މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްއަށް ހަ މެންބަރުން އައްޔަންކުރަން ފާސްކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އައްޔަންކޮށްފި އެވެ. މެންބަރު ކަމަށް ހޮވުނީ މުހައްމަދު ޝަހީބު، ޒީނާ ޒާހިރު، އަމިނަތު ސަލާހަތު، ފާތިމަތު ޒައިނާ، އިސްމާއިލް ސޮފްވާން އަދި ހަސަން ނަބާހް އެވެ. އެންމެ ފުރަތަމަ ވޯޓަށް އަހާފައިވަނީ މަރިޔަމް ވަހީދާއަށެވެ. ކޮމެޓީން އެންމެ މަތީ މާކްސް ލިބުނީ މަރިޔަމް ވަހީދާއަށެވެ. ނަމަވެސް ތަޅުމުން އެ ނަން ފާސްކޮށްފައެއް ނުވެ އެވެ. އޭނާއަށް މެންބަރު ކަމަށް އައްޔަންކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 22 މެންބަރުންނެވެ. ނުފެންނަ ކަމަށް 46 މެންބަރުން ވޯޓު ދެއްވިއިރު ވިކިކޮޅަކަށް ވޯޓުނުދޭ ތިން މެންބަރުން ތިއްބެވެ.

އޭގެ ފަހުން މުހައްމަދު ޝަހީބުގެ ނަން ވަނީ ފާސްކޮށްފަ އެވެ. އޭނާގެ ނަން ފެންނަ ކަމަށް ވޯޓު ދެއްވީ 55 މެންބަރުންނެވެ. ނުފެންނަ ކަމަށް ހަތް މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ނުޖެހޭ ތިން މެންބަރުން ތިއްބެވެ. ޒީނާ ޒާހިރު އައްޔަން ކުރަން ފާސްކުރީ 50 މެންބަރުން ވޯޓުންނެވެ. އޭނާގެ ނަން ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ނުޖެހޭ ހަ މެންބަރުން ތިއްބެވެ.

އައިމިނަތު ސަރާހަތު އިއްޒަތު ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރީ 58 މެންބަރުންގެ ވޯޓުންނެވެ. އޭނާގެ ނަން މެންބަރު ކަމަށް ނުފެންނަ ކަމަށް ތިން މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދޭ ފަސް މެންބަރުން ތިއްބެވެ.

ފާތިމަތު ޒައިނާ އައްޔަން ކުރަން ނިންމީ 53 މެންބަރުން ވޯޓުންނެވެ. ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ނުޖެހޭ ހަތަރު މެންބަރުން ތިއްބެވެ. އިސްމާއިލް ސޮވާން އައްޔަން ކުރީ 53 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ތިން މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ނުޖެހޭ 8 މެންބަރުން ތިއްބެވެ.

ހަސަން ނަބާހު މެންބަރު ކަމަށް އައްޔަން ކުރުމަށް ފާސްވީ 55 މެންބަރުންގެ ވޯޓުންނެވެ. އެ ނަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ނުޖެހި 8 މެންބަރުން ތިއްބެވެ.