ހަބަރު

"އިގްތިސާދީ ރާއްޖެ" އަކަށް ކުދިން ބިނާ ކުރަން ސަމާލުކަމެއް ދެން: މިނިސްޓަރު

ތައުލީމީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެންނައިރު "އިގްތިސޯދީ ރާއްޖެ" އަކަށް ކުދިން ތައްޔާރު ކުރަން ހާއްސަ ސަމާލުކަމެއް ދޭން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަނާ ވިދާޅުވީ، އިގްތިސޯދީ ރާއްޖެއަކަށް ކުދިން ތައްޔާރު ކުރުމަށް ސުކޫލަކުން ނިމޭ ކޮންމެ ކުއްޖަކީ މަތީ ތައުލީމަށް އަދި މަސައްކަތަަކަށް ތައްޔާރުވެފަ ތިބި ކުދިންކަން ޔަގީން ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި ވިދާޅުވީ، އެ މަސައްކަތުގައި އެންމެ ފާހަގަ ކޮށްލެވޭ ދެކަމަކީ، އެކަށީގެންވާ ތަފާސް ހިސާބުތަކެއް ހުރެގެން ހުރިހާ ކުދިން ބެލެހެއްޓި، އެކުދިންނަށް ހިދުމަތް ފޯރުކޮށް ދިނުން ކަމަށެވެ.

އޭގެ އިތުރުން ކިޔަވާދޭ ޓީޗަރުން ފެންވަރު މަތިކުރުމަށް މަސައްކަތް ކުރާ ކަމަށާއި 3000 ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ތެރޭގައި އެކަންވެސް ހިނގާ ކަމަށެވެ.

"ތައުލީމީ ދާއިރާ އަށް އިންގިލާބީ ބަދަލެއް ގެނެވިގެން މިދަނީ، ހުރިހާ ކުދިންނަށް ކޮންމެ ރަށަކުން ވެސް ތައުލީމު ފޯރުކޮށްދިނުން ވޭތުވެދިޔަ ދުވަސް ތަކުގައި ވަނީ ހާސިލް ވެފައި، މިހާރު ކުރެވެމުންދާ ކަމަކީ އެކުދިންނަށް ފޯރުކޮށް ދެމުންދާ ތައުލީމަކީ ފެންވަރު ރަނގަޅު އެކަށީގެންވާ ކޮލިޓި ތައުލީމެއް ކަން ޔަގީންކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދަރިވަރުންނަށް ފޯރުކޮށްދޭ ތައުލީމަކީ ރާއްޖެއަށް އެކަށީގެންވާ ގޮތަށް ތައްޔާރު ކުރެވިގެން ފޯރުކޮށްދޭ ތައުލީމެއް ކަމަށް ކަނޑައަޅައި މިއަހަރު ގްރޭޑް އަށަކަށް އާ މަންހަޖުތައް ތައްޔާރު ކުރެވިގެން ކިޔަވާދޭން ފެށިގެންދާނެ ކަމަށެވެ. އަދި އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޝާމިލް ކުރުވައިގެން ކިޔަވާދިނުން ހުރިހާ ސުކޫލެއްގައި ފެށިގެންދާނެ ކަމަށާއި އެގޮތުން ކޮންމެ ސުކޫލެއްގައި ތަމްރީނުކޮށްފައިވާ ޓީޗަރުންގެ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގެ ހުރިހާ ސުކޫލެއްގެ ފެންވަރު ބެލުމުގެ މަސައްކަތް ވެސް މިއަހަރު ކުރިއަށްދާނެ، އާބާދީ މަދު ސުކޫލުތަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ، އެގޮތުން މަލްޓި ގްރޭޑް ޓީޗިންގެ ނަމުގައި 120 ކުދިންނަށްވުރެ މަދުން ހުރި ސުކޫލުތަކަށް، އެއީ 44 ސުކޫލެއްގައި އެމަސައްކަތް ކުރިއަށް އެބަދޭ، އާބާދީ 50 އަށްވުރެ މަދު ސުކޫލުތަކަށް ވާޗުއަލް ޓީޗިން ކިޔަވާ ދިނުމުގެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުދިންނަށް ދަތިތައް ދިމާ ވުމުގެ ކުރިން ކަންކަން ފާހަގަ ކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އެގޮތުން 2014 އިން ފެށިގެން މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 23000 ކުދިންނަށް ހެލްތް ސުކުރީން ކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސުކޫލުތަށް ޑިޖިޓަލް ކުރުމުން ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.