ހަބަރު

އަބުރާ ގުޅޭ ބިލު ފާސްކުރާނީ ނޫސްވެރިންނަށް ދަތި ނުވާ ގޮތަށް: ނިހާން

  • ބިލް އަނބުރާ ނުގެންނާނެ
  • ބިލް ބަދަލު ކުރާނީ މީޑިއާ ކައުންސިލްގެ އެހީއާ އެކު
  • ބިލް މަޑުޖައްސާލާފައި ވަނީ ކަންބޮޑުވުންތަކަށް އެޑްރެސްކުރަން

އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ހުށަހަޅާނީ ނޫސްވެރިންނަށް ދަތިނުވާނެ ގޮތަށް ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން މިހެން ވިދާޅުވީ އަބުރު ރައްކާތެރި ކޮށްދިނުމުގެ ބިލާއި ގުޅިގެން ނޫސްވެރިންނަށް ކުރިމަތި ވެދާނެ ދަތިތަކާއި ބެހޭ ގޮތުން މީޑިއާ ކައުންސިލްގެ މެމްބަރުން ނިހާންއާ މިއަދު 3:40 ހާއިރު މަޝްވަރާ ކުރެއްވުމަށް ފަހު، މަޖިލީސް ކައިރީ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

ނިހާން ވިދާޅުވީ އެ ބިލް މިހާރު އޮތްގޮތަށް ފާސްވެއްޖެ ނަމަ ނޫސްވެރިންނަށް ދިމާވެދާނެ ބިރުތަކާއި ދަތިތަކާއި ހުރެ އެ ބިލް އަނބުރާ ގެނައުމަށް މީޑިއާ ކައުންސިލުން އެދުނު، ނަމަވެސް އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް ނިހާން ވިދާޅުވި އެވެ. އެ ބިލްގެ މުހިންމުކަން ރާއްޖެއަށް ބޮޑުކަން ފާހަގަ ކުރައްވަމުން ނިހާން ވިދާޅުވީ ބިލު އަނބުރާ ގެންދިޔުމުގެ ބަދަލުގައި ނޫސްވެރިކަމަށް ދަތިވާނެކަމަށް މީޑިއާ ކައުންސިލަށް ފާހަގަކުރެވޭ ކަންކަން ހިމަނައި ނޫސްވެރިންނަށް ދަތި ނުވާނެ ފަދަ ހަމަތައް މި ބިލްގައި ބަޔާންކުރާނެ ކަމަށެވެ. އަދި އެ ބަދަލުތައް ގެންނަން އެކަށީގެންވާ ފުރުސަތު ދެއްވާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ނޫސްރިންނަށް ދައްޗެއް ތުރާލެއް ނުވާނެ ގޮތަކަށް މި ބިލު ގެނެވޭނެ ކަމަށާއި އަދި ހުށަހެޅުވި ނުކުތާތަކަށް މަޝްވަރާކޮށް މީޑިއާ ކައުންސިލާއި މަޖިލީހުގެ މެންބަރުން އެއްބަސްވާ ކަލަހަ ބިލެއް ނިމިގެން ދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ތަހުޒީބީ މުޖުތަމައުއެއްގައި މީހެއްގެ ބޭނުންވީމައި މީހެއްގެ އަބުރާ ބެހިލާގެން ހަމަ އުޅެން. ނަމަވެސް ސަރުކާރެއް ނުވަތަ ވެރިކަމެއް ކުރާ ކަމެއްގެ ވާހަކަ ލިޔުމުން ނުވަތަ ހިޔާލު ފާޅު ކުރުމުގެ ސަބަބުން އެއަށް ހަނިވާ ގޮތަކަށް އެއްގޮތަކަށް އެކަން ކުރާކަށް ނޫން ބޭނުންވީ،"ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އެ ގާނޫނުގެ ފުރަތަމަ ކިޔުން ނީއްވާ މިހާތަނަށް ވެސް މަޑު ޖައްސާލާފައި އޮތީ މިފަދަ ބައެއް ކަންބޮޑުވުން ތަކެއް ހުރުމުން ކަމަށާއި އަދި އެ މައްސަލަތައް ހައްލުކޮށް އެދެވޭ ނަތީޖާ އަކަށް އައުމަށް ފަހު ބިލު މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށެވެ.