މަޝްހޫރު ސައިންސް ފިކްޝަން ފިލްމު ސިލްސިލާ، "ސްޓާ ވޯޒް" ގެ ފިލްމެއްގެ މަންޒަރުތަކެއް ނެގުމަށް އޭގެ ކްރޫއެއް ހޮލީވުޑްގެ އޭ ލިސްޓްގެ އެކްޓަރުންތަކަކާ އެކު ރާއްޖެއައި ޚަބަރަކީ މިދިޔަ އަހަރުގެ އެންމެ ހިޓް އެއް ވާހަކަ އެވެ. އެއަށް ފަހު ހުރިހާ ދިވެހިން ވެސް އިންތިޒާރުކުރަމުން އައީ އެ ފިލްމެއްގެ އެ މަންޒަރުތަކެއް ބަލައިލެވޭނެ ދުވަހަކަށެވެ.
މިއަދު މިއީ އެ ދުވަހެވެ. ރާއްޖޭގައި ޝޫޓްކުރި "ސްޓާ ވޯޒް: ރޯގް ވަން" ގެ ފުރަތަމަ ޓްރެއިލާ މިއަދު މި ވަނީ އާންމުކޮށްފަ އެވެ. ފާހަގަކޮށްލަން ޖެހެނީ އެއް މިނެޓް 38 ސިކުންތުގެ މި ޓީޒާ ޓްރެއިލާގައި ވެސް ލ. އަތޮޅުގެ ހިތްގައިމުކަން ސްޓާ ވޯޒްގެ އަނދިރިކަމާއި ހަލަބޮލިކަމުގެ ތެރެއިން ވެސް ފާހަގަކުރަން ވަރަށް ފަސޭހަކަމެވެ.
"ސްޓާ ވޯޒް: ރޯގް ވަން" އަކީ ކުރީގެ ފިލްމުތަކުގެ ވާހަކައާ ވަކިން އުފެދިގެން އަންނަ ވާހަކައެކެވެ. އިނގިރޭސި ބަތަލާ ފެލިސިޓީ ޖޯންސް އަދި ފޮރެސްޓް ވިޓެކާ ފަދަ ތަރިން ލީޑް ރޯލުތަކުން ފެނިގެންދާ މި ފިލްމުގައި ދައްކުވައި ދެނީ އެފަދަ ދެ ވަނައެއް ނެތް ނުރައްކާތެރި ހަތިޔާރު ޑެތު ސްޓާގެ ޕްލޭންތައް ނުވަތަ ކުރެހުންތައް ވަގަށް ނެގުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖާސޫސުންތަކެއް ގެލެކްޓިކް އެމްޕަޔާއާ ދެކޮޅަށް ހަރަކާތްތެރިވާ ގޮތެވެ.
ފިލްމުގައި ދައްކުވައިދޭ މި ހާދިސާތަކަކީ "އަ ނިއު ހޯޕް" އިން ފެނިގެން ދިޔަ ހާދިސާތައް ނިމުމަކަށް އަންނަތާ މާ ގިނަ ދުވަސްތަކެއް ނުވެ ހިނގާ ކުރިމަތިލުންތަކެކެވެ.
މި ފިލްމުގެ މަންޒަރުތަކެއް ނެގުމަށް ރާއްޖެ އައި ޓީމުން ވަނީ ފިލްމުގެ ގާތްގަނޑަކަށް ވިއްސަކަށް މިނެޓް ލ. ބަރެސްދޫގައި ޝޫޓްކޮށްފަ އެވެ. އެއީ މުޅިން ވެސް ހަނގުރާމައިގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދާ މަންޒަރުތަކެކެވެ. މި މަންޒަރުތަކުގައި ގިނަ އަދަދަކަށް ސްޓޯމްޓްރޫޕާސް ފެނިގެންދާއިރު އޭގެ ތެރޭގައި ދިވެހި ސިފައިން ވެސް ހިމެނޭ ކަމަށް ބުނެވެ އެވެ.
މި ފިލްމު ސިނަމާތަކަށް އަންނާނީ މި އަހަރުގެ ޑިސެމްބަރު މަހު އެވެ. ފިލްމުގެ ޑައިރެކްޓަރަކީ ގެރެތު އެޑްވަޑްސް އެވެ.