ބޭރު ކުޅިވަރު

ފީފާގެ ރައީސްކަމަށް ޖިނޮލާ އަށް ވާދައެއް ނުކުރެވޭ

ފީފާގެ ރައީސް ކަމަށް ކުރިމަތިލާން ނިންމި ނަމަވެސް، ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ފުރިހަަމަ ނުކުރެވުމުން އެ މަގާމަށް ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޑޭވިޑް ޖިނޮލާ ބުނެފި އެވެ.

ކުރިން ނިއުކާސަލް ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅުނު ޖިނޮލާ ،47، އަށް ފީފާގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިނުލެވުނީ އެކަށީގެންވާ ވަރަށް ފީފާގެ މެމްބަރު އެސޯސިއޭޝަންތަކުގެ ތާއީދު ނުލިބުމުންނެވެ. ފީފާގެ ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މަދުވެގެން ފަސް މެމްބަރު އެސޯސިއޭޝަންގެ ތާއީދު ހޯދުން ހިމެނެ އެވެ.

"ހިތާމަކުރަން ފީފާގެ ރައީސް ކަމަށް ކުރިމަތިނުލެވޭތީ،" ޖިނޮލާ ބުންޏެވެ.

ފީފާގެ ރައީސް ޖޯސެޕް ބްލެޓާ ވަނީ ފަސް ވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވައިފަ އެވެ. ނެދަލޭންޑްސްގެ ފުޓްބޯލް ފެޑޭރޭޝަންގެ ރައީސް މައިކަލް ވެން ޕްރާގް އާއި ޕޯޗުގަލްގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ލުއިސް ފީގޯ އަދި އޭއެފްސީގެ ނައިބު ރައީސް ޖޯޑަންގެ ޕްރިންސް އަލީ ވެސް ފީފާގެ ރައީސް ކަމަށް ވާދަކުރަން ވަނީ ނިންމައިފަ އެވެ.

ޕްރިންސް އަލީ އަށް ތާއީދުކުރާނެ ކަމަށް އިނގިރޭސި ފުޓްބޯލް އެސޯސިއޭޝަން އިން ވަނީ ބުނެފަ އެވެ. ފީފާގެ ރައީސް ކަމަށް ކުރިމަތިލުމަށް ބޭނުންވާ އަދަދަށް މެމްބަރު އެސޯސިއޭޝަން ތާއީދު ލިބިފައިވާ ކަމަށް ޕްރިންސް އަލީ ވަނީ ވިދާޅުވެފަ އެވެ.

ފީފާގެ ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ފާއިތުވި ފަސް އަހަރުގެ ތެރެއިން ދެ އަހަރު ފުޓްބޯލް އެޑްމިނިސްޓްރޭޝަންގައި އަމަލީ ގޮތުން މަސައްކަތްކުރުން ހިމެނެ އެވެ.

ފީފާގެ އިންތިހާބު އޮންނާނީ މޭ މަހުގެ 29 ވަނަ ދުވަހު އެވެ. -- ބީބީސީ