ރާއްޖެ ކުޅިވަރު

ސާބާ ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ބޭނުން: ހާފިޒް

ސާބާ ވިމެންސް ޗެމްޕިއަންޝިޕް ބާސްކެޓް މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބާއްވަން ބޭނުންވާ ކަމަށް ބާސްކެޓް އެސޯސިއޭޝަނުން ބުނެފި އެވެ.

ރައީސް އަހުމަދު ހާފިޒް ވިދާޅުވީ މުބާރާތް ބާއްވަން ރާއްޖެ ބޭނުންވަނީ މުބާރާތުގެ ސަބަބުން ގިނަ ކުރިއެރުންތަކެއް ބާސްކެޓަށް ލިބިގެންދާނެތީ އެވެ.

އަދި މިހާރު ރާއްޖޭގައި ބާސްކެޓް ކުޅެމުން އަންނަ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި މުބާރާތް ބޭއްވޭނެ ކަމަށާއި މިހެންވެ، މުބާރާތަށް ރާއްޖެއިން މާބޮޑު އިންވެސްޓެއް ކުރަން ނުޖެހޭނެ ކަމަށެވެ.

"ސަރުކާރާ ވާހަކަ ދައްކާފައި މުބާރާތް ބާއްވާނެކަން ނޫންކަން އެނގޭނީ. މުބާރާތް ބާއްވަން އެސޯސިއޭޝަނުން ޝައުގުވެރިވަން،" ހާފިޒް ވިދާޅުވި އެވެ.

ނޭޕާލްގައި އިއްޔެ ނޫން ކުރީ ދުވަހު ނިމުނު ސާބާ ޗެމްޕިއަންޝިޕުން ގައުމީ އަންހެން ޓީމު ވަނީ ލޯމެޑަލް ހޯދައިފަ އެވެ. މިއީ ސަރަހައްދީ މުބާރާތަކުން ރާއްޖެ މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.