ހަބަރު

ގދ. އަތޮޅަށް އެޑިއުކޭޝަން މިނިސްޓަރު ކުރެއްވި ދަތުރުފުޅު ނިންމަވާލައިފި

އަތޮޅުތަކުގެ ސްކޫލްތަކުގެ ހާލަތު ބައްލަވައިލެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ކުރައްވާ ދަތުރުފުޅުގައި މިދިޔަ ބުދަ ދުވަހު ގދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅު އެއަތޮޅުގެ ހުރިހާ ސްކޫލްތަކަށް ޒިޔާރަތް ކުރެއްވުމަށްފަހު ނިންމާލައިފި އެވެ.

މިނިސްޓަރު ވަނީ އެސްކޫލްތަކުގެ ސީނިއާ މެނޭޖްމެންޓާއި ޓީޗަރުންނާއި، ސްކޫލް ބޯޑާއި، ޕީޓީއޭ ހިންގާ ކޮމެޓީ އަދި ކައުންސިލާ ބައްދަލުކުރައްވާފަ އެވެ.

މިބައްދަލުވުންތަކުގައި ސްކޫލްތަކުގެ ކިޔެވުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެ އެވެ. އަދި ދަރިވަރުން ހުނަރުވެރިކުރުވައި މުޖުތަމައުއަށް ފައިދާހުރި ބަޔަކަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ. އަދި ސަރުކާރުގެ ތައުލީމީ ސިޔާސަތުތަކާއި ބެހޭގޮތުންވެސް މައުލޫމާތު ހިއްސާކުރައްވާފައިވެ އެވެ.

ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖަކު ބާކީނުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު އެފަރާތްތަކާއި ހިއްސާކުރެއްވި އެވެ. އަދި ސްކޫލްތަކުގައި ހުރި ކަންބޮޑުވުންތަކާއި އިތުރަށް ރަނގަޅުކުރަން ހުރި ކަންތައްތައް މިނިސްޓަރާއި ހިއްސާކުރައްވާފައިވެ އެވެ.

ޓިވެޓެގެ ދާއިރާއިން ހުޅުވާލާފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތުވެސް ސްކޫލްތަކުގެ އިސްވެރިންނަށާއި ކައުންސިލްތަކުގެ އިސްބޭފުޅުންނާއި ހިއްސާކުރައްވާފައިވެ އެވެ. މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ސްކޫލްތަކުގައި ކުރިއަށްގެންދާ ތަރުބަވީ ޖީލު ބިނާކުރުމުގެ ޕްރޮގްރާމްތައްވެސް ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ދަސްވާރު ޕްރޮގްރާމާއި، ބީޓެކް ސްޓްރީމާއި ބެހޭ ގޮތުން ސުކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ފޯރުކޮށްދީފައިވާ އިރު، މިނިސްޓްރީގެ ޑިޕާޓްމަންޓްތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ސުކޫލްތަކުގައި އެ މަސައްކަތްތަކާއި ހަވާލުވެ ތިބި މުއައްޒިފުންނަށް ވަނީ ފޯރުކޮށްދީފަ އެވެ.