ހަބަރު

ވިޝާމާއި ލީވާންއަށް ދައުވާ ކުރީ ނޫސްވެރިންނަށް ބިރުދައްކަން: ރާއްޖެ ޓީވީ

ރާއްޖެ ޓީވީގެ ދެ ނޫސްވެރިޔާ ކަމަށްވާ މުހައްމަދު ވިޝާމްއާއި ސްޕޯޓްސް ޖާނަލިސްޓް ލީވާން އަލީ ނަސީރުގެ މައްޗައް ދައުވާ ކުރީ ނޫސްވެރިންނަށް ބިރުދެއްކުމަށް ކަމަށް ރާއްޖެ ޓީވީ އިން ބުނެފި އެވެ.

ވިޝާމާއި ލީވާން އަށް ދައުވާ ކުރި މައްސަލާގައި މިރޭ ރާއްޖެ ޓީވީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ނޫސްވެރިކަމަށް ފާޅުގައި ގޮންޖެހުންތަކާއި ހުރަސްތައް ކުރިމަތި ވަމުން އަންނަ ދުވަސްކޮޅެއްގައި އިތުރު ދެ ނޫސްވެރިއަކަށް ދައުވާ ކުރުމުން ނޫސްވެރިންގެ ކަންބޮޑުވުން އިތުރުވެއްޖެ ކަމަށާއި އެކަމަކީ ނޫސްވެރިން ކަނބޮޑުވުންތައް އަޑުއެހުމުގެ ބަދަލުގައި އޮބަހައްޓައި ބިރުދައްކަން ކޮށްފައިވާ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

ގާނޫނު ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ވިޝާމާއި ލީވާންގެ މައްޗަށް ކޮށްފައިވަނީ މުލިއާގެ ސަރަހައްދުން ފެނުނު އައިއީޑީ ނައްތާލުމަށް ޓްރެކް ސަރަހައްދު ބަންދުކޮށްފައި ވާތީ އެތަން ކަވަރު ކުރަން އުޅުމުގެ ތެރޭގައި ހިނގާ ދިޔަ ކަމެއްގެ ސަބަބުންނެވެ.

ވިޝާމްގެ މައްޗަށް އިތުރު ދައުވާއެއް ވެސް ކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެމްޑީޕީ އަދި އަދާލަތު ޕާޓީން ބޭއްވި މުޒާހަރާއެއް ކަވާކުރަން އުޅުމުގެ ތެރެއިން އޭނާ ހައްޔަރުކުރި މައްސަލާގަ އެވެ. އުފުލާފައިވަނީ، އެ މައްސަލާގައި ވިޝާމްގެ މައްޗަށް އުފުލަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާ އެވެ.

ލީވާން އަދި ވިޝާމަށް މިހާރު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވާއިރު، ހާޒިރުވާން އަންގާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.