ދުނިޔެ

ދުނިޔޭގެ މުއްސަނދިން ޓެކްސް އަށް މަކަރު ހަދައި ލާރި ފޮރުވާ ގޮތް ފަޅާއަރުވާލައިފި!

އޮފް ޝޯ އެކައުންޓުތައް ނުވަތަ ގައުމުން ބޭރުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތައް ބޭނުންކޮށްގެން، ލާރި ފޮރުވައި ހިޔާނާތާއި ފަސާދައިގެ ވަޅުގަނޑެއްގައި ފިލައި ތިބި ދުނިޔޭގެ ނަން މަޝްހޫރު ތަރިންނާއި، އެކި ގައުމުތަކުގެ އިސްވެރިން އަދި ކުރީގެ ލީޑަރުންތަކެއް މި ވަޅުގަނޑުން ނެރެ ދުނިޔެ އަށް އިއްޔެ ބޭޒާރުކޮށްލައިފި އެވެ.

މި ލީކުގައި ބޭޒާރުކޮށްލާފައި ވަނީ ދުނިޔޭގެ އެންމެ "ވަގު އެއް ކުންފުނީގެ ގޮތުގައި މިހާރު ލޭބަލްކޮށްފައިވާ" ޕެނަމާގެ އޮފްޝޯ ލޯ ފާމް، މޯސެކް ފޮންސޭކާއާ ގުޅިގެން ވަގުވިޔަފާރި ހިންގައި ފައިސާ ފޮރުވައި ޓެކްސް އަށް މަކަރުހަދަމުން ދިޔަ އެމީހުންގެ ކްލައިންޓުންގެ މައުލޫމާތާއި މުއާމަލާތްތަކެވެ. "ޕެނަމާ ޕޭޕާސް" ގެ ނަމުގައި ލީކުކޮށްލާފައިވާ މި ލިޔެކިޔުންތަކުގެ އަދަދު 11.5 މިލިއަނަށް އަރަ އެވެ.

ޕެނަމާގެ މި ލޯ ފާމްއަކީ، ފައިސާގެ މުއާމަލާތްތައް ސިއްރުކުރުމުގެ ގޮތުން، އޮފްޝޯ އެކައުންޓްސްތަކުގައި ފައިސާ ފޮރުވުމުގެ ގޮތުން، މި ފައިސާ ރައްކާ ކުރުމުގެ ނިޔަތުގައި ކުދި ކުންފުނިތައް އުފައްދާ، ކުންފުނިތަކުގެ ތެރެއިން މުއާމަލާތް ކުރަމުން އަންނަ ލޯ ފާމްއެކެވެ.

އާންމުކޮށް މަޝްހޫރު މީހުންނާއި ވެރިންނާއި ބޮޑެތި ކުންފުނިތަކުން އޮފްޝޯ އެކައުންޓްތައްް ބޭނުންކުރަނީ ޓެކްސް އަށް މަކަރު ހެދުމަށެވެ. މީގެ އިތުރުން ވިޔަފާރީގެ ވަގު މުއާމަލާތްތަކާއި ވަގުފައިސާ ދޮވުމުގެ ނިޔަތް ވެސް ވަރަށް ބޮޑެވެ. ނޫސްވެރިންގެ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓުން (އައިސީއައިޖޭ) އާ ގުޅިގެން މިލިޔެކިޔުންތައް ލީކުކޮށްލާފައި ވަނީ ޖަރުމަނުގެ ނޫހެއް އިސްކޮށް އޮވެގެންނެވެ.

މި ލިޔެކިޔުންތަކާ އެކު މޮސެކް ފޮންސެކާ އާއި އެމީހުންގެ ކްލައިންޓުންތައް ބޭޒާރުވެފައިވާއިރު އެ ލޯ ފާމް އިން ބުނަމުން ދަނީ އެމީހުންގެ ހަރަކާތްތަކަށް 40 އަހަރުވެފައިވާ ކަމަށާއި މިއިން ޒަމާނަކު ވެސް އެމީހުންގެ މަސައްކަތުގައި އެއްވެސް ބަޔަކު ގާނޫނާހިލާފު މަސައްކަތެއްގެ ޓެގް އަޅުވާފައި ނުވާ ކަމަށެވެ.

އެމީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބޭންކްތަކަށް މަކަރު ހަދައި ވަގުފައިސާގެ މުއާމަލާތްތަކަށާއި ވަގު ފައިސާ ދޮވުމުގެ ޖަރީމާތަކަށް އެމީހުން އެހީތެރިވެދީފައިވާ ކަމަށް ބުނާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

ނަމަވެސް ލީކުވެފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މޯސެކް ފޮންސޭކާ ލޯ ފާމް އަކީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ވިޔަފާރީގެ މުއާމަލާތް ހިންގައި ޓެކްސް އަށް މަކަރު ހެދުމަށް ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންނަށް އެހީވާ ކުންފުންޏެކެވެ.

ކޮރަޕްޝަންގެ ފުނުގައި ސެލެބްރިޓީންނާއި ދުނިޔޭގެ ލީޑަރުން

ޕެނަމާ ޕޭޕާސްތައް ނޫސްވެރިންގެ އަތަށް އެރުމާއެކު އެމީހުންގެ ތަހުގީގުތައް ވަނީ ފަށައިފަ އެވެ. ގާތްގަނޑަކަށް 107 މީޑިއާ އަކަށް މި ލިޔެކިޔުންތައް ފޯރުކޮށްދީފައިވާއިރު މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި ހިޔާނާތާއި މަކަރުން ފުރިގެންވާ މި ލޯ ފާމްގެ ކްލައިންޓުންގެ ތެރޭގައި 140 ސިޔާސީ ބޭފުޅުން ހިމެނި ވަޑައިގަންނަވެ އެވެ. އޭގެ ތެރޭގައި ގައުމުތަކުގެ ލީޑަރުން ނުވަތަ ކުރިން ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ އަދަދު 72 އަށް އަރަ އެވެ.

ކޮރަޕްޝަންގެ މި ބޮޑު ޖަރީމާގައި ބައިވެރިވެ ވަޑައިގެންފައިވާ މަޝްހޫރު ލީޑަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިންގެ ނަމެވެ. ޕުޓިންގެ އިތުރުން އައިސްލޭންޑްގެ ބޮޑުވަޒީރު ސިގްމަންޑާ ގަލޯންގްސަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ވެސް ނިކަން ގާތުން މި ކޮރަޕްޝަންގެ ތެރެއަށް ވަދެވަޑައިގެންފައިވާކަން ސާބިތުކުރެވޭ ވަރުގެ ލިޔެކިޔުންތައް އާންމުވެފައިވެ އެވެ.

މި މައްސަލާގައި އައިސްލެންޑްގެ ބޮޑުވަޒީރު މަގާމުން ދުރުކުރުމުގެ މަސައްކަތް ވެސް އެގައުމުން ވަނީ މިހާރު ފަށައިފަ އެވެ.

މި ސަރަހައްދުގެ ލީޑަރުންނަށް ބަލާއިރު ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ނަން ނުވަތަ އެބޭފުޅުންނާ މި ކޮރަޕްޝަން ގުޅިފައިވާ ކަމުގެ ލިޔެކިޔުންތައް ވެސް އެބަހުއްޓެވެ.

މަޝްހޫރު ސެލެބްރިޓީންނަށް ބަލާއިރު އިންޑިއާގެ ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް އާއިލާ ކަމުގައިވާ ބައްޗަންތައް ވަނީ މި ކޮރަޕްޝަންގެ ތެރެއަށް ވެއްޓިފަ އެވެ. އަމީތާބު ބައްޗަން އާއި އައިޝްވާރިޔާ ރާއީ ބައްޗަން ވެސް ޕެނަމާގެ މި ލޯފާމްއާ ގުޅިގެން ފައިސާ ފޮރުވައި ވަގު މުއާމަލާތްތައް ކުރިއަށް ގެންގޮސްފައިވާއިރު ދުނިޔޭގެ އެއް ވަނަ ފުޓްބޯޅަ ކުޅުންތެރިޔާ، ބާސެނޯލާ އާއި އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީގެ ނަން ވެސް މި ކޮރަޕްޝަނުގައި އެބައޮތެވެ.

މެސީ އަކީ މިހާރު ވެސް ޓެކްސް އަށް މަކަރު ހެދުމުގެ ތުހުމަތުގައި ބެދިފައިވާ ފަރާތެއްކަން ވެސް ފާހަގަކޮށްލެވެ އެވެ. މިއީ ސްޕެނިޝް އޮފިޝަލުން މެސީގެ މައްޗަށް ހިންގި ޓެކްސް ފްރޯޑް ތަހުގީގުގައި އެނގިފައި ނުވާ ކަމެކެވެ. މިކަމާއި ބެހޭގޮތުން އަދި މެސީގެ ފަރާތުން އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެޔެވެ.