ބޭރު ކުޅިވަރު

ޗެލްސީ އާއި ސިޓީއާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީން ދެވަނައިގައި އޮތް ސިޓީގެ މައްޗަށް ހޯދައިފައިވާ ފަސް ޕޮއިންޓްގެ ލީޑު ދަމަހައްޓައިފި އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގެ 41 ވަނަ މިނިޓުގައި ޗެލްސީ އަށް ލީޑު ހޯދައިދިނީ ސަސްޕެންޝަންގައި ހުރި ފޯވަޑް ޑިއޭގޯ ކޮސްޓާގެ ބަދަލުގައި އެ ޓީމުގެ ފުރަތަމަ 11ގައި ކުޅެމުންދިޔަ ފްރާންސްގެ ފޯވަޑް ލޮއިކް ރެމީ އެވެ.

އެކަމަކު ޗެލްސީ އަށް މާގިނައިރަކު ލީޑު ނުހިފެއްޓުނެވެ. ފުރަތަމަ ހާފު ނިމެނިކޮށް ސިޓީން މެޗުގެ ނަތީޖާ އެއްވަރުކުރީ ސްޕެއިންގެ މިޑްފީލްޑަރު ޑަވިޑް ސިލްވާ ޖެހި ލަނޑުންނެވެ.

މި މެޗުގެ ދެވަނަ ހާފުގެ ފަހުކޮޅު ސިޓީ އަށް މިހާރު ކުޅެމުންދާ ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ފްރޭންކް ލަމްޕާޑް ކުޅެން ނިކުތެވެ. އެކަމަކު ޗެލްސީގެ ލެޖެންޑެއް ކަމަށްވާ ލަމްޕާޑަށް މި މެޗުގައި މާބޮޑު ކަމެއް ނުކުރެވުނެވެ.

މި މެޗުގެ ނަތީޖާއާއެކު ޗެލްސީ ތާވަލްގެ އެއްވަނައިގައި އޮތީ 53 ޕޮއިންޓާއެކު އެވެ. ތާވަލްގެ ދެވަނައިގައި ސިޓީ އޮތީ 48 ޕޮއިންޓާއެކު އެވެ. ތިން ވަނައިގައި 43 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ހަތަރު ވަނައިގައި 42 ޕޮއިންޓާއެކު އޮތީ ސައުތުހެމްޓަން އެވެ.

އިނގިރޭސި ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ އަތުން ޔުނައިޓެޑް މޮޅުވީ 3-1 އިންނެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ރޮބިން ވެން ޕާސީ އާއި ރަޑަމެލް ފަލްކާއޯ ލަނޑު ޖެހިއިރު، އެ ޓީމުގެ ތިން ވަނަ ލަނޑަކީ ލެސްޓާގެ ޑިފެންޑަރު ވެސް މޯގަން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ދެވަނަ ހާފުގައި ލެސްޓާ އަށް ލަނޑު ޖަހައިދިނީ ޑިފެންޑަރު މަރްޗިން ވަސިލެވްސްކީ އެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހަށް ފަހު ލިވަޕޫލްގެ ފޯވަޑް ޑެނިއެލް ސްޓަރިޖް ކުޅުނު ފުރަތަމަ މެޗުގައި އޭނާ ޖެހި ލަނޑާއެކު، އަމިއްލަ ދަނޑުގައި ވެސްޓް ހޭމް އަތުން ލިވަޕޫލް މިރޭ މޮޅުވީ 2-0 އިންނެވެ. މެޗުގެ 51 ވަނަ މިނިޓުގައި ލިވަޕޫލް އަށް ލީޑު ހޯދައިދިނީ ރަހީމް ސްޓާލިން އެވެ. ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ސްޓަރިޖް ލަނޑު ޖެހީ 80 ވަނަ މިނިޓުގަ އެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު، ރަށުން ބޭރުގައި ވެސްްޓް ބްރޮމް އަތުން ޓޮޓެންހަމް މޮޅުވީ 3-0 އިންނެވެ. ބާންލީ އަތުން 2-0 އިން ސަންޑަލޭންޑް މޮޅުވިއިރު، ކިއުޕީއާރް އަތުން ސްޓޯކް މޮޅުވީ 3-1 އިންނެވެ.