ދުނިޔެ

ދެކުނު އޭޝިއާގައި އައިއެސް ބާރުގަދަކޮށްފާނެތަ؟

ހައްދުފަހަނަޅައި ގޮސްފައިވާ ހަނގުރާމަވެރި ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހިތް އޮތީ އިރާގުގަ އެވެ. އިރާގާއި ސީރިއާ އަކީ އެމީހުންގެ ބާރު އެންމެ ގަދަކޮށްފައިވާ ދެ ގައުމެވެ.

ނަމަވެސް ފަހުގެ ރިޕޯޓްތަކުން އެނގޭ ގޮތުން އެމީހުން ދަނީ ދެކުނު އޭޝިއާގައި ވެސް މަޑުމަޑުން އަތްގަދަކުރަމުންނެވެ. މި ރާއްޖެ އާއި މި ސަރަހައްދުގެ އެހެން ގައުމުތަކުގައި ވެސް އައިއެސްގެ ފިކުރަށް ތާއީދުކުރާ ގިނަ ބަޔަކު ތިބިއިރު އަދި އެމީހުންގެ ޖިހާދުގައި އަމަލީ ގޮތުން ވެސް ބައިވެރިވަމުންދާއިރު އަފްޣާނިސްތާނާއި ޕާކިސްތާނުގައި ބާރުގަދަކުރުމުގެ ކެމްޕޭނެއް އައިއެސް އިން ވަނީ މިހާރު ފަށައިފަ އެވެ.

ފަހަރެއްގައި މި ކެމްޕޭނަކީ އަލްގައިދާ ޖަމާއަތް މެދުއިރުމަތިން ފައްސާލި ގޮތަށް އެމީހުން ދެކުނު އޭޝިއާ އިން ވެސް ތަޅައި ބޭރުކޮށްލުމަށް ފަށާފައިވާ ހަރަކާތެވެ. އައިއެސް އިން އިރާގާއި ސީރިއާގައި އަތްގަދަކުރުމުން އަލްގައިދާގެ އަމާޒު ފަހުން ހިފާފައި ވަނީ ދެކުނު އޭޝިއާ އަށެވެ.

ކޮންމެއަކަސް އައިއެސްގެ ހަނގުރާމަވެރިން މިހާރު ވެސް މި ސަރަހައްދަށް އަރައިފި އެވެ. މި ސަރަހައްދަށް އެމީހުންގެ ހާއްސަ ލީޑަރެއް ކަނޑައަޅައި އެކަން ވެސް އިއުލާނުކޮށްފި އެވެ.

އެމީހުން ދެކުނު އޭޝިއާ އަށް ކަނޑައަޅާފައިވާ ލީޑަރަކީ ކުރިން ޕާކިސްތާނުގެ ތާލިބާނުންގެ ކޮމާންޑަރަކަށް ހުރި ސައީދު ޚާން އެވެ.

ދެކުނު އޭޝިއާގެ ކުރިއެރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސަރަހައްދުގެ އެތެރޭގެ ހަމަނުޖެހުމެވެ. ތާލިބާނުންގެ ނުރައްކަލާއި އެހެން ހަނގުރާމަވެރި ޖަމާއަތްތަކުގެ ނުރައްކާ ޕާކިސްތާނާއި އިންޑިއާ އަށް ބޮޑުވެފައި އޮތަސް މިއީ ހަގީގަތުގައި މުޅި ސަރަހައްދަށް ކުރިމަތިވެފައިވާ ނުރައްކަލެކެވެ.

