ދުނިޔެ

މިޔަންމާގެ ޖަލުގައި ތިބި ކިޔަަވާ ކުދިންތަކެއް މިނިވަންކޮށްފި

މިޔަންމާގެ ކޯޓަކުން ޖަލަށް ލި ކިޔަވާ ކުދިންތަކެއް، އެއް އަހަރަށް ފަހު މިނިވަން ކޮށްފިއެވެ. މިޔަންމާގެ ކޯޓުން މިކުދިން މިނިވަން ކޮށްފައިވަނީ، އަންގް ސަން ސޫ ކީ ސިޔާސީ ހައްޔަރީން މިނިވަން ކުރާނެ ކަމަށް ވައުދުވިތާ އެއް ދުވަސް ފަހުންނެވެ.

ޖަލުގައި އެއް އަހަރު ހޭދަ ކުރި ކިޔަވާ ކުދިން މިނިވަންކޮށް ދޫކޮށްލުމުން ގިނަ ބަޔަކު ވަނީ އުފާ ފާޅުކޮށްފަ އެވެ. ދޫކޮށްލި ކުދިންގެ އާއިލާތަކުން ވަނީ ޖަލު ސަރަހައްދަށް އެއްވެ ކުދިންނަށް މަރުހަބާ ކިޔާފަ އެވެ. ގިނަ ބަޔަކު ވަނީ މިޔަންމާގެ ކޯޓުން 69 ކުދިން ދޫކޮށްލުމުން އުފާ ފާޅުކޮށް އާ ސަރުކާރަށް ތައުރީފު ކޮށްފަ އެވެ. މިޔަންމާގެ ކޯޓުން ވަނީ ކުދިންނާއި ދެކޮޅަށް ކުރީގެ ސަރުކާރުން ކުރި ދައުވާތައް އަނބުރާ ފޮނުވާލާފަ އެވެ.

މިނިވަން ކުރި ކުދިންނަކީ މިދިޔަ އަހަރު މާޗު މަހުގައި އެޑިއުކޭޝަނަލް ރިފޯމްސްއަށް ގޮވާލާ މުޒާހަރާކޮށްގެން ހައްޔަރު ކުރި ކިޔަވާ ކުދިންނެވެ. މިޔަންމާގެ ކުރީގެ ސަރުކާރުން ވަނީ މިކުދިން ހައްޔަރުކޮށް، އެއް އަހަރު ޖަލު ބަންދުގައި ބައިތިއްބާފަ އެވެ.

އަންގް ސަން ސޫ ކީ ވަނީ ހުރިހާ ސިޔާސީ ހައްޔަރީންތައް ދޫކޮށްލާން ކަމަށް ވައުދުވެފަ އެވެ. އެކަމަނާފާނު މިހެން ވިދާޅުވުމުން، ގިނަ އާއިލާތައް ވަނީ ޖަލު ބޭރުގައި އެއްވެ، ހައްޔަރީން ދޫކޮށްލާނެ ކަމުގެ އުންމީދުގައި އެތާ މަޑުކޮށްފަ އެވެ. މިއަދު ދޫކޮށްލި ކުދިންގެ އިތުރުން އަދިވެސް 200 އެއްހާ ސިޔާސީ ހައްޔަރީން މިޔަންމާގެ ޖަލުތަކުގައި ތިބި ކަމަށް ލަފާ ކުރެވެ އެވެ.

އަންގް ސަން ސޫ ކީ ވިދާޅުވެފައިވަނީ، ސިޔާސީ ހައްޔަރީން ދޫކޮށްލުން ލަސްވަނީ، ހައްޔަރީން ދޫކޮށްލުމުގެ ކުރިން ފޮލޯ ކުރަން ޖެހޭ ޕްރޮސީޖާގެ ސަބަބުން ކަމަށެވެ.