ހަބަރު

200 އެއްހާ ނޫސްވެރިން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފި

ރާއްޖޭގެ ނޫސްވެރިކަމަށް މި ދުވަސްވަރު ދިމާވެފައިވާ ހުރަސްތަކާއި ބިރުދެއްކުމުގެ އަމަލުތަކުގެ ސަބަބުން ނޫސްވެރިންނަށް ކުރިމަތިވެފައިވާ ބިރުވެރި މާހައުލުން ސަލާމަތް ކުރުމަށް ދައުލަތުގެ އިދާރާތަކުން އެހީވުމަށް ގޮވާލައި ދިވެހި ނޫސްވެރިން ޕެޓިޝަނެއް ހުށަހަޅައިފި އެވެ. މި ޕެޓިޝަން ހުށަހަޅައިފަ ވަނީ ރައީސް އޮފީހަށާއި ސްޕްރީމް ކޯޓައި އަދި ރައްޔިތުންގެ މަޖިލީހަށެވެ.

ޕެޓިޝަން ހުށަހެޅުމަށް ފަހު ރައްޔިތުން މަޖިލީހުގެ ބޭރުގައި މިކަމުގައި އިސްކޮށް ހަރަކާތްތެރިވި ނޫސްވެރިން ބޭއްވި ޕްރެސްގައި ވާހަކަދައްކަވަމުން މިނިވަން ނޫހުގެ އެޑިޓަރު ޒަހީނާ ރަޝީދު ވިދާޅުވީ ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ފާޅުކޮށް ޕެޓިޝަނެއް ތައްޔާރު ކުރުމަށް މިދިޔަ ހަފްތާތެރޭގައި މަސައްކަތް ކުރި ކަމަށާއި އެގޮތުން މިހާތަނަށް ރާއްޖޭގެ 11 މީޑިއާއެއްގެ 183 ނޫސްވެރިންގެ ޕެޓިޝަނުގައި ސޮއިކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވަނީ މި ޕެޓިޝަން ދައުލަތުގެ ތިން ބާރު ރަމްޒުކޮށްދޭ އިދާރާތަކަށް ހުށަހަޅައިފަ. އެއީ ރައީސް އޮފީހާއި ސްޕްރީމް ކޯޓުގެ އިތުރުން ރައްޔިތުންގެ މަޖިލީސް. މިވަގުތު މި ޕެޓިޝަނުގައި އޮތީ 183 ނޫސްވެރިންގެ ސޮއި. ނަމަވެސް އިތުރު ސޮއިތަކެއް އަންނަމުން ދަނީ. އެގޮތުން ލަފާ ކުރެވެނީ ގާތްގަނޑަކަށް 200 އެއްހާ ނޫސްވެރިންގެ ސޮއި ލިބޭނެ ކަމަށް،" ޒަހީނާ ވިދާޅުވި އެވެ.

ޕެޓިޝަން ތައްޔާރު ކުރުމުގެ މަސައްކަތް ކުރެއްވި ސަން އޮންލައިންގެ މުޖުތަބާ ވިދާޅުވީ، ސްޕްރީމް ކޯޓާއި ރައީސް އޮފީސް އަދި މަޖިލީހުން ވެސް ޕެޓިޝަން ހުށަހެޅުމުން އެއްބާރުލުން ދެއްވި ކަމަށާއި ޕެޓިޝަނުގައިވާ ކަންކަމާ ބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބައްލަވާދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.

"އެބޭފުޅުން އަޅުގަނޑުމެންނަށް ޔަގީންކަން ދެއްވި އެފަރާތްތަކުގެ ކުރެވުން ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް. ދެން މި އުންމީދު ކުރަނީ ހުރިހާ ކަމެއް ރަނގަޅަށް ދާނެ ކަމަށް. އަދި ހުރިހާ މީޑިއާތަކުން މީގައި ސޮއިކުރެއްވީމައި އެކަމަށް އިޖާބުދޭނެ ކަމަށް ބެެލެވެނީ،" މުޖުތަބާ ވިދާޅުވި އެވެ.

މި ޕެޓިޝަންގައި ނޫސްވެރިން ވަނީ ނުވަ ކަމަކަށް ގޮވާލައިފަ އެވެ. އެއީ،

  • ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ތަހުގީގު އަވަސްކޮށް، ކުށްވެރިވާ ފަރާތްތަކަށް އަދަބުދިނުން.
  • ވަކިވަކި ނޫސްވެރިންނަށާއި މީޑިއާ އައުޓްލެޓްތަކަށް ދީފައިވާ ހަމަލާތައް އަވަހަށް ތަހުގީގުކޮށް އެކަން ކުރި މީހުންނަށް އަދަބުދިނުން.
  • ބްރޯޑްކޮމްއަށް ފަދަ މީޑިއާ ރެގިއުލޭޓް ކުރާ ބޮޑީތައް ސިޔާސީ ނުކޮށް، މިނިވަން މުސްތަގިއްލު ތައުލީމީ އަދި ގާބިލް ބޭފުޅުން އައްޔަންކުރުން.
  • ސަންގް ޓީވީ، ރާއްޖެ ޓީވީގެ މައްސަލަތައް މިނިވަންކަމާއެކު ބަލައި އިންސާފުވެރިކޮށް އަމަލު ކުރުން.
  • ގޭންގްތަކާއި ދީނީ އަދި ސިޔާސީ ގޮތުން ހައްދުފަހަނައަޅާފައިވާ ފަރާތްތަކުން ނޫސްވެރިންނަށް ހަމަލާދިނުން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅު އެޅުން މިހާރު ހުށަހެޅިފައި އޮތް އަބުރާ ބެހުން މަނާ ކުރާ ބިލް މަޖިލީހުގެ ތަޅުމުން ބޭރުކޮށް، އިސްލާހުކުރުން.
  • މިލްކިއްޔާތާ މެދު އުފެދުނު މައްސަލައެއްގައި ހަވީރު ނޫސް ހުއްޓިފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ދައުލަތުން މެދުވެރިއެއްގެ ދައުރު އަދާކުރަން.
  • ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގެ ތެރޭ ހައްޔަރުކުރި ނޫސްވެރިންނާ ދެކޮޅަށް ބަލަމުންދާ މައްސަލަތައް ހުއްޓާލައި ދައުވާނުކުރަން.
  • ކޯޓުތަކަށް މީޑިއާތައް ނުވެއްދުމާއި ބައެއް މީޑިއާތައް އެކަހެރި ކުރަން އެންމެހާ މުއައްސަސާތަކުން ކުރަމުންދާ ކަންކަން ހުއްޓާލަން.