ހޮލީވުޑް

ބެޓާ ކޯލް ސޯލް: ބްރޭކިން ބޭޑަށް ވުރެ މޮޅު

ޓީވީ ޑްރާމާއެއްގެ ސްޕިން-އޮފްއެއް ކާމިޔާބުކުރުމަކީ އެއްގޮތަކަށް ވެސް ފަސޭހަކަމެއް ނޫނެވެ. އެންމެ މަޝްހޫރު ޓީވީ ޑްރާމާގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ "ފްރެންޑްސް" ގެ ސްޕިންއޮފް "ޖޯއީ" ވެސް ކާމިޔާބެއް ނުވި އެވެ.

ނަމަވެސް އިވޭ އަޑުތަކަށް ބަލާއިރު "ބްރޭޑިކް ބޭޑް" ގެ ސްޕިން އޮފްގެ ގޮތުގައި ވިންސް ޖިލިގަން އުފައްދާފައިވާ "ބެޓާ ކޯލް ސޯލް" އަކީ މިހާރު ވެސް ހިޓެކެވެ. މި ސިލްސިލާގެ ޝޯތައް އަންނަ މަހުގެ އަށް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ފާޑުކިޔުންތެރިންގެ އޯޑިއެންސްތަކަށް ވަނީ ބައެއް އެޕިސޯޑްތައް މިހާރު ވެސް ދައްކާލައިފަ އެވެ.

ދަ ވޮޝިންޓަން ޕޯސްޓްގެ ކްރިޓިކް، ހޭންކް ސްޓޫއީވާ އޭގެ ފުރަތަމަ ދެ އެޕިސޯޑަށް ދީފައި ވަނީ ބީ ޕްލަސް އެކެވެ. އެސްކްއާގެ ކްރިޓިކް، ސްޓެފިން މާޗޭ ބުނަނީ "ބްރޭކިން ބޭޑަށް" ވުރެ "ބެޓާ ކޯލް ސޯލް" މާ މޮޅު ކަމަށެވެ. ބިޒްނަސް އިންސައިޑާގެ ރިވިއުގައި ބުނެފައި ވަނީ އެންމެފަހުން ބަލާލެވޭ ވަރުގެ ސްޕިންއޮފްއެއް އުފައްދައިފި ކަމަށެވެ.

"ބެޓާ ކޯލް ސޯލް" އަކީ "ބްރޭކިން ބޭޑް" ގައި "ކުށްވެރިންނާ ރައްޓެހި ދިފާއީ ވަކީލެއް" ގެ ގޮތުގައި މަޝްހޫރުކަން ހޯދި ސޯލް ގުޑްމަން ގެ ހަޔާތުގެ ކުރީގެ ވާހަކަ އެވެ. މީގައި ދައްކުވައި ދެނީ "ބްރޭކިން ބޭޑް" ގައި ހިންގި ޖަރީމާތަކުގެ މުހިންމު ބައިވެރިޔަކަށް ގުޑްމަން ބަދަލުވުމުގެ ހަ އަހަރު ކުރިން އޭނާ އުޅުނު ގޮތެވެ.

ފުރަތަމަ އެޕިސޯޑް ފެށިގެން އަންނައިރު ދައްކުވައި ދެނީ "ބްރޭކިން ބޭޑް" އަށް ފަހު ގުޑްމަންގެ ހަޔާތަށް ބަދަލުއައިސްފައިވާ ގޮތެވެ. އެއަށް ފަހު ދެން ޖެހިލަނީ ހަ އަހަރު ކުރިއަށެވެ. ރަސްމީ ނަން، ޖޭމްސް މެކްގިލްގެ ނަމުގައި އޭނާ މަޝްހޫރު ދުވަސްވަރަށެވެ. މީގައި ސޯލް ގުޑްމަންގެ މަޝްހޫރު ނަމަކީ ޖިމީ އެވެ.

ފާޑުކިޔުންތެރިން ބުނަނީ "ބްރޭކިން ބޭޑް" ގެ ފުރަތަކަ ދެ ތިން އެޕިސޯޑަށް ވުރެ މި ސީރީޒްގެ ފެށުން މާ ބޮޑަށް ވެސް ވަރުގަދަ އެވެ. އަނެއްކޮޅުން "ބްރޭކިން ބޭޑް" ގެ ސިމެޓޯގްރެފީ އަށް އޮހުނު ތައުރީފު މި ސީރީޒް އަށް ވެސް ދަނީ އޮހެމުންނެވެ.

"ބެޓާ ކޯލް ސޯލް" އަކީ ބްލެކް ކޮމެޑީ/ޑްރާމާ އެކެވެ. މި ޑްރާމާ ވެސް ޝޫޓްކޮށްފައި ވަނީ "ބްރޭކިން ބޭޑް" ވެސް ޝޫޓްކުރި ނިއު މެކްސިކޯގަ އެވެ.

ސޯލް ގުޑްމަންގެ ރޯލު މިފަހަރު ވެސް ކުޅެފައި ވަނީ "ބްރޭކިން ބޭޑް" ގައި ވެސް އެ ރޯލު ކުޅުނު އެކްޓަރު ބޮބް އޯޑެންކްރިކް އެވެ. އޭނާގެ އިތުރުން ކުރީގެ ތަރިންގެ ގޮތުގައި އެނބުރި އައިސްފައިވާ އެންމެ މަޝްހޫރު މޫނަކީ "މައިކް" ގެ ރޯލު ކުޅުނު ޖޮނަތަން ބޭންކްސް އެވެ.

މީގެ އިތުރުން "ބްރޭކިން ބޭޑް" ގައި ލީޑް ރޯލު ކުޅުނު އެރޯން ޕޯލް އާއި ބްރަޔަން ކްރޭންސްޓަން ވެސް ކޮންމެ ވެސް ހިސާބަކުން "ހާއްސަ ގެސްޓުން" ގެ ގޮތުގައި ފެނިދާނެ ކަމަށް ބެލެވެ އެވެ.

މި ސީރީޒްގެ ޕައިލެޓް އެޕިސޯޑް "އޫނޯ" ޑައިރެކްޓްކޮށްފައި ވަނީ ޝޯގެ ކްރިއޭޓާ، ވިންސް ޖިލިގަން އެވެ.