ހަބަރު

މަހުލޫފުގެ މައްޗަށް އިތުރު ދައުވާއެއް އުފުލައިފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން އިތުރު ދައުވާއެއް އުފުލައިފި އެވެ. މަހުލޫފުގެ މައްޗަށް މިއަދު ޕީޖީއިން އުފުލާފައިވަނީ، ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން މިއަދު އެ ކޯޓަށް ހާޒިރުވުމަށް އަންގާ މަހުލޫފަށް ފޮނުވި ޗިޓްގައި ބުނެފައިވަނީ، ދައުލަތުން ދައުވާކުރާ ފުލުހުންގެ ދައުރަށް ދަތިކުރުމުގެ މައްސަލާގައި މި މަހުގެ 25 ވަނަ ދުވަހު ކޯޓަށް ހާޒިރުވުމަށެވެ.

މީގެކުރިން ވެސް މަހުލޫފުގެ މައްޗަށް ހަމަ މި ދައުވާ ވަނީ އުފުލާފަ އެވެ. އަދި އެ މައްސަލާގެ ޝަރީއަތް މިހާރު ވަނީ ފަށާފަ އެވެ. އެ ދައުވާގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މަހްލޫފް ހައްޔަރުކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމަށް ފަހު ކޯޓުން ނެރެގެން ގެންދިޔަ ވަގުތު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި، ފިލަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.

މިހާރު ޝަރީއަތް ހިނގަމުންދާ މައްސަލަ މަހުލޫފުގެ މައްޗަށް ސާބިތުވި ނަމަވެސް މަހުލޫފުގެ ގޮނޑި ނުގެއްލޭނެ އެވެ. ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ކުށަށް އެންމެ ބޮޑު އަދަބަކަށް ވެސް ދެވެނީ ހަ މަހުގެ ޖަލު ހުކުމެކެވެ. ގޮނޑި ގެއްލޭނީ މަދުވެގެން އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްގެންނެވެ. ނަމަވެސް ދެ ދައުވާ މަހުލޫފުގެ މައްޗަށް ސާބިތުވެއްޖެނަމަ މަހުލޫފުގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.