ހަބަރު

ރަސްފަންނުގެ ލޮނުގަނޑު ސާފުވެ މޫދަށް އެރެން ހުއްދަ ދީފި

ނަޖިސް ހޮޅިއެއް ފަޅައިގެން ގޮސް ތަގައްޔަރުވުމުގެ ސަބަބުން މޫދަށް އެރުން މަނާކޮށްފައި އޮތް ރަސްފަންނު ބީޗްގެ މޫދު މިހާރު ސާފުވެ މޫދަށް އެރެން އެތަން ރައްކާތެރި ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

މީގެ ކުރިން ކުރި ތަހުލީލުތަކަށް ފަހު އެމްއެފްޑީއޭ އިން ބުނެފައި ވަނީ އެތަނަށް މޫދަށް އެރުން ރައްކާތެރި ނޫން ކަމަށެވެ.

ނޭޝަނަލް ހެލްތު ލެބޯޓަރީ އިން ރަސްފަންނު ލޮނުގަނޑުގައި ހެދި ތަހުލީލުތަކަށް ފަހު މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރަސްފަންނުގެ މޫދު މިހާރު ވަނީ، މޫދަށް އެރޭ މިފަދަ ތަންތަނުގެ މިންގަނޑުތަކަށް ފެތޭ ކަމަށް ތަހުލީލުތަކުން ދައްކާފައި ކަމަށެވެ. އެހެން ނަމަވެސް އަލަށް ހެދި ސަރަހައްދަކަށް ވާތީ އެއް އަހަރު ދުވަސް ވަންދެން ފެނުގެ ތަހުލީލުތައް ކުރަމުން ދާނެ ކަމަށް ވެސް ބުންޏެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަސްފަންނު މޫދުގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމުގެ ގޮތުން ރާއްޖެއިން ބޭރުގެ ލެބޯޓްރީއަކުން ވެސް ފެނުގެ ތަހުލީލުތައް ކުރަމުން ދާނެ ކަމަށް ވެސް ބުންޏެވެ.

"ރަސްފަންނުގެ ރައްކާތެރިކަން ބެލުމަށްޓަކައި "އެންހާންސްޑް މޮނިޓަރިން ޕްރޮގްރާމް" އެއް އަހަރު ދުވަގުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔުމަށް ހަމޖެހިފައިވެ އެވެ. އަދި ގަވާއިދުން އެ މޫދުގެ ލޮނުގަނޑު ޓެސްޓު ކުރެވެމުން ދާނެ އެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގެ ރެފަރަންސް ލެބޮޓަރީއަކުން ވެސް ރަސްފަންނު މޫދު ޓެސްޓު ކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ،" އެމްއެފްޑީއޭ އިން ބުންޏެވެ.

ރަސްފަންނުގެ ލޮނުގަނޑުގެ ތަހުލީލުތައް ފެށީ މިދިޔަ މަހުގެ 25 އިން ފެށިގެންނެވެ. އެތަނުގެ މޫދު ތަގައްޔަރުވީ، ވެސްޓް ޕާކާ ދިމާލަށް އޮތް ނަޖިސް ހޮޅިއެއް ފަޅައިގެން ގޮސް އެ ސަރަހައްދުގެ މޫދަށް ނަޖިސް ބޭރުވުމުންނެވެ.