ބޭސްފަރުވާ ނުނިމެނީސް ރާއްޖެ ނާންނާނެ ކަމަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. ނާޒިމް މިހެން ވިދާޅުވެފައިވަނީ ކަރެކްޝަނަލަށް މިއަދު ފޮނުއްވި ސިޓީއެއްގަ އެވެ.
އެ ސިޓީއާ ގުޅޭ ގޮތުން އަވަސްއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ ކޯޑިނޭޓަރު ހަސަން ވިދާޅުވީ، ބޭސްފަރުވާގެ މުއްދަތު ނިމުމުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ނާޒިމް ފޮނުވި ސިޓީއަށް ކަރެކްޝަންސްއިން ޖަވާބުދީފައިވާނެ ކަމަށާއި ބުނެފައިވަނީ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށެވެ.
ކަރެކްޝަންސްގެ ސިޓީއަށް ޖަވާބު ދެއްވަމުން ނާޒިމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ކަރެކްޝަންސްއިން އެންގި ނަމަވެސް ބޭސްފަރުވާގެ މުއްދަތު ހަމަނުވަނީސް ރާއްޖެ ނާންނާނެ ކަމަށެވެ. މުއްދަތު ހަމަވުމުން ވެސް ރާއްޖެ ނާންނާނެ ކަމަށް ނާޒިމް ވިދާޅުވުމުން އެކަމާ ގުޅިގެން އަޅާނެ ފިޔަވަޅެއް އަދި ނުނިންމާ ކަމަށް ހަސަން ވިދާޅުވި އެވެ.
ކަރެކްޝަންސްއަށް ނާޒިމް ފިލައިގެން އުޅޭ ކަމަށް ބުނާ ވާހަކަތައް ހަސަން ވަނީ ދޮގުކޮށްފަ އެވެ. ހަސަން ވިދާޅުވީ އެކަން ފާހަގަކުރެވިފައިނެތް ކަމަށެވެ. ރާއްޖެ އައުމަށް ނާޒިމް ދެކޮޅު ހަދާފައިވާއިރު، ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަށް ވަނީ އަނބުރާ ގެނެސްފަ އެވެ.
ނާޒިމްގެ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައީ އޭނާގެ މައްޗަށް 2008 ވަނަ އަހަރުގެ ނެރެފައިވާ ކުރީގެ އެޓޯލްސް މިނިސްޓްރީގެ އޯޑިޓް ރިޕޯޓާއި ގުޅިގެން 15،000 ދިވެހި ދިދަ ހެދުމަށް އެމިނިސްޓްރީން ކޮށްފައިވާ ތަފާތު ދެ އިއުލާނަކާއި ގުޅިގެން ދިދަ ފޯރު ކޮށްދީ ނަންގަވާފައިވާ ފައިސާ އާއި ބަނދަރު ބައްތިތަކެއް ހޯދުމަށް ކުރި އިއުލާނަކާއި ގުޅިގެން ނަންގަވައިފައިވާ ފައިސާ އާއި އަތޮޅުތަކުގެ މިސްކިތް ތަކަށް ސައުންޑް ހޯދުމަށް ކޮށްފައިވާ އިއުލާނަކާއި ގުޅިގެން މަކަރާއި ހީލަތް ހައްދަވައިގެން ފައިސާ ތަކެއް ނެންގެވި ކަމަށް ބުނާ މައްސަލަ ސާބިތުވުމުންނެވެ.