ބޭރު ކުޅިވަރު

ސިޓީ އާއި ޗެލްސީ: މިރޭގެ މެޗުގެ ކުރިން

Jan 31, 2015

އިންގްލިޝް ޕްރިމިއާ ލީގުގައި މިއަދު ކުރިއަށް ހުރި މެޗްތަކަށް ބަލާލާއިރު އެންމެ ބޮޑު އަދި އެންމެ މުހިންމު ކުރިމަތިލުމަކަށް ވެގެންދާނީ ލީގު ތާވަލުގެ އެއް ވަނާގައި އޮތް ޗެލްސީ އާއި ލީގު ޗެމްޕިއަމް މެންޗެސްޓާ ސިޓީގެ ކުރިމަތިލުންކަން ޔަގީނެވެ. ތަޖުރިބާކާރުން ބުނަނީ ސިޓީގެ މައްޗަށް މިހާރު ފަސް ޕޮއިންޓްގެ ލީޑެއް ހޯދައިގެން އޮތް ޗެލްސީ މިރޭގެ މެޗުން މޮޅު ވެއްޖެ ނަމަ ދެން ޗެލްސީ އަތުލަން ފަސޭހައެއް ނުވާނެ ކަމަށެވެ.

ސްޓެމްފޯޑް ބްރިޖުގައި ކުޅޭ މެޗުން ސިޓީ ބަލިވެއްޖެ ނަމަ ޗެލްސީން އަށް ޕޮއިންޓްގެ ލީޑެއް ނަގާނެ އެވެ. އެހެންވީމަ މިރޭގެ މެޗް ފެށެން ވަގުތު ކުޑަތަވަމުން އަންނައިރު ދެ ޓީމު އޮތް ހާލަތުން ފަށަމާ ހިނގާށެވެ.

ލީގު ކަޕުގައި ލިވަޕޫލާ ދެކޮޅަށް ކުޅެ ފެބްރިގާސް އިންޖަރީވެފައިވާއިރު އިވަނޮވިޗާއި ފިލިޕޭ ލުއިޒް ވެސް އަނިޔާއާ ހެދި މިރޭ ފެންނާނެހެން ހީއެއް ނުވެ އެވެ.

ޔާޔާ ޓޫރޭ އަކީ ސިޓީ އަށް ކިހާ މުހިންމު ކުޅުންތެރިއެއް ހެއްޔެވެ؟ ބައެއް މީހުން ބުނާނީ ވަރަށް މުހިންމު ކުޅުންތެރިޔެކޭ އެވެ. ނަމަވެސް ޓޫރޭ އާއި އަލަށް ގުޅުނު ބޮނީއާ ނުލައި ވެސް މި މެޗު ކާމިޔާބުކުރުމުގެ ގާބިލުކަން ސިޓީގެ ސްކޮޑްގައި އެބަހުއްޓެވެ.

މިސާލަކަށް ޔޫރަޕްގެ ބޮޑު ބާރު، ބަޔާން މިއުނިކާއި ރޯމާގައި ރޯމާގެ މައްޗަށް ހޯދި ކާމިޔާބީގައި ވެސް ޓޫރޭއެއް ނެތެވެ. އެހެންވީމަ ޗެލްސީ ބަލިނުކުރެވެންވީ ސަބަބެއް ނެތެއް ނޫން ހެއްޔެވެ؟

މިއީ ސިޓީގެ ފޭނުންގެ ހިޔާލެވެ. އެމީހުންނަށް ހަނދާންކޮށްލަ ދޭން ޖެހެނީ، ޓޫރޭއާ ނުލައި މި ސީޒަނުގައި ސިޓީ ލީގުގައި ކުޅެ މޮޅުވެފައި ނުވާ ކަމެވެ.

ނަމަވެސް ޗެލްސީގައި ކުޅެ ޗެލްސީ ބަލިކުރަން ސިޓީ ބޭނުން ނަމަ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އާއި ފޯވާޑް ސާޖިއޯ އަގުއޭރޯގެ ފަރާތުން މިރޭ އެމީހުންގެ މޮޅު ކުޅުން ފެންނަން ޖެހޭނެ އެވެ. މި ދެ ކުޅުންތެރިން ވެސް އެނބުރި އައިސްފައި އެ ވަނީ އަނިޔާގެ މެދުކެނޑުމަކަށް ފަހު އެވެ.

