ވިޔަފާރި

އުރީދޫ އިން އިންސްޓޯލްމަންޓަށް އައިފޯން އެސްއީ ވިއްކަން ފަށައިފި

ހަތަރު އިންޗީގެ ޑިސްޕްލޭ ހިމެނޭ އެންމެ ބާރުގަދަ ފޯނު ކަމަށްވާ އެޕަލް އައިފޯން އެސްއީ އުރީދޫ އިން ލޯންޗުކޮށފި އެވެ.

އުރީދޫ އިން އެޕަލް އައިފޯން އެސްއީ މިއަދު ލޯންޗުކޮށްފައިވާ އިރު މިދިޔަ ހަފްތާގެ ތެރޭގައި އެކުންފުނިން ވަނީ އައިފޯން އެސްއީގެ ޕްރީ އޯޑަރު ނަގަން ފަށާފައެވެ. އަދި އެންމެ ފުރަތަމަ އެ ފޯން ޕްރީ އޯޑަރު ކުރި ފަރާތްތަކަށް މިއަދު ވަނީ ފޯން ހަވާލުވެސް ކޮށްފަ އެވެ.

އުރީދޫ އިން އައިފޯން އެސްއީ ވިއްކައި ޕެކޭޖުތަކު ތެރޭގައި ހިލޭ ކޯލް އަދި 12 ޖީބީގެ ހިލޭ ޑޭޓާ ހިމެނޭ ފުލް ޕޭމަންޓް އޮފާއެއް ވަނީ ތައާރަފްކޮށްފައެވެ. އެކުންފުނިން ބުނީ މި އޮފާ މެދުވެރިކޮށް އައިފޯން އެސްއީގެ 16 ޖީބީގެ ފޯން ލިބޭނީ 7،849 ރުފިޔާ އަށް ކަމަށާއި އައިފޯން އެސްއީގެ 64 ޖީބީގެ ފޯނު ލިބޭނީ 9،699 ރުފިޔާ އަށް ކަމަށެވެ.

މީގެ އިތުރުން 12 މަހަށް ބަހާލެވިފައިވާ އިންސްޓޯލްމަންޓު ޕެކޭޖުތެރޭގައި 1،999 ރުފިޔާގެ ޑައުންޕޭމަންޓެއް ހިމެނޭ އިންސްޓޯލްމަންޓް ޕެކްތައް މެދުވެރިކޮށް، އައިފޯން އެސްއީގެ 16 ޖީބީގެ ފޯނު މަހަކު 499 ރުފިޔާ އަށް ލިބޭ ކަމަށާއި 64 ޖީބީގެ ފޯނު ލިބޭނީ މަހަކު 649 ރުފިޔާ އަށް ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ އިން އިތުރަށް ބުނީ ޕޯސްޓްޕެއިޑްގެ 499 އާއި 549 އަދި 749ގެ އިތުރުން 999 ރުފިޔާގެ ޕެކޭޖްއާއިއެކު އިންސްޓޯލްމަންޓް ޕްލޭން މެދުވެރިކޮށް، އައިފޯން އެސްއީ ގަންނަ ކަސްޓަމަރުންނަށް އަންލިމިޓެޑް ކޯލް، އަންލިމިޓެޑް އެސްއެމްއެސް، އަދި 10 ޖީބީ އާއި ހަމައަށް ޑޭޓާ މުޅިން ހިލޭ ލިބުމުގެ އިތުރުން، ވަރަށް ފުރިހަމަ އައިޑީޑީ އޮފަާތަކެއްވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އުރީދޫ އިން އައިފޯން އެސްއީ ލޯންޗު ކުރުމާއި ގުޅިގެން އެކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ދިވެހިންނަކީ ބައިނަލްއަގްވާމީ މާކެޓަށް ތައާރަފް ކުރާ އެންމެ ފަހުގެ އެޑްވާންސް އުފެއްދުންތައް، އެންމެ ކުރިން ގަތުމަށް ޝައުގުވެރިވާ ބައެއް ކަމަށާއި އެހެންކަމުން ފަހުގެ އުފެއްދުންތަކާއި ޓެކްނޮލޮޖީތައް އުރީދޫގެ ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުމަށްޓަކާ، ފަސޭހަ، އަގުހެޔޮ ޕެކޭޖްތަކެއް ތައާރަފްކޮށްދިނުމަކީ އެކުންފުނިން އަހަމިއްޔަތުކަން ދޭ ކަމެއް ކަމަށެވެ.