އެހެން ވިސްނުމަކުން ބަލާއިރު ސަރަހައްދުގެ ބޮޑު ދެ ބާރުގެ ގޮތުގައި އޮތް އިންޑިއާ އާއި ޕާކިސްތާނުގެ ސިޔާސީ ރަހަ ހެޔޮވަރުކުރުމަށް ހަނގުރާމަވެރިން ލައްވައި މުހިންމު ރޯލެއް ކުޅުވާ ކަމަށް ވެސް ބެލެވެ އެވެ. ތާލިބާނުންނާއި އެމީހުންނާ ގުޅިފައިވާ އެހެން ހަނގުރާމަވެރިންނަކީ ވެސް ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް ޕާކިސްތާނުގެ އަސްކަރިއްޔާ އިން ކޮންޓްރޯލްކުރާ ބައެއް ކަމަށް ތުހުމަތުކުރެވެ އެވެ.

އެހެންވީމަ ސަރަހައްދުގެ ސިފައިންނާއި ހަނގުރާމަވެރިން ގުޅިގެން ހިންގާ ޖަރީމާތަކުން ހަލަބޮލިވެފައި އޮތް މި ސަރަހައްދަށް އައިއެސްގެ ހަނގުރާމަވެރިން ފުންމާލުމުން ދެން ވާނީ ކިހިނެތް ހެއްޔެވެ؟

ހަގީގަތަކީ މި ސަރަހައްދުގެ ހަނގުރާމަވެރިން އެންމެ ގިނަ އަފްޣާނިސްތާނާއި ޕާކިސްތާން އަދި އިންޑިއާގައި އައިއެސް އަކަށް މާ ބޮޑު ތާއީދެއް ނެތް ކަމެވެ. މި ސަރަހައްދުގައި ގަދައީ ތާލިބާންގެ ބާރެވެ. ގިނައީ ތާލިބާނުންގެ ލީޑަރު މުއްލާ އުމަރުގެ ވަފާތެރިންނެވެ.

ބެލެވޭ ގޮތުގައި އައިއެސް އަށް މި ސަރަހައްދުން ބާރު ދެމުން އަންނަނީ ތާލިބާނުންގެ ގޮތުގައި ކުރިން ހަރަކާތްތެރިވި ފަރާތްތަކެވެ. ސައީދު ޚާން އަކީ އޭގެ ހެއްކެކެވެ.

އެހެންވީމަ އައިއެސް އިން ދެކުނު އޭޝިއާގެ ކޮންޓްރޯލް އަތުލަން ހިފައިފި ނަމަ އަލްގައިދާ އާއި އެމީހުންނާ ދެމެދު ސީރިއާ އާއި އިރާގުގައި ހިނގި ކަހަލަ ކުރިމަތިލުމެއް ފެށުމުގެ ފުރުސަތު ބޮޑެވެ. އެ ކުރިމަތިލުމުގައި އެންމެފަހުން އަލްގައިދާ ބަލިކޮށް ސީރިއާ އާއި އިރާގުގައި ޚިލާފަތެއް އިއުލާނުކުރީ އައިއެސް އެވެ. 

އެހެންވީމަ، އައިއެސް، ދެކުނު އޭޝިއާ އަށް އަންނަ ނަމަ އެމީހުންގެ ނުރައްކާ ފުރަތަމަ އަމާޒުވާނީ ތާލިބާނުންނަށެވެ. ތާލިބާނުންގެ މައްޗަށް އެމީހުން ކުރި ހޯދައިފި ނަމަ ދެން ވަރަށް ވެސް މައްސަލަ ގޯސްވީ އެވެ. އެއީ ތާލިބާނުންނަށް ވުރެ ވެސް ނުބައި ބަޔަކަށް އެމީހުންވީމަ އެވެ.

ފާހަގަކޮށްލަން ޖެހެނީ ދެން މި ސަރަހައްދުގައި ބޮމާއި ބަޑީގެ ހަމަލާތައް ދޭނީ ތާލިބާނުން އެކަނި ނޫން ކަމެވެ. ތާލިބާނުންނާއި އަލްގައިދާ އާއި އައިއެސްގެ ހަމަލާތައް ކަމެވެ.