އަނެއްކޮޅުން ޗެލްސީގެ ކުރީގެ ތަރި އަދި މިހާރު ހުރިހާ ވަޅުގަނޑަކުން ސިޓީ ސަލާމަތްކޮށްދެމުން އަންނަ ފްރޭންކް ލަމްޕާޑް ވެސް ވާނީ މިރެއަށް މުހިންމު ކުޅުންތެރިޔަކަށެވެ. އެންމެފަހުން އިއްތިހާދުގައި މި ދެ ޓީމު ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރަން ދަނިކޮށް ފަހު ވަގުތު ނަތީޖާ ހަމަހަމަކޮށް ދިނީ ލަމްޕާޑެވެ.

ޗެލްސީ އަށް ބަލާއިރު އެންމެން ވެސް ބުނަނީ މި ޓީމު ކުޅޭނީ ބަލިނުވެ މެޗް ނިންމާލުމަށް ކަމަށެވެ. ޗެލްސީ އަށް "ބަސް ޕާކްކުރުމަށް" ދެން މާ މަޝްހޫރު ޓީމެކެވެ. ލީގުގެ މި ސީޒަނުގެ އެންމެ މޮޅު ޑިފެންސް އޮތީ ވެސް އެމީހުންގެ އަތުގަ އެވެ.

ޗެލްސީގެ ދަނޑުގައި ސިޓީ އަށް މިހާތަނަށް ކާމިޔާބު ކުރެވިފައި ވަނީ ލީގުގައި އެންމެ ދެ މެޗެވެ. ހަތަރު މެޗުން އެއްވަރުވެފައިވާއިރު 11 ފަހަރެއްގެ މަތިން ބަލިވެފައިވެ އެވެ.

ޗެލްސީ އަށް ވުރެ ގިނައިން ޕްރިމިއާ ލީގުގައި ސިޓީ ބަލިކުރި އެހެން ޓީމެއް ނެތެވެ. ޗެލްސީ އާއި އާސެނަލް އިން ވަނީ 22 ފަހަރެއްގެ މަތިން ލީގުގައި ސިޓީ ބަލިކޮށްފަ އެވެ.

ސިޓީއާ ދެކޮޅަށް ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ޗެލްސީ ބަލިވެފައެއް ނެތެވެ. ނަމަވެސް މިދިޔަ ސީޒަނުގެ އެފްއޭ ކަޕުގައި ސިޓީން ޗެލްސީ ބަލިކުރި އެވެ.

މި ޓީމުގެ ކޯޗް ހޯސޭ މޮރީނިއޯގެ ޓީމެއްގެ ކޮޅަށް ހަތަރު ގޯލު ވަނުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ބްރެޑްފޯޑް އިން ޗެލްސީގެ އަމިއްލަ ދަނޑުގައި އެމީހުން ކޮޅަށް ހަތަރު ލަނޑު ޖަހައިގެން އެމީހުން ބަލިކުރީ މިދިޔަ ހަފުތާ ބަންދުގަ އެވެ.

އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުގައި ޗެލްސީން މި ސީޒަނުގައި މެޗެއްގެ މައްޗަށް 2.4 ގޯލު އެބަ ޖަހަ އެވެ.

ޑިފެންސް އެންމެ ރަނގަޅީ އެމީހުންގެ އެވެ. އެންމެ ފަހުން ކުޅުނު 10 މެޗުގައި ބައިކޮޅަށް ވަނީ އެންމެ ތިން ގޯލެވެ.

ސީޒަނުގެ މިހާތަނަށް ޖޯން ޓެރީ އާއި އިވަނޮވިޗް އަދި ހަޒާޑް ލީގުގައި ނުކުޅޭ މެޗެއް ނުދެ އެވެ. 

އެންމެފަހުން ކުޅުނު ތިން މެޗުން ވެސް ސިޓީ މޮޅުވެފައެއް ނެތެވެ. އެއް މެޗުން އެއްވަރުގެ ދެ މެޗުން ބަލިވީ އެވެ.

އެކަމަކު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެސްޓް ހޭމް އަތުން ބަލިވި ފަހުން އަމިއްލަ ދަނޑުން ބޭރުގައި ކުޅެ ސިޓީ އަދި ބަލިވެފައެއް ނެތެވެ.

ޓޫރޭއާ ނުލައި ސިޓީ ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައެއް ނެތެވެ. މިރޭ ވެސް ޓޫރޭއެއް ނެތެވެ.

ނަމަވެސް ސިޓީ އަކީ މި ސީޒަނުގައި ލީގުގެ ހުރިހާ މެޗެއްގައި މިހާތަނަށް ގޯލު ކާމިޔާބުކޮށްފައިވާ ހަމައެކަނި ޓީމެވެ.

އަނިޔާ އިން އެނބުރި އައިފަހުން އަގުއޭރޯ އަދި ލަނޑެއް ނުޖަހަ އެވެ. މިހާރު އެ ދިޔައީ ހަތަރު މެޗެވެ.