ހައްދުފަހަނަ އަޅާފައިވާ އައިއެސް ޖަމާއަތުން ސީރިޔާގެ 21 ނަސޯރާއިންނަށް ހަމަލާދީ މަރާލައިފި އެވެ. އެމީހުން މަރާލާފައިވަނީ އަލް ޤަރްޔަތެއިން އަވަށުގަ އެވެ. އެއަވަށަކީ އައިއެސްގެ ބާރުގެ ދަށުގައި ވަނިކޮށް ސީރިޔާގައި ހަރަކާތްތެރިވާ ރަޝިޔާ ސަރުކާރުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ދާދިފަހުން ގެންގޮސްފައިވާ އަވަށެކެވެ.
އައިއެސްގެ ބާރުގެ ދަށަށް މި އަވަށް ގެންގޮސްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އޭރު އެއަވަށުގައި 300 އެއްހާ ނަސޯރާއިން އުޅޭ ކަމަށްވެ އެވެ. އައިއެސް އިން ވަނީ އެއަވަށް ހިފުމަށްފަހު އެތައް ސަތޭކަ ބަޔަކު މަރާވެސްލާފަ އެވެ. އެކަމާއި ގުޅިގެން އެއަވަށުގެ ގިނަ ބަޔަކު ވަނީ ފިލައިގެން އެހެން ހިސާބުތަކަށް ބަދަލުވެފައި ކަމަށްވެ އެވެ. އައިއެސް އިން މަރާލި މީހުންގެ ތެރޭގައި ތިން އަންހެނުންވެސް ހިމެނެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މަރާލި ބައެއް މީހުން މަރާލީ ފިލަން އުޅުމުން ކަމަށާއި އަދި އަނެއްބައި މީހުން މަރާލީ އައިއެސް އާއި ދެމެދު ވެފައިވާ އެއްބަސްވުމަކާއި ހިލާފުވެގެންނެވެ. އިއްޔެ 21 ނަސޯރާއަކު މަރާލާފައިވާއިރު ފަސް މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އައިއެސް އިން ވަނީ އަޅުން ނުވަތަ ޖާރިޔާއިންގެ ގޮތުގައި ނަސޯރާ ދީނުގެ އަންހެން ކުދިން ވިއްކާލަން ނިންމާފަ އެވެ.
އަލް ޤަރްޔަތައިން އަވަށުން ފިލައިގެން ގޮސްފައިވާ އެތައް ހާސް އާންމު ރައްޔިތުން އަނބުރާ އެއަވަށަށް ފޮނުވުމުގެ މަސައްކަތް ސީރިޔާ ސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ.