ދުނިޔެ

ގްރީސް އިން ހިޖުރަވެރިން ޑީޕޯޓު ކުރަން ފަށައިފި

އެކި ގައުމުތަކުން ގްރީސް އަށް ހިޖުރަކޮށް ވަޒަންވެރިވެގެން އުޅޭ މީހުން އެގައުމުން ޑީޕޯޓުކުރުމުގެ މަސައްކަތް ފަށައިފި އެވެ. އެގޮތުން ފުރަތަމަ ބޯޓުގެ މީހުން މިހާރުވަނީ ތުރުކީއަށް ގެންގޮސްފަ އެވެ. މީހުން ޑީޕޯޓު ކުރުމުގައި އީޔޫގެ ޕްލޭނާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށްވެ އެވެ.

މިމީހުން ތުރުކީއަށް ގެންދަނީ ކަނޑު ބޯޓުތަކުގަ އެވެ. ތުރުކީން ބުނީ 500 އެއްހާ ހިޖުރަވެރިން ބަލައިގެނެވޭނެ ކަމަށާއި އެމީހުންނަށް ތުރުކީގެ ހުޅަނގު ބިތުގައި އޮންނަ ދިކިލީ އަވަށުގައި ވަޒަންވެރިވެވޭނެ ކަމަށެވެ.

ތުރުކީއަށް މިހާރު މީހުން ފޮނުވަން ފަށާފައިވާިއރު އީޔޫ ޑީލާ އެއްގޮތަށް ތުރުކީ ތައްޔާރުވެފައި ނެތް ކަމަށް ހަބަރު ލިބެ އެވެ. އަދި އެކަމުގެ ސަބަބުން އާންމުންގެ ޝަކުވާ ހުށަހަޅާފައިވާއިރު އެމީހުން ބުނަނީ ދެން ވާންވި ގޮތެއް އެމީހުންނަށް ނޭނގޭ ކަމަށާއި ތުރުކީން މާ ބޮޑު އެއްބާރުލުމެއް ނުލިބޭ ކަމަށެވެ. މީހުން ޑީޕޯޓުކުރާ ދެވަނަ ބޯޓު މިއަދު ގްރީސުން ނައްޓާލިއިރު މިހާރު 131 މީހުން ގްރީސުން ފައިބައިފި ކަމަށްވެ އެވެ. އަދި އޭގެ ތެރޭގައި ގިނައީ ޕާކިސްތާނު މީހުން ކަމަށްވެސް ވެ އެވެ.

ދިކިލީގައި މިހާރު ހިޖުރަވެރިންނަށް އަމާޒުކޮށްގެން ޓެންޓުތަކެއްވަނީ ޖަހާފަ އެވެ. ސީރިޔާއަށް މީހުން ޑީޕޯޓުކުރަން ފަށާފައިވާއިރު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުން ވަނީ ތުރުކީ އަކީ މީހުން ހިޖުރަކުރަން އެންމެ ރައްކާތެރި ގައުމެއް ކަމަށް ނުބެލެވޭ ކަމަށް ބުނެފަ އެވެ. ހައްދު ފަހަނައަޅާފައިވާ ޖަމާއަތްތަކުން މިހާރުވެސް ދަނީ ދޭތެރެ ދޭތެރެއިން ޖާނުން ފިދާވުމުގެ ހަމަލާތައް ތުރުކީގެ އެކި ހިސާބުތަކުގައި ދެމުންނެވެ.

މިދިޔަ މަހުގެ 30 ގެ ނިޔަލަށް ގްރީސް އަށް ހިޖުރަކޮށްފައިވާ މީހުންގެ އަދަދު ވަނީ 150،703 އަށް އަރާފަ އެވެ. އަދި ކުޑަކުދިންގެ އަދަދު އޭގެ 37 ޕަސަންޓަށް އަރަ އެވެ.

ޔޫރަޕަށް ހިޖުރަކުރަމުންދިޔަ އެތައް ހާސް މީހުން ދިޔައީ ގްރީސް މަގުން ދަތުރު ކުރަމުންނެވެ. އަދި އުތުރުގެ ގިނަ ގައުމުތަކުން ބޯޑަރު ބަންދުކުރުމާއެކު ދިހަ ހާހެއްހާ މީހުްނވަނީ ގްރީސްގައި ތާށިވެފަ އެވެ.

މިދިޔަ އަހަރު ހިޖުރަވެރިންގެ ގޮތުގައި އެއް މިލިއަން މީހުން ގްރީސް އަށް އެތެރެވެފައިވެ އެވެ.