ހަބަރު

ރިލްވާން ވަގަށް ނެގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

Apr 5, 2016
1

މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މައްސަލައިގައި، ފުލުހުން ދެ މީހަކު ހައްޔަރުކޮށްފި އެވެ. ހުޅުމާލޭގައި އޭނާ ދިރިއުޅުނު އެޕާޓްމަންޓްގެ ކައިރިން ރިލްވާން ވަގަށް ނަގާފައި ވަނީ، 8 އޮގަސްޓް 2014 ވަނަ ދުވަހުގެ ރޭ އެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި މާލެއިން ހައްޔަރު ކުރީ 29 އަހަރުގެ މީހެއް ކަމަށެވެ. އަދި ހުޅުމާލެއިން ހައްޔަރު ކުރީ 31 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން މިއަދު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ހައްޔަރު ކުރ ހުސް ދިވެހިންނެވެ. މީގެ ކުރިން 2014 ވަނަ އަހަރުގެ ތެރޭގައި ވެސް ރިލްވާން ގެއްުލުވާލި ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށް ފަހުން ދޫކޮށްލި އެވެ. މިއަދު ހައްޔަރު ކުރި ދެ މީހުންނަކީ އޭރު ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ބައެއް ކަމެއް އަދި ނޭނގެ އެވެ. ހައްޔަރު ކުރީ ކޮން ބައެއްކަމެއް ފުލުހުން އަދި ނުބުނެ އެވެ.

އެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ، ކުޑަހެންވޭރަށް ނިސްބަތްވާ، އަދި މީގެ ކުރިން އެ މައްސަލައިގައި ހައްޔަރު ވެސް ކުރި އަޒްލިފް ރައޫފް ވަނީ ކޯޓުން ދޫކޮށްލާފައިވަނިކޮށް ރާއްޖެއިން ބޭރަށް ގޮސްފައި އެވެ. އޭނާ ސީރިޔާ ހަނގުރާމައިގައި މަރުވި ކަމުގެ އަޑުތައް ވެސް ފެތުރުނެވެ. އެކަމަކު އޭގެ ހަގީގަތެއް ނޭނގެ އެވެ.

ފުލުހުން އެ ދުވަހުން ފެށިގެން ކުރި ތަހުގީގުތަކަށް ފަހު މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރެސްގައި ފުލުހުން ބުނެފައި ވަނީ، ރިލްވާން އެރުވި ކަމަށް ތުހުމަތު ކުރެވޭ ރަތްކުލައިގެ ކާރުގެ ޑިކީގެ ތެރޭގައި އަޅާފައި އޮތް ކާޕެޓެއްގެ ތެރެއިން ފެނުނު ފަސް އިސްތަށިން ކުރެ، އެއް އިސްތަށިން ނެގި ޑީއެންއޭ ސާމްޕަލް ރިލްވާން މަންމަގެ ޑީއެންއޭ އާ ދިމާވާ ކަމަށެވެ. އަދި އޭނާ ގެއްލުނު ރޭ ކުޑަހެންވޭރު ގޭންގަށް ނިސްބަތްވާ، ސުވައިދު ކިޔާ މީހަކު މާލޭގައި ރިލްވާންގެ ފަސްފަހަތުން ގޮސް ފާރަލީކަން ސީސީޓީވީ ފްޓޭޖްތަކުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ރިލްވާނަށް ފާރަލީ ސުވައިދު ވެސް ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި ތަނުން، ސީރިއާއަށް ގޮސް އެ ގައުމުގައި ހަނގުރާމަ ކުރަމުން އަންނަ ކަމަށްވެ އެވެ. އެކަމަކު އޭގެ ހަގީގަތެއް ނޭނގެ އެވެ.

ރިލްވާންގެ މައްސަލައިގައި ހައްޔަރު ކުރި މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުން އެ މައްސަލަ އޭރު ފުލުހުން ހައިކޯޓްގައި އިސްތިއުނާފު ނުކުރި މައްސަލަ އާއި އެ މީހުން ބޭރަށް ފުރައިގެން ދިޔަ އިރު އެކަން ހުއްޓުވަން މަސައްކަތެއް ނުކުރި މައްސަލައިގައި ފުލުހުންނަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ. ނޫސްވެރިން ބުނަނީ އެ މައްސަލައިގައި ފުލުހުންގެ އިހުމާލު ބޮޑު ކަމަށެވެ.