ދުނިޔެ

ނުސްރާ ޖަމާއަތުގެ އިސް ލީޑަރަކު މަރާލައިފި

ސީރިޔާ ގައި ހަރަކާތްތެރިވަމުންދާ އަލް ގައިދާ ޖަމާއަތާ ގުޅުން އޮންނަ އަލް ނުސްރާ ޖަމާއަތުގެ އިސް ލީޑަރަކު މަރާލައިފި އެވެ. ވައިގެ ހަމަލާތަކެއްދީ އިއްޔެ މަރާލާފައިވަނީ އެޖަމާއަތުގެ އިސް ތަރުޖަމާނު އަބޫ ފިރާސް އަލް ސޫރީ އެވެ.

މިހަމަލާތަކުގައި އަލް ނުސްރާ ޖަމާއަތުގެ 20 އެއްހާ ހަނގުރާމަވެރިން ވަނީ މަރުވެފަ އެވެ. ސީރިޔާގައި ހަރަކާތްތެރިވާ އިނިގިރޭސި ވިލާތުގެ ހިއުމަން ރައިޓްސް އޮބްޒަވޭޓަރީން ބުނަނީ ފިރާސް އަށް ދިން ހަމަލާތަކުގައި އޭނާގެ ފިރިހެން ދަރިފުޅުވެސް މަރުވެފައިވާ ކަމަށެވެ. މިހަމަލާތަކުގައި މަރުވި ހަނގުރާމަވެރިންގެ ތެރޭގައި ސީރިޔާއިން ބޭރު ގައުމުތަކުގެ ހަނގުރާމަވެރިން ހިމެނޭ ކަމަށްވެ އެވެ.

މި ހަމަލާތައް ދިނީ ސީރިޔާގެ އަސްކަރިއްޔާއިން ކަމެއް ނުވަތަ ރަޝިޔާގެ އަސްކަރިއްޔާއިން ކަމެއް އަދި މިހާތަނަށް ސާފުނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި އެއީ ހަނގުރާމަވެރިންގެ އިސް ލީޑަރުންތަކެއްގެ މެދުގައި ބައްދަލުވުމެއްވެސް ކުރިއަށް ގެންދިޔަ ވަގުތެއް ކަމަށްވެ އެވެ.

ސީރިޔާ ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލަން އެއްބަސްވެފައިވީ ނަމަވެސް އެއެބަސްވުމުގައި އަލް ނުސްރާ ޖަމާއަތް ހިމަނާފައި ނުވާތީ އެޖަމާއަތުން ދަނީ ހަމަލާތައް ދެމުންނެވެ.