ހަބަރު

ނަޖިސް ހޮޅި ފަޅާލީ ބަޔަކު ގަސްތުގައި: ހައުސިން މިނިސްޓަރު

  • މާލެ ރީތިކުރަން ހަދާ ތަންތަނަށް ބަޔަކު ދަނީ ގެއްލުންދެމުން
  • ގެއްލުންވާނީ، ސަރުކާރަކަށް ނޫން، ރައްޔިތުންނަށް
  • މިހާރު ރަސްފަންނު މޫދު ސާފުވާނެ

އަލަށް ހެދި ރަސްފަންނު ބީޗާއި ކައިރިން ތިން ރުއްޕާކް ސަރަހައްދުގައި ކަނޑާއި ހަމަޔަށް އަޅާފައި އޮތް ނަޖިސްހޮޅި ފަޅާލީ ބަޔަކު ގަސްދުގައިކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ދެއްވި ޕްރެސްއެއްގައި ވިދާޅުވީ، ރަސްފަންނު ރައްޔިތުން ވަރަށް ރަނގަޅަސް ބަލައިގެންފައިވާތީ އެކަމާ ހިތްހަމަ ނުޖެހޭ ބަޔަކު އެތަން ހަލާކު ކުރަން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ރަސްފަންނާއި ކައިރި ހިސާބެއްގައި އަޅާފައި އޮތް ނަޖިސް ހޮޅިވެސް ފަޅާލީ ބަޔަކު ގަސްދުގައިކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

މުއިޒް ވިދާޅުވީ، ނަޖިސް ހޮޅި ފަޅާލުމުން އޭގެ ގެއްލުން ލިބުނީ މިނިސްޓްރީއަށް ނޫންކަމަށެވެ. އެކަން އެގޮތަށް ވުމުން އެއީ ރައްޔިތުންނަށް ލިބުނު ގެއްލުމެއް ކަމަށާއި އެތައް ބަޔަކު މޫދަށް އެރުމުން މަހުރޫމް ވިކަމަށެވެ. އެހެންކަމުން އެކަން ކުރި ފަރާތަކުން އެ ފަދަ އަމަލެއް ހިންގަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި ޒިންމާދާރު މުޖުތަމައެއްގައި އެފަދަ ކަންކަން ކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ.

"އެއީ ގަސްތުގައި ކުރިކަމެއް ކަމަށް ގަބޫލުކުރެވެނީ. އަޅޫގަނޑުމެންނަށް އެއްގޮތަކަށް ވެސް ނުވިސްނޭ އެހެން ހަދަން ޖެހޭ ސަބަބެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ރަސްފަންނުގައި ހުރި އެކި ތަންތަނަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރުގެ މެސެޖްތައް މީގެ ކުރިންވެސް މިނިސްޓްރީއަށް ލިބުފައިވާ ކަމަށް މުއިޒް ވިދާޅުވި އެވެ. އަދި ދާދި ފަހުން ރަސްފަންނުގައި ހުރި ޖޯލިތައް ކޮށަން ތިބި ކުދިންތަކެއް ފެނިގެން އެކުދިންނާ ސުވާލުކުރުމުން، އެ ކުދިންނަކީ ޖޯލި ކޮށަން ބަޔަކު އެކުދިންނަށް ލާރި ދީގެން ފޮނުވި ކުދިންތަކެއް ކަންވެސް އެނގުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުއިޒް ވިދާޅުވީ، ރަސްފަންނަށް އެރުން ރައްކާތެރިކަމަށް މިއަދު އިއުލާނުކުރި ނަމަވެސް، މީގެ ދިހަ ވަރަކަށް ކުރިން ފެށިގެން އެތަނުގެ ފެންގަނޑު ސާފުވެފައިވާކަމަށް ހެލްތު މިނިސްޓްރީން ހެދި ތަހުލީލުތަކުން ޔަގީންވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ލޮނުގަނޑުގެ ސާފުކަން ކަށަވަރުކުރުމަށް އެމިނިސްޓްރީން އިތުރު ޓެސްޓުތަކެއް ގަވާއިދުން ހަދަން ބޭނުންވުމުން އިތުރަށް ދުވަސް ދިނީކަމަށެވެ. އަދި މިއަދު ރަސްފަންނު ހުޅުވާލި ނަމަވެސް އެ ފެންގަނޑުގެ ކޮލިޓީ ޔަގީން ކުރުމަށް އަހަރެއްހައި ދުވަސް ވަންދެން ފެން ޓެސްޓު ކުރަމުން ދާނެ ކަމަށެވެ.

"މި މައްސަލަ ދިމާވުމާއެކު އަޅުގަނޑުމެންނަށް ހެލްތު މިނިސްޓްރީން ދިޔައީ ގަވާއިދުން ނަތީޖާ ފޮނުވަމުން. 10 ވަރަކަށް ދުވަސް ކުރިން ވެސް ފެންގަނޑު ސާފު ކަމަށް ދެއްކީ. ނަމަވެސް ހެލްތު މިނިސްޓްރީން އިތުރަށް ޓެސްޓުކުރަން ބޭނުންވުމުން އެ ފުރުސަތު ދެއްވަން މަޑުކުރެއްވީ، އެނގިވަޑައިގަންނަވާނެ ހެލްތު މިނިސްޓްރީގެ ލެބޯޓްރީއަކީ ޑަބްލިޔުއެޗްއޯ ގެ މިންގަނޑަށް ފެތޭ ލެބޯޓަރީ އެއް. އެހެންކަމުން އެ ލެބުން ހަދާޓެސްޓިތަކުގެ ނަތީޖާ އަކީ ވަރަށް އިތުބާރު ކުރެވޭނެ ނަތީޖާއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަސްފަންނުގެ ފެންގަނޑު ނުސާފުކަމަށް ބުނެ ބައެއް އިނދިކޮޅު ފަރާތްތަކުން އަދިވެސް އަޑުފަތުރަމުންދާކަމަށާއި އެކަމަކު އެއީ ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ. މިނިސްޓަރު ވަނީ ސިޔާސީ ހަސަދައެއް ފިލުވުމަށް ރައްޔިތުންގެ ހެވާއި ލާބަ ހިމެނޭ ކަންކަމުގައި ހަގީގަތާއި ހިލާފު ވާހަކަ ނުދެއްކުމަށް އިލްތިމާސްކުރައްވާފަ އެވެ.

"ރަސްފަންނަކީ އެންމެންގެ ބޭނުމަށް ހެދިތަނެއް. އިދިކޮޅު ފަރާތްތަކުގެ މީހުންނާއި އާއިލާތައްވެސް އެތަން ބޭނުންކުރޭ. ކުރަންވެސް ވާނެ އެހެންވީމަ ސަރުކާރަށް މީހުންގެ ހިތުގައި އޮންނަ ނަފްރަތު އިތުރު ކުރުމަށް އެފަދަ ވާހަކަ ދެއްކުމަކީ ވަރަށް ދެރަ ކަމެއް. ކިތަންމެ ވަރަކަށް ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދަން މަސައްކަތްކުރިޔަސް އެކަން ކާމިޔާބުވިޔަ ނުދޭނަން،" މުއިޒް ވިދާޅުވި އެވެ.