ދުނިޔެ

އައިސްލޭންޑުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި! ޑޭވިޑް ކެމަރޮން ވެސް ހޫނުފެނުގައި!

ޕެނަމާ ސިޓީ (6 އެޕްރީލް) - ލީކު ކޮށްލާފައިވާ ޕެނަމާ ޕޭޕަރުތަކުގައި އޮފްޝޯ އެކައުންޓެއް ބޭނުންކޮށްގެން ބައިވަރު އިންވެސްޓްމެންޓް ފައިސާތަކެއް ފޮރުވައިގެން ގެންގުޅުނު މައްސަލަ ފަޅާއެރުމާ ގުޅިގެން އައިސްލޭންޑުގެ ބޮޑު ވަޒީރު ސިގްމުންޑޯ ގުންލައުގްސަން ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވައިފިއެވެ.

ޕެނަމާ ޕޭޕާޒް ލީކު ކުރުމުން، މި އޮފްޝޯ އެކައުންޓުގައި މިލިޔަނަކަށްވުރެ ގިނަ ފައިސާ ހުރި ކަމަށް ރިޕޯޓުތަކުން ދައްކައެވެ.

ބޮޑު ވަޒީރު އިސްތިއުފާ ދޭން ޖެހުނީ، ޓެކްސް ނުދައްކާ އޮފްޝޯ އެކައުންޓެއްގައި ފައިސާތަކެއް ގެންގުޅުނުކަމުގެ ތުހުމަތު ކުރެވިގެންނާއި އައިސްލޭންޑްގައި ފައިނޭންޝަލް ކްރައިސިސްއެއް ޖެހިގެން އުޅުނު ދުވަސްވަރު ބޮޑު ވަޒީރު އޮފްޝޯ އެކައުންޓެއް މެދުވެރިކޮށް އައިސްލޭންޑުގެ ސްޓޭޓް ބޭންކެއްގައި ބައިވަރު ފައިސާތަކެއް ގެންގުޅުނު ކަމަށް ފަޅާއަރައިގެނެވެ.

ބޮޑު ވަޒީރުގެ ސިއްރު ފައިސާގެ މުއާމަލާތްތަކާއި ގުޅިގެން އިއްޔެ އެތައް ހާސްބަޔަކު ވަނީ އެގައުމުގެ މަޖިލިސް ދޮށަސް އެއްވެ، ބޮޑު ވަޒީރުގެ އިސްތިއުފާއަށް ގޮވާލާފައެވެ. މީގެ އިތުރުން އައިސްލޭންޑުގެ އިދިކޮޅު ފަރާތްތަކުން ވަނީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ ،ބޮޑު ވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ވެސް ގޮވާލަފައެވެ.

އައިސްލޭންޑުގެ ބޮޑު ވަޒީރު އެންމެ ފުރަތަމަ ވިދާޅުވެފައި ވަނީ ގާނޫނާއި ޚިލާފަށް ކަމެއްކޮށްފައި ނުވާނެ ކަމަށެވެ. އަދި މީގެ އިތުރުން ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ. ނަމަވެސް މައްސަލަ ހޫނުވެ، ޕްރެޝަރު ބޮޑުވުމުގެ ސަބަބުން އެމަނިކުފާނު ވަނީ އެންމެފަހުން އިސްތިއުފާ ދެއްވާފައެވެ.

ލީކް ކޮށްލި ޕެނަމާ ޕޭޕާޒްއާ ގުޅިގެން މިދުވަސްވަރު ހޫނުފެނުގައި އުޅުއްވާ އަނެއް ބޭފުޅަކީ، އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ޑޭވިޑް ކެމެރޮންއެވެ. ޑޭވިޑް ކެމެރޮންއަށް، ލީކުވި ލިޔުންތަކާއި ގުޅިގެން ފުރިހަމަ ޖަވާބެއް ނުދެއްވުމުގެ ސަބަބުން އެ މަނިކްފާނަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ކެމެރޮންއާއި ޕެނަމާ ޕޭޕާޒްއާ ގުޅުން އޮންނަނީ ކެމެރޮންގެ ބައްޕަ ގެ އޮފްޝޯ އެކައުންޓެއް އިނުމުގެ ސަބަބުންނެވެ. މި އޮފްޝޯ އެކައުންޓުގެ ބޭނުން ކޮށްގެން ލާރި ފޮރުވައި، ޓެކްސް ނުދައްކާ އޮޅުވާލައިގެން އުޅުނު ކަމަށް ލީކު ކުރި ޕެނަމާ ޕޭޕާޒްއިން ސާބިތު ކޮށްދެޔެވެ. ނަމަވެސް ގިނަ ބަޔަކު މިހާރު ސުވާލު ކުރަނީ މި އެކައުންޓުގެ ނާޖާއިޒް ފައިދާ ޑޭވިޑް ކެމެރޮން ނަންގަވާ ކަމަށް ނުވަތަ މި އެކައުންޓުން އެމަނިކުފާނަށް ފައިދާ ލިބޭތޯއާ މެދުގަ އެވެ.

ކެމެރޮންއާއި މިކަމާއި ބެހޭގޮތުން ސުވާލު ކުރުމުން ވިދާޅުވެފައިވަނީ އޮފްޝޯ އެކައުންޓެއްވެސް، އަދި އެފަދަ އެއްވެސް ކުންއުންޏެއްގެ ހިއްސާއެއްވެސް ނެތް ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތުގެ އާންމުން މިވަރަކުން ހިތްހަމައެއް ނުޖެހުނެވެ. އެކަން ފާހަގަކޮށް ކެމެރޮންގެ އޮފީހުންވަނީ އެމަނިކްފާނުގެ އަނބިކަނބަލުންނަށާއި ދަރިކަލުންނަށް އެ އެކައުންޓުން އެއްވެސް ފައިދާއެއް ނުވަތަ ފައިސާއެއް ލިބިފައި ނުވާ ކަމަށާއި މުސްތަގްބަލުގައި ވެސް ނުލިބޭނެ ކަމަށް ބުނެ ސްޓޭޓްމެންޓެއް ވެސް ނެރުއްވާފައިވެ އެވެ.

މި ހާދިސާއާއި ގުޅިގެން އިނގިރޭސި ވިލާތުގެ ލޭބާ ޕާޓީއިން ވަނީ މިނިވަން ތަހުގީގަކަށް ގޮވާލާފައެވެ. އަދި ތިން ފަހަރު ވެސް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ފަހުވެސް، ފުރިހަމަ ޖަވާބެއް ނޭރުވުން އެއީ މައްސަލައެއް ކަމަށާއި، އެ ގައުމުގެ އާންމުންނަށް މި މައްސަލަ ސާފު ކޮށްދީ، މައްސަލައިގެ ހަގީގަތް ދެއްކުން މުހިންމު ކަމަށް ޕާޓީގެ ލީޑަރު ވަނީ ވިދާޅުވެފައެވެ. އަދި މީގެ އިތުރުން، ލޭބަރ ޕާޓީގެ ލީޑަރު ވިދާޅުވެފައިވަނީ، އިނގެރޭސި ވިލާތުގެ ރައްޔިތުން ޓެކްސް ނުދައްކާ މިންވަރު ބަލަން ޖެހޭ ކަމަށާއި، މިފަދަ ކަންކަން ކުރާ ގޮތް ރަނގަޅަށް އިނގި މިކަހަލަ ކަމަކަށް ވިޔަ ނުދޭން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.