ރާއްޖެ ކުޅިވަރު

ނިއު އާއި މާޒިޔާގެ މެޗުން މާދަމާ ރޭ ސީޒަން ހުޅުވަނީ

މި އަހަރުގެ ފުޓްބޯޅަ ސީޒަން މާދަމާ ރޭ ނިއުރޭޑިއަންޓާއި މާޒިޔާގެ މެޗުން ފަށަން ނިންމައިފި އެވެ.

މާދަމާ ރޭގެ މެޗަށް ނުކުންނައިރު މާޒިޔާ އަކީ އެންމެ ފަހުގެ ޗެރިޓީ ޝީލްޑްގެ ޗެމްޕިއަން ޓީމެކެވެ. މިދިޔަ އަހަރު މާޒިޔާއިން ގައުމީ ތަށި ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފައިވާއިރު ނިއު އަކީ މިދިޔަ ހަތަރު އަހަރުގެ ދިވެހި ލީގު ޗެމްޕިއަން ޓީމެވެ.

މާދަމާރޭގެ މެޗަށް މި ދެ ޓީމު ނުކުންނައިރު މެޗު އެންމެ ބޮޑަށް ހާއްސަވާ އެއް ކުޅުންތެރިއަކީ ނިއުގެ ކުރީގެ ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) އެވެ. ނިއުގައި މޮޅަށް ކުޅުމަށް ފަހު އޭނާ އެނބުރި މާޒިޔާއާ ގުޅުނީ މި އަހަރު އެވެ.

މާޒިޔާ ދޫކޮށް ނިއު އަށް ގޮސްފައިވާ އެންމެ ފާހަގަކުރެވޭ ކުޅުންތެރިއަކީ ފަރުހާދު އިސްމާއީލް އެވެ. މީގެ އިތުރުން މުހައްމަދު ޝާދިން އާއި ހަސަން ސައިފް މިހާރު ކުޅެނީ ނިއު އަށެވެ.

ސީޒަން ހުޅުވާ މެޗު މާދަމާ ރޭ ކުޅެން ނިންމި ނަމަވެސް ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ދިވެހި ލީގު ފަށާނީ އަންނަ ހަފުތާގައި ކުޅޭ އޭއެފްސީ ކަޕުގެ މެޗުތަކަށް ފަހު މި މަހުގެ 19 ވަނަ ދުވަހު އެވެ.