ހަބަރު

އިންސާނީ ހައްގުތަކާއި ގުޅޭގޮތުން ދައުލަތަށް ލަފާދޭނެ ބޭރުގެ މުޝީރަކު ހޯދަނީ

ދައުލަތަށް އިންސާނީ ހައްގުތަކާ ގުޅޭގޮތުން ލެފާދޭނެ ބޭރުގެ މުޝީރަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ ނެޝަނަލް ހިއުމަންރައިޓްސް ކޮމިޝަނަރަކު ރާއްޖެއަށް ހޯދުމުގެ މަސައްކަތްކުރާ ކަމަށެވެ.

ފުލުހުންގެ ހިދުމަތަށް 83 އަހަރުފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރޭ ރައީސް ވިދާޅުވީ، ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނަރަކު ހޯދުމުގެ މަސައްކަތްކުރަމުންދާއިރު، އެ ކޮމިޝަނަރު ލަފާ ދެއްވާނީ ބަނޑާރަ ނައިބަށް ކަމަށެވެ. ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނަރަކު ހޯދުމަށް އދ.ގެ ސެކްރަޓްރީ ޖެނަރަލްގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ދައުލަތް ހިންގުމުގެ ނިޒާމް ހަރުދަނާކުރުމަށާއި ގާނޫނުތަކުގައި ފުށު އެރުންތަކެއް ހުރިތޯ ބެލުމަށް ނޭޝަނަލް މާސްޓާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރައްވަމުންދާ ކަމަށާއި އާ ގޫނޫނުލް އުގޫބާތަށް އަމަލުކުރަން ފެށުމުން ފުށުއަރާ އެތައް ގާނޫނެއް އެބަހުރި ކަމަށެވެ. އެ ގާނޫނުތައް އިސްލާހުކުރުމަށް ނޭޝަނަލް މާސްޓާ ޕްލޭންގެ ދަށުން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މި ޕްލޭން އެކުލަވާލައި، މަސައްކަތް ފެށުމުގައި ސިންގަޕޫރް އެހީތެރިވާނެ ކަމަށާއި އެ ގައުމުގެ ވިއްޔާ ލީ ކުއަން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީއާއި ނެޝަނަލް ޔުނިވަސިޓީގެ މިކަމުގައި އެހީތެރިވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ ފަރާތްތަކުން ފޮނުވާ ތަޖުރިބާކާރުންގެ އެހީ އަދި ލަފަޔާއެކު އިގްތިސޯދެއް ބިނާކުރުމަށް އިސްލާހުކުރަންޖެހޭ ކަންކަން ދެނެގަންނާނެ ކަމަށެވެ. އަދި އެކަންކަން ރަނގަޅުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.