އަތޮޅުތަކުގެ ސްކޫލްތަކުގެ ހާލަތު ބައްލަވައިލެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ގދ. އަތޮޅަށް ދަތުރުފުޅެއް ފައްޓަވައިފި އެވެ.
މިދަތުރުފުޅުގައި މިނިސްޓަރު އެންމެ ފުރަތަމަ ވަނީ އެ އަތޮޅު ތިނަދޫއަށް ވަޑައިގެން ތިނަދޫ ސްކޫލްގެ ސީނިއާ މެނޭޖްމެންޓާއި ޓީޗަރުންނާއި، ސްކޫލް ބޯޑާއި، ޕީޓީއޭ ހިންގާ ކޮމެޓީ އަދި ކައުންސިލާ ބައްދަލުކުރައްވާފަ އެވެ. އަދި މިއަދު ވަނީ ތިނަދޫ އަބޫބަކުރު ސްކޫލާއު ގދ. އަތޮޅު ތައުލީމީ މަރުކަޒަށް ޒިޔާރަތް ކުރައްވާފަ އެވެ.
މިދަތުރުފުޅުގައި މިއަދު މިނިސްޓަރު މަޑަވެލި ސްކޫލާއި ހޯޑެއްދޫ ސްކޫލް އަދި ނަޑެއްލާ ސްކޫލަށްވެސް ޒިޔާރަތް ކުރައްވަން ވަނީ ނިންމަވާފަ އެވެ. މީގެ އިތުރުން މިއަތޮޅުގެ ހުރިހާ ސްކޫލަކަށް މިނިސްޓަރު ޝިހާމް ޒިޔާރަތް ކުރައްވަން ވަނީ ނިންމަވާފަ އެވެ. އެއަށް ފަހު މާދަމާ ފިޔޯރީ ސްކޫލަށާއި، ރަތަފަންދޫ ސްކޫލަށާއި ވާދޫ ޖަމާލުއްދީން މަދަރުސާ އަށް އަދި ހޮނިހިރު ދުވަހު ގައްދޫ ގައި ހުންނަ ގދ. އަތޮޅު މަދަރުސާ އަށާއި، ފަރެސް މާތޮޑާގައި ހުންނަ ހުވަދޫ ސްކޫލަށް މިނިސްޓަރު ޒިޔާރަތްކުރައްވާނެ އެވެ.
މިމިދަތުރުފުޅުގައި މި ސްކޫލްތަކުގެ ސީނިއާ މެނޭޖްމެންޓާއި، ޓީޗަރުންނާއި ސްކޫލް ބޯޑާއި ޕީޓީއޭ ހިންގާ ކޮމެޓީއާއި ކައުންސިލާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިބައްދަލުވުންތަކުގައި ސްކޫލްތަކުގެ ކިޔެވުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދަރިވަރުން ހުނަރުވެރި ކުރުވައި މުޖުތަމައުއަށް ފައިދާހުރި ބަޔަކަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ހިއްސާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ސަރުކާރުގެ ތައުލީމީ ސިޔާސަތުތަކާއި ބެހޭގޮތުންވެސް މައުލޫމާތު ހިއްސާކުރައްވާފައިވެ އެވެ.
އަދި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖަކު ބާކީނުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު އެފަރާތްތަކާއި ހިއްސާކުރެއްވި އެވެ.
މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ސްކޫލްތަކުގައި ކުރިއަށްގެންދާ ތަރުބަވީ ޖީލު ބިނާކުރުމުގެ ޕްރޮގްރާމުގައި ރޭ ވަނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.
ދަސްވާރު ޕްރޮގްރާމާއި، ބީޓެކް ސްޓްރީމާއި ބެހޭ ގޮތުން ސުކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ފޯރުކޮށްދީފައިވާ އިރު، މިނިސްޓްރީގެ ޑިޕާޓްމަންޓްތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ސުކޫލްތަކުގައި އެ މަސައްކަތްތަކާއި ހަވާލުވެ ތިބި މުއައްޒިފުންނަށް ވަނީ ފޯރުކޮށްދީފަ އެވެ.
އިއްޔެ ފެށި ދަތުރުފުޅު ނިންމާލުމަށް އެޑިއުކޭޝަން މިނިސްޓަރު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.