އޭނާ އަކީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމަ އަށް ޕާކިސްތާނުގެ ހުޅަނގު އުތުރު ބިތުގައި ތާލިބާނުންގެ ކޮމާންޑަރެކެވެ. އައިއެސްއާ ގުޅިފައިވާކަން އޭނާ އިއުލާނުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

މިއީ އެހާ ބާރުގަދަ ހަނގުރާމަވެރިއެއް ނޫނެވެ. ނަމަވެސް އޭނާ ނިސްބަތްވާ އުރާކްޒާއީ ގަބީލާގެ މީހުންގެ އިސް ވެރިޔަކަށް ހުރި މީހާ އެވެ. މި ގަބީލާގެ ވެރިކަން އޭނާ އަށް ލިބުނީ ކުރިން މި ގަބީލާ ކޮންޓްރޯލްކުރި ތާލިބާނުންގެ ޕާކިސްތާނުގެ ލީޑަރު ބައިތުﷲ މެހްސޫދު މަރާލުމުން އެ މަގާމަށް އައި ހަކީމުﷲ މެހްސޫދު ވެސް ޑްރޯން ހަމަލާއެއްގައި މަރުވުމުންނެވެ.

އޭރު ވެސް ސައީދު ޚާން އާއި ތާލިބާނުންނާ ދެމެދު އޮތީ ނިކަން ބޮޑަށް ހިޔާލުތަފާތުވެފަ އެވެ. އެންމެފަހުން ގަބީލާ ގޮވައިގެން އޭނާ ތާލިބާނުންނާ ދުރަށް ދިޔައީ އެވެ. 

ގުޅުން ވަރަށް ވެސް ބޮޑެވެ. މި ޖަމާއަތް އުފެއްދި ހަނގުރާމަވެރިންގެ ކުރީ ސަފުގައި ތިބި ބައެއް ހަނގުރާމަވެރިންނަކީ ސީދާ ތާލިބާނުންގެ ކިއްލާތަކުން އުފެދިގެން ގޮސް ތިބި ހަނގުރާމަވެރިންނެވެ. އައިއެސް މިހާރު އޮތް ޖަމާއަތަށް ބަދަލުވުމުގެ ކުރިން އެމީހުންގެ ހަރަކާތްތައް އެންމެ ފުރަތަމަ އިރާގުގައި ފެށިއިރު ލީޑަރަކަށް ހުރި އަބޫ މުސްއަބު އަލް ޒަރްގާވީ އަކީ މުއްލާ އުމަރުގެ ނިކަން ބޮޑު ވަފާތެރިއެކެވެ. 

އިރާގުގެ އަލްގައިދާ ނުވަތަ މިހާރުގެ ނަމުން ނަމަ، އައިއެސް އުފެއްދުމުގެ ކުރިން އޭނާ އަކީ އެންމެ ފުރަތަމަ އަފްޣާނިސްތާނުގައި ހަނގުރާމަކުރަމުން އުޅުނު ފަރާތެކެވެ. ޒަރްގާވީ ވަނީ 2007 ވަނަ އަހަރު އިރާގުގައި މަރާލައިފަ އެވެ.

އެހެންވީމަ އައިއެސް ޖަމާއަތުގެ އަސްލާ ގުޅިފައިވާ ހަނގުރާމަވެރިންނާ ދެކުނު އޭޝިއާގެ ޓެރަރިޒަމާ ބޮޑު ގުޅުމެއް އޮތަސް އައިއެސްގައި މިހާރު ތިބި އިސް ވެރިންނަކާ މި ސަރަހައްދުގެ ހަނގުރާމަވެރިންނަކާ މާ ބޮޑު ގުޅުމެއް ނެތެވެ.

މި ސަރަހައްދުގައި އައިއެސް އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މި ސަރަހައްދުގެ ގައުމުތަކުން އެމީހުންނާ ގުޅެން ސީރިއާ އާއި އިރާގަށް ދަތުރުކުރަމުން އަންނަ މީހުންނެވެ.