ހއ.ހޯރަފުއްޓާއި އުލިގަމާ ދެމެދުގައި އޮންނަ ތިލަޔަކުން މިއަދު ހަވީރު ކިނބުލެއް ފެނުމާ ގުޅިގެން އެ ސަރަހައްދުގެ ރަށްތަކުގެ މީހުން ސަމާލުވުމަށް އަންގައިފި އެވެ.
ހޯރަފުއްޓާއި އުލިގަމާ ދެމެދު އޮންނަ ތިލަޔަކުން މިއަދު ހަވީރު ކިނބޫ ފެނުނީ މަސްވެރިކަމަށް ނިކުމެ އުޅުނު ބަޔަކަށެވެ. އެ މީހުން ބުނާ ގޮތުގައި އެއީ ދިހަ ވަރަކަށް ފޫޓް ދިގު ކިނބުލެކެވެ. މަސްވެރިން އެ ކިނބޫ ހިފަން އުޅެނިކޮށް އެސޮރު ވަނީ އަޑިއަށް ގޮސް ގެއްލިފަ އެވެ. އޭގެ ފަހުން ސިފައިންނާއި ފުލުހުންނަށް ރިޕޯޓް ކުރުމުން ކިނބޫ ފެނޭތީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ނަމަވެސް ރޭވެ އަނދިރިވުމާ އެކު ވަނީ އެ ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފަ އެވެ.
އެމްއެންޑީއެފުން މިހާރު ވަނީ ކިނބޫ ފެނުނު ސަރަހައްދުގައި ހިމެނޭ ރަށްތަކުގެ މީހުން ސަމާލުވުމަށް އަންގައިފަ އެވެ.
ރާއްޖޭގެ އެންމެ އުތުރުން ކިނބުލެއް ފެނިފައި މި ވަނީ މެދުރާއްޖެތެރޭ ސަރަހައްދުން ވެސް ކިނބުލެއް ފެނި އޭތި ހިފާފައި ވަނިކޮށެވެ. މިފަހަކަށް އައިސް ކޮންމެ އަހަރަކު ވެސް ރާއްޖޭގެ އެކި ހިސާބުތަކުން ކިނބޫ ފެނިފައިވެ އެވެ. ރާއްޖެއިން ހިފާފައިވާ ގިނަ ކިނބޫތައް ވަނީ ސިފައިންގެ ބެލުމުގެ ދަށުގަ އެވެ.