ހަބަރު

ގޭ ބަންދުގައި ހުރި އިމްރާންއާ އެމެރިކާ ސަފީރު ބައްދަލު ކުރައްވައިފި

Apr 6, 2016
3

ޖަލުގެ މަރާމާތުތަކެއް ކުރިއަށް ދާތީ ގޭ ބަންދަށް ބަދަލުކޮށްފައި ހުރި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާ، ރާއްޖެ އާއި ލަންކާއަށް ކަނޑައަޅާފައި ހުންނަ އެމެރިކާ ސަފީރު، އަތުލް ކޭޝަބް މިއަދު ބައްދަލު ކުރައްވައިފި އެވެ.

އަދާލަތު ޕާޓީގެ، ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މެންބަރު ޝިދާތާ ޝަރީފް މީގެ އިރުކޮޅެއް ކުރިން ވަނީ އެ ބައްދަލުވުމަށް ފަހު، އިމްރާން އާއި އެހެން ވެސް ބައިވެރިންނާ އެކު ސަފީރު ނެންގެވި ފޮޓޯއެއް ޓްވީޓް ކުރައްވައިފަ އެވެ. ޝިދާތާ ވިދާޅުވީ އިމްރާންގެ ގޭގައި ބޭއްވި އެ ބައްދަލު ކުރެއްވުމުގައި ރާއްޖޭގެ ހާލަތާ މެދު ހުރި ކަންބޮޑުވުންތައް ސަފީރާ ހިއްސާ ކުރެއްވި ކަމަށެވެ. އަދި ސަފީރު ޕާޓީގެ އިސް ފަރާތްތަކާ ބައްދަލު ކުރެއްވީތީ އުފާކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެ ބައްދަލުވުމުގައި އިމްރާންގެ އަރިހުގައި ޝިދާތާގެ އިތުރަށް އިމްރާންގެ ވަކީލު އަލީ ޒާހިރާއި އެހެން އިސް އޮފިޝަލެއް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އިމްރާން މަސް ދުވަހަށް ގޭ ބަންދަށް ބަދަލު ކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އިމްރާން ގޭ ބަންދަށް ބަދަލު ކުރީ އައްސޭރި ޖަލުގައި އޭނާ ހައްޔަރުކޮށްފައި ހުންނަ ހާއްސަ ޔުނިޓް ބާވެފައި ވާތީ ޒަމާނީ ފެންވަރަކަށް މަރާމާތު ކުރުމުގެ ގޮތުންނެވެ.

އެމެރިކާ ސަފީރު މިއަދު ވަނީ އެމްޑީޕީއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އަދި އޭގެ ކުރިން ރައީސް އަބްދުﷲ ޔާމީން އާ ވެސް ބައްދަލު ކުރެއްވި އެވެ. އަދި މުޒާހަރާކުރަނިކޮށް ހައްޔަރު ކުރި ނޫސްވެރިންނާއި މީޑިއާތަކާއި ރައްޔިތުން މަޖިލީހުގެ މެންބަރުންނާ ވެސް ސަފީރު ވަނީ ބައްދަލު ކުރައްވައިފަ އެވެ.