަރައިގަނެވެނީ ފުލުހުންގެ ކަރާމާތަށް ކަމަށެވެ.

"އިންސާނީ ކަރާމަތް ލިބެނީ ހަމައެކަނި ޔުނީފޯމްގައި ނުތިބޭ މީހުންނަކަށް ނޫން، ޔުނީފޯމްގައި ތިބޭ މީހުންނަށް ވެސް އިންސާނީ ކަރާމަތްތައް ލިބިގެންވޭ، އެހެންނަމަވެސް ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މީހުން އެހެން މީހުންގެ ހައްގުތަކަށް އަރައިގެނެވިދާނެ ކަމަށް އަބަދުވެސް ބަދަލަންޖެހޭނެ، އެހެންވެ ފުލުހުންނަކީ ޕްރޮފެޝަނަލް ބަޔަކަށްވާން ޖެހެނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.