އިމްރާން އަބްދުﷲ

އުއްމަތުގެ ނިކަމެތި ހާލަތުން ހިތާމަކުރަންޖެހޭ: އިމްރާން

އިސްލާމީ އުއްމަތް މިއަދު އޮތީ ނިކަމެތި ހާލަތެއްގައި ކަމަށާއި އެއީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ފަލަސްތީނުގެ ހާލަތަށް އަލިއަޅުއްވާލައްވާފަ އެވެ.

އެ ގޮތުން އަފްގާނިސްތާނަށް އެއް އަހަރު ދުވަހުގެ ތެރޭގައި ބޮން އެޅި އަދަދަށް އެންމެ ހަ ދުވަސް ތެރޭގައި އިޒްރޭލުން ގާޒާއަށް ބޮން އަޅާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މިއަދު އިސްލާމީ އުއްމަތުގެ ނިކަމެތިކަމާ ބަލިކަށިކަން ގޮސްފައިވާ ހާލަތު އަޅުގަނޑުމެން ހިތާމަ ކުރަންޖެހޭ ހިސާބުގަ މި އޮތީ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި އެކަމުގެ ހަގީގަތަކީ އީމާންތެރިކަން ބަލިކަށިވެފައިވާ މިންވަރާއި މުސްލިމް އުންމަތާ ދޭތެރޭ މުސްލިމުންގެ އިހްސާންތެރިކަން ނެތް މިންވަރެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވަނީ ރާއްޖެއަކީ އިސްލާމީ ގައުމެއްގެ ގޮތުގައި ދަމަހައްޓައި އަންނަ ޖީލުތަކަށް އެގޮތުގައި ގެންގޮސްދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.