ބޭރު ކުޅިވަރު

ކޮލަމްބިއާގެ ކުއަޑްރާޑޯ ޗެލްސީ އަށް

ފިއޮރެންޓީނާ އަށް ކުޅެމުންދާ ކޮލަމްބިއާގެ ގައުމީ ޓީމުގެ ވިންގާ ހުއާން ކުއަޑްރާޑޯ ޗެލްސީ އަށް ބަދަލުވާނެ ކަމަށް ފިއޮރެންޓީނާގެ ކޯޗު ވިންޗެންޒޯ މޮންޓެލާ ބުނެފި އެވެ.

 މިދިޔަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕްގައި ވިދާލި ކުއަޑްރާޑޯ ،26، ޗެލްސީ އަށް ފިއޮރެންޓީނާ އިން ވިއްކާލަނީ 23.3 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށް ކަމަށް ރިޕޯޓްތަކުން ބުނެ އެވެ. އަދި ކުއަޑްރާޑޯ އާއި ޗެލްސީއާ ދެމެދު މިހާރު އެއްބަސްވުމަކަށް އާދެވި، ޗެލްސީގެ މެޑިކަލް ވެސް އޭނާ ފުރިހަމަކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ޗެލްސީ އަށް ކުއަޑްރާޑޯ ބަދަލުވާނެ ކަމަށް މޮންޓެލާ ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި ކުއަޑްރާޑޯ ވިއްކާލުމަކީ މި ވަގުތަށް އެންމެ ރަނގަޅު ނިންމުން ކަމަށެވެ.

"މި ޓްރާންސްފާ ކުރުން ނޫން ގޮތެއް އަހަރެމެންނަށް މި ވަގުތު ނެތް،" މޮންޓެލާ ބުންޏެވެ. "ކުއަޑްރާޑޯ އަކީ ފިއޮރެންޓީނާ އަށް ވަރަށް ބޮޑު ހިދުމަތެއްކޮށްދިން ކުޅުންތެރިއެއް. ބޮޑު ކްލަބަކުން އޭނާ އަށް ފުރުސަތު ލިބުނީމަ އަހަރެމެން އުފާކުރަން."

ކުއަޑްރާޑޯ ވިއްކާލަން ފިއޮރެންޓީނާ އާއި ޗެލްސީއާދެމެދުވި އެއްބަސްވުމުގެ ދަށުން، ޗެލްސީ އަަށް ކުޅެމުންދާ މިސްރުގެ މިޑްފީލްޑަރު މުހައްމަދު ސަލާހު ލޯނު އެއްބަސްވުމެއްގެ ދަށުން ފިއޮރެންޓީނާ އަށް ބަދަލުވާނެ އެވެ.

މޮންޓެލާ ބުނީ ސަލާހު އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އިޓަލީގެ ފުޓްބޯޅަ އަށް ހޭނުމަށް އޭނާ އަށް ފުރުސަތު ދޭނެ ކަމަށެވެ.

ކުއަޑްރާޑޯ ޗެލްސީ އަށް ބަދަލުވާއިރު، އެ ޓީމަށް ކުޅެމުންދާ ޖަރުމަންގެ ފޯވަޑް އަންދްރޭ ޝޫލާ ޖަރުމަންގެ ވުލްފްސްބާގަށް ބަދަލުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. -- ބީބީސީ