ހަބަރު

ވެލާ ކަހަނބު ދާއިމީކޮށް ހިމާޔަތްކޮށްފި

ތިމާވެށީގެ ގާނޫނު ގެ ދަށުން ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ ވެލާ ކަހަނބުގެ ހުރިހާ ބާވަތެއް މިއަދުން ފެށިގެން ދާއިމީ ގޮތެއްގައި ހިމާޔަތްކޮށްފައިވާ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެފި އެވެ. މީގެ ކުރިން ވެލާ ކަހަނބު ހިމާޔަތްކުރީ 2005 ވަނަ އަހަރު އެވެ. އެކަމަކު އެއީ 10 އަހަރުގެ މުއްދަތަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނީ، ވެލައާއި ކަހަބުގެ ހުރިހާ ބާވަތެއް މިއަދުން ފެށިގެން ދާއިމަށް ހިމާޔތްކޮށްފައިވާ ކަމަށެވެ.

ވެލާ ކަހަނބު ހިމާޔަތްކުރުމާ ގުޅިގެން ކުރުން މަނާ ކަންތައްތައް:

ވެލާ ކަހަނބުގެ ބާވަތްތައް ހިފުން
ވެލާ ކަހަނބުގެ ބިސް ނެގުމާއި ބިސްވަޅުތަކަށް ގޯނާ ކުރުން
ވެލާ ކަހަނބު ގެންގުޅުން
ވެލާ ކަހަނބާއި އޭގެ ބައިތަކުގެ ވިޔަފާރިކުރުން
ވެލާ ކަހަނބަށް އެއްވެސް ގޯނާއެއް ކުރުމާއި އަދި އެ ތަކެތި އާންމުކޮށް އުޅޭ މާހައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުން
ވެލާ ކަހަނބާއި، ވެލާ ކަހަނބުގެ ބިހާއި، ވެލާ ކަހަނބުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އިމްޕޯޓްކޮށް އެކްސްޕޯޓް ކުރުން

މީގެ އިތުރުން އެއްވެސް ފަރާތަކުން ވެލާ އާ ބެހޭ ދިރާސާ ކުރުމާއި ވެލާ ކަހަނބު އާލާކުރުމުގެ މަސައްކަތް މިނިސްޓްރީގެ ހުއްދަ ނުހޯދައި ކުރުމަކީވެސް މަނާ ކަމެކެވެ. އެ މިނިސްޓްރީން ބުނީ މިހާތަނަށް އެއްވެސް ފަރާތަކުން ވެލާ އާލާކުރުމާއި އެތަކެއްޗާ ބެހޭ ދިރާސާއެއް ހަދާ ނަމަވެސް އެކަން އެ މިނިސްޓްރީއަށް އެންގުމަށެވެ. އެހެންކަމުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް އެކަން އަންގައި ހުއްދަ ހޯދުމަށެވެ.

ވެލާ ކަހަނބަށް ގެއްލުންވާގޮތަށް އަމަލުކުރާ ފަރާތްތަކަށް ގާނޫނުގައިވާ ގޮތަށް އަދަބުދޭނެ ކަމަށް ވެސް އެ މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.