އޮފްބީޓް

ށ. މިލަންދުއަށް މިއަދު އިރުއެރިގޮތަކީ މިއީ!

މިއަދަކީ ށ. މިލަންދޫގެ ރައްޔިތުންނަށް އާދައިގެ ދުވަހެއް ނޫނެވެ. އާދައިގެ ދުވަހަކަށް ތައްޔާރުވަމުން ދިޔަ ނަމަވެސް އަރައިގެން އައި އިރާއެކު އެންމެން ވެސް އަތިރިމައްޗަށް ދަމައިގަނެގެން ދިޔައީ އެވެ. އެ ދަމާ ބާރަކަށްވީ، ރަށުގެ ފަޅު ތެރެއަށް ވަދެ ހަދާނެ ގޮތް ހުސްވެފައި އޮތް ރިއްމަސް ބައިގަނޑެކެވެ.

"ރިއްމަސް އެކަންޏެއް ވެސް ނޫން. ލައްޓި އާއި ރާގޮނޑި ވެސް އެބަހުރި. ކުދިކުދި ކަންނެލި ވެސް އެބަނަގާ،" ރިއްމަސް ބައިގަނޑަށް ފާރަލައިގެން ގޮނޑުދޮށަށް ގެނެސް ވަލާއި ދާ ޖަހައިގެން މަސްތައް ނަގަމުން އަންނަ ސަރަހައްދުގައި ހުރި މީހަކު ފޯނުން ވާހަކަ ދައްކަމުން މީގެ ކުޑައިރުކޮޅެއް ކުރިން ކިޔައިދިނެވެ.

އޭނާ ބުނީ ހެނދުނު ފެށި މަސައްކަތް އަދިވެސް ނުނިމޭ ކަމަށާއި ދާ ޖަހައިގެން މަސްތައް އެއްގަމަށް އެރުވުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދަނީ ކަމަށެވެ. އޭނާ ފޯނުން ވާހަކަ ދައްކަމުންދިޔައިރު އެ މާހައުލުގެ ފޯރި އާއި އަޑު ވެސް ކޮންމެވެސް ވަރަކަށް އިވެ އެވެ.

ރިއްމަހާއި ލައްޓި އާއި ރާގޮނޑި ނެގުމަށް ކުރަމުންދާ މަސައްކަތުގައި ރަށުގެ އެންމެން ކަހަލަ ގޮތަކަށް ދަނީ ބައިވެރިވަމުންނެވެ. މިއީ ގާތްގަނޑަަކަށް 2،400 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ތިލަވެފައި އޮތް މަސްއައިނުން މަސް ނަގައި އެއްގަމަށް އުކަމުން އަންނައިރު ރަށުގެ ކޮންމެ މީހަކަށް މަހެއް ޖެހޭ ވަރުވާނެ ކަމަށް ލަފާކުރެވެ އެވެ.

މިހާރު ވެސް އެ އަދަދު ވަނީ ފަހަނަޅައިގޮސްފަ އެވެ. ހިފައި އެއްގަމަށް އަރުވާފައިވާ މަހުގެ އަދަދު މިހާރު ވެސް 2،000 އަށް ވުރެ މައްޗަށް އަރަ އެވެ.

ތިލަވެފައި އޮތް މަސްއައިނުން މަސް ހިފަމުން ގެންދާ ގޮތް ކިޔައިދެމުން އެ ރަށުގެ މީހަކު ބުނީ އެންމެ ފުރަތަމަ މި މަސްއައިނެއް ތިލަވެގެން އުޅޭކަން އެނގުމުން ބަޔަކު މީހުން ޑިންގީއެއްގައި ގޮސް ރަނގަޅަށް ބަލައިލީ ކަމަށެވެ.

"ދެން އަޅުގަނޑުމެން މި ބޭނުންކުރަނީ ވަލެއް. އޭގެ ޝެޑޯ ފެނުނީމަ އެ މަސްތައް ބިރުން އެއްތަނަކަށް ޖަމާވާނެ. އެގޮތަށް ގެނެސް އެ ވަލުގެ ބޭރުން އަޅާނީ ދިގުދާ. ދެން އެހެން ދަލެއް ޖަހައިގެން މަސްތައް ނަގަމުން މި ދަނީ،" ރަށުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

އޭނާ ބުނީ މިދިޔަ މަހުގެ ދުވަހެއްގައި ވެސް ތިން ފަހަރެއްގެ މަތިން ރިއްމަސް އެ ރަށުގެ ފަޅުތެރެއަށް ތިލަވެގެން އުޅުނު ކަމަށެވެ. އަދި އާންމުކޮށް އިރުވައި މޫސުމުގައި މިގޮތަށް މަސްތައް ތިލަވާ ކަމަށް ބުންޏެވެ.

ށ. މިލަންދޫ އަކީ ފުދޭވަރަކަށް ފަހުން މީހުން އާބާދުވި ރަށެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުރިއަށް ގެންދެވި އެއްފަސްކުރުމުގެ ސިޔާސަތުން މި ރަށުގައި މީހުން އާބާދުކުރީ 2006 ވަނަ އަހަރު އެވެ. މިލަންދޫގައި ދިރިއުޅެނީ މާކަނޑޫދޫ މީހުންނެވެ.

މިވެރިންގެ އާންމު މަސައްކަތަކީ ގެދޮރުއިމާރާތްކުރުމުގެ މަސައްކަތާއި ދަނޑުވެރިކަމެވެ.

ރިއްމަހާއި ރާގޮނޑިއާއި ލައްޓީގެ ފޯރިއެއް މިލަންދޫ އަށް އަރައިގަނެގެން އުޅޭއިރު މިއަދު ހިފާ މަސްތައް ރަށުގެ އެންމެން މެދުގައި ބެހުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރަށުގައި އުޅޭ ބިދޭސީންގެ މެދުގައި ވެސް ތަފާތުކުރުމެއް ނެތި އެމީހުންނަށް ވެސް ބައިއަޅާނެ ކަމަށް ބުނެފައިވެ އެވެ.