ހަބަރު

ދަރިވަރުން ހޯދާ ނަތީޖާތައް އެއްކޮށް، ބެލޭނެ ނިޒާމެއް ފަރުމާކޮށްފި

ސްކޫލްތަކުގެ ދަރިވަރުން ހޯދާ ނަތީޖާތައް އެއްކޮށް ރަނގަޅަށް ބެލޭނެ ނިޒާމެއް އެޑިއުކޭޝަން މިނިސްޓްރީން ފަރުމާކޮށްފި އެވެ. މި ނިޒާމަކީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމްގެ އިސްނެންގެއްވުމަކަށް ފަރުމާކުރި ނިޒާމެކެވެ.

އަލަށް ފަރުމާކުރި މި ނިޒާމަށް ސްކޫލްތަކުގެ އިސްވެރިން އަހުލުވެރިކުރުމަށް މިއަދު ފެށި ޕްރޮގްރާމުގެ ފެއްޓުމުގެ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިހާމް ވިދާޅުވީ، ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމުގެ ގޮތުން ތަފާތު އެކިއެކި މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި ސްކޫލްތަކަކީ ވަސީލަތްތައް ހަމަ ސްކޫލްތަކަކަށް ހެދުމުގެ މަސައްކަތް ކުރެވި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ.

އެހެންނަމަވެސް ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތަށް ދޭންޖެހޭ އަހައްމިއްޔަތު އޭގެ އެންމެ ފުރިހަމައަށް ދެވިފައިވާނުވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ސްކޫލްތަކުގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކުރެވޭނެ ކަންތައްތަށް ދެނެގަތުމުގެ މަސައްކަތް ފަށާފަ އެވެ. ސްކޫލުގެ ފެންވަރު ބެލޭނީ ދަރިވަރުން ހޯދާ ނަތީޖާތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށްވާތީ، ނަތީޖާ އެއްކޮށް ރަނގަޅަށް ބެލޭނެ ނިޒާމެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އާ ނިޒާމެއް ފަރުމާކުރީ އެ ސަބަބަށްޓަކައި ކަމަށް ވިދާޅުވި އެވެ.

މި ނިޒާމްގެ ތެރެއިން ދަރިވަރުންގެ އުގެނުމާއިބެހޭ މައުލޫމާތު އެއްކުރެވި، އެ މައުލޫމާތު ރަނގަޅު ގޮތުގައި ބެލެހެއްޓި ދަރިވަރުންނަށް އިތުރު އެހީ ދާއިރާތައް ފާހަގަކުރެވި އެ ދަރިވަރުންނަށް އިތުރު އެހީ ފޯރުކޮށްދެވޭނެ ގޮތްތައް ރޭވުމަށް މަގުފަހި ވެގެންދާނެ އެވެ.

މިނިސްޓަރު ވިދާޅުވީ، މި ޕްރޮގްރާމްގެ އެހީގައި ދަރިވަރުންގެ ފެންވަރު ވަޒަންކޮށް ވަކި ދަރިވަރުންނަށް އަމާޒު ކުރެވިގެން އެ ދަރިވަރެއްގެ ކިޔެވުން ކުރިއަށްދާ ގޮތާއި އިތުރު އެހީއަށް ބޭނުންވާ މާއްދާތައް ފާހަގަކުރެވޭނެ ކަމަށެވެ. އެގޮތުން އެހީތެރިކަން އެންމެ ބޭނުންވާ މާއްދާ އެނގި، އަދި ސްކޫލް ލެވެލްގައި އެންމެ ބޮޑަށް މަސައްކަތް ކުރަންޖެހޭ މާއްދާތައް ވެސް ފާހަގަ ކުރެވިގެންދާނެ ކަމަށެވެ. މިއީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންގެ ކުރިއެރުން ވަޒަންކުރުމަށް ބޭނުން ކުރެވޭނެ ވަސީލަތެކެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި، ދަރިވަރުން އިމްތިހާނުތަކުން ހޯދާ ނަތީޖާއަށް ބަލައި މާއްދާތައް ކިޔަވައިދޭ ޓީޗަރުން ކުރިއަށް ޓާގެޓްތަކެއް ކަނޑައަޅަން ޖެހެ އެވެ. އަދި ޓާގެޓް ކަނޑައެޅުމުގައި މި ނިޒާމުން ލިބޭ މައުލޫމާތުތައް ބަލައިގެން ޓާގެޓް ކަނޑައެޅޭނަމަ ދަރިވަރުންނަށް ވެސް އަދި ޓީޒަރުންނަށް ވެސް އިތުރަށް މަސައްކަތް ކުރަންވީ ކިހާވަރަކަށް އެނގިގެންދާނެ ކަމަށެވެ. އަދިހަމަ އެއާއެކު ސްކޫލްގައި ކިޔަވައިދޭ މާއްދާތަކުގެ ތެރެއިން ކޮންމެ ގުރޭޑަކުން ވެސް އެންމެ ބޮޑަށް މަސައްކަތްކުރަން ޖެހޭ މާއްދާތައް ވެސް އެނގިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ތައުލީމީ މަރުހަލާގައި ދަރިވަރުންގެ ފެންވަރު ވަޒަންކުރެވި އެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް ސްކޫލްގެ ފެންވަރު ވެސް ކަނޑައެޅެ އެވެ. މި ޕްރޮގްރާމްގެ އެހީގައި ސްކޫލަކީ ކޮން ފެންވަރެއްގެ ނުވަތަ ކޮން ގްރޭޑެއްގެ ސްކޫލެއްކަން އެނގިގެންދާނެ އެވެ. ހަމައެއާއެކު ސްކޫލްތަކުން ކުއަންޓިޓީއަށްވުރެ ބޮޑަށް ކޮލިޓީއަށް މަސައްކަތްކުރަން އެހީތެރިވެދޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ކަނޑައަޅާފައިވާ ފަސް މާއްދާއަށްވުރެ ގިނައިން ފާސްވާ ކުދިންގެ އަދަދު އިތުރުކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމަށާއި އެގޮތުން ސަބްޖެކްޓް އިމްޕްރޫވުމަންޓް ޕްލޭން ތައްޔާރުކުރުމަށް އެހީއަކަށްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، އަމާޒަކީ މި އަހަރު ކޮންމެ ކުއްޖަކީ ވެސް ތިން މާއްދާއިން ފާސްވާ ކުއްޖަކަށް ހެދުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ނިޒާމްގެ ސަބަބުން ދަރިވަރުންގެ ތެރެއިން ދަސްވާރު އަދި ބީޓެކް ހަދާނެ ކުދިން ފާހަގަކުރެވި އެ ކުދިންނަށް ކުރިއަށް ދެވޭނެ މާއްދާތަކުން އިތުރު އެހީތެރިކަން ދެވޭނެ ކަމަށެވެ.

މި ޕްރޮގްރާމްގެ އިތުރުން ގްރޭޑް އެކެއްގެ ކުދިންނަށް ރިސްކް އެސެސްމެންޓް ހެދުން، ގްރޭޑް އަށަކުން ފެށިގެން ބީޓެކް ޕްރޮގްރާމް، ޕޮލީޓެކްނިކް، އެސްޓިވެޓް ހިންގުން އަދި ގުރޭޑް 10ގެ ކުދިންނަށް ދަސްވާރު ޕްރޮގްރާމް ހިންގުން ހިމެނެ އެވެ.