ފިނިޕޭޖް

ވާށޭ މަށާ އެކީގެ ދެ ވަނަ ރިވިއު: މައާފަށް އެދެމުން ތައުރީފު އަނބުރާ ގެންދަނީ!

އެންމެ އުފާވަނީ، މިދިޔަ އާދީއްތަ ދުވަހު އަޅުގަނޑުމެން ޝާއިއުކުރި މި ފިލްމުގެ ރިވިއުގައި، "ވާށޭ މަށާ އެކީ" ގައި އޮރިޖިނަލް ކޮމެޑީއެއްގެ ބޯޑު ނޭޅުވުނީތީ އެވެ. އެކަމަކު މަހުދީ އަހުމަދު ލިޔެ، އަލީ ޝިފާއު ޑައިރެކްޓްކޮށްފައިވާ އެ ފިލްމަށް އޮއްސި ތައުރީފަކީ ހަމަ ހިތުގެ އެންމެ ފުންމިނުން ކެކި އަރައިގެން ބަންޑުންވި ވާހަކަތަކެކެވެ.

ފަހަރެއްގައި، ދިވެހި ސިނަމާއިން ނުފެންނަ ފެންވަރުގެ ފިލްމެއް ބަލައިލުމުގެ ފުރުސަތު ލިބިގެން އަޅުގަނޑު ޖަޒުބާތުގައި ޖެހުނީ ކަމަށް ވެސް ވެދާނެ އެވެ. ކޮންމެއަކަސް، "ވާށޭ މަށާ އެކީ" ގެ ފިޔަގަނޑެއްގައި އެލިގެން ކުރި މަޖާ ދަތުރު މި ވަނީ އެންމެފަހުން ގޮސް ކަޅުބޯވިލާގަނޑެއްގެ ތެރެއަށް ވަދެފަ އެވެ.

އޭރުން ދެން ވާނެ ގޮތް އެނގޭ ހެއްޔެވެ؟ އޮހޭނީ ތައުރީފެއް ނޫނެވެ. ވެހޭނީ "ޑާކް ރެއިން" އެވެ!

މުހައްމަދު އަލީ އާއި އައިޝަތު ފުއާދު ތައުފީގު ޕްރޮޑިއުސްކޮށްފައިވާ އަދި އެތައް ބަޔަކު (އަޅުގަނޑު ނަދީމް ވެސް ހިމެނޭ ގޮތަށް) ތައުރީފު އޮއްސަމުން އަންނަ ރޮމޭންޓިކް ކޮމެޑީ "ވާށޭ މަށާ އެކީ" އަކީ ހޮލީވުޑްގެ ފިލްމެއް ކަމުގައިވާ "ނައިން މަންތްސް" ގެ ކޮޕީއެކެވެ. އޭގެ ވާހަކައިގެ ޕްލޮޓް އެކަންޏެއް ނޫނެވެ. "ވާށޭ މަށާ އެކީ" އަކީ އެ ފިލްމުގެ ޝޮޓަށް ފަހު ޝޮޓެއް ކާލައިގެން އޮލިމްޕަހަށް ވަދެ ފިލައި އޮތް ފިލްމެކެވެ.

އެކަމަކު މި ފިލްމެއް ބަލައި އެއަށް ތައުރީފުކޮށް ހުސްނުވެގެން އުޅުނުއިރު މިއީ "ނައިން މަންތްސް" ގެ ކޮޕީއެއްކަމެއް އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގެ އެވެ. ހޮލީވުޑްގައި ނެރޭ ހުރިހާ ފިލްމުތަކެއް ބެލުމުގެ ފުރުސަތު ލިބިފައިނެތީމަ ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު މީގައި ގޯސްވަނީ އަޅުގަނޑަށް ނުވަތަ މި ފިލްމެއް ބެލި އެހެން ބަޔަކަށް ވެސް ހޮލީވުޑްގެ ފިލްމު "ނައިން މަންތްސް" ބެލިފައި ނެތީމައެއް ނޫނެވެ.

ފިލްމެއް ކޮޕީކޮށްގެން އެ ފިލްމެއް އަޅުވައިގެން އެއަށް މުޅި ގައުމުގެ ތައުރީފު އޮހެމުންދާއިރު ވެސް "ވާށޭ މަށާ އެކީ" އަކީ "ނައިން މަންތްސް" ގެ ކޮޕީއެއްކަން އޭގެ ޕްރޮޑަކްޝަން ޓީމުން އެއްގޮތަކަށް ވެސް ހާމަކޮށްފައި ނުވާތީ އެވެ. ނުވަތަ އޭގެ އަސްލަކަށް ބަލައިގެން ތިމަންނާމެން އުފެއްދި ފިލްމެކޭ ވެސް މިހާތަނަށް ބުނެފައި ނުވާތީ އެވެ.

އެކަމަކު ހުރިހައި ސިއްރެއް ފަޅާއަރާ އުސޫލުން، "ވާށޭ މަށާ އެކީ" ގެ ހަގީގަތް ވެސް މިއޮތީ ފަޅާއަރައިފަ އެވެ. މިހައި ހިސާބުން "ނައިން މަންތްސް" ގައި ވާގޮތް އަޅުގަނޑު ކިޔާލަދޭނަމެވެ.

ދަރިން ހޯދަން ބޭނުންނުވުމާއި ދަރިން ހޯދަން ބޭނުންވުން!

"ހޯމް އެލޯން" ފަދަ މަޝްހޫރު ކޮމެޑީ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ކްރިސް ކޮލަމްބަސް 1995 ވަނަ އަހަރު ގެނެސްދިން "ނައިން މަންތްސް" ގެ ޕްލޮޓް ލައިނަކީ ވެސް މިއީ އެވެ. ފިލްމުގެ ލީޑް ކެރެކްޓާ ސެމިއުލް (އެކްޓަރު ހިއު ގްރާންޓް) އަކީ ކައިވެނިކޮށްގެން ކުދިން ހޯދުމުގެ ހިޔާލާ ވަރަށް ދެކޮޅު ޒުވާނެކެވެ. އެއާ ހިލާފަށް، އޭނާގެ ލޯބިވެރިޔާ، ރެބެކާ (ޖޫލިއޭން މޯ) އަކީ ކައިވެނިކޮށްގެން ދަރިން ހޯދަން ކެތްމަދުވެފައިވާ އަންހެނެކެވެ.

އިތުރަށް މި ފިލްމުގެ ތެރެއަށް ވަންނަ ނަމަ ކިޔައިދޭން ޖެހޭނީ ގާތްގަނޑަކަށް، "ވާށޭ މަށާ އެކީ" ގެ ފިލްމުގައި ވި ހުރިހާ ކަމެއްގެ ވާހަކަ އެވެ.

ރެބެކާ އަކީ ޓީޗަރެކެވެ. ކައިވެނިކުރުމާއި ކުދިން ހޯދުމުގެ ހިޔާލާ ދެކޮޅަށް ސެމިއުލް އަށް "ވަސްވާސް" ދޭ ރައްޓެއްސަކު އޭނާގެ ހުރެ އެވެ. އޭނާ ކިޔައިދެނީ ސިންގަލް ލައިފްގެ މޮޅު ވާހަކަ އާއި މަޖާ ވާހަކަ އެވެ.

ކޮންމެއަކަސް، ދަރިއަކު ލިބިދާނެ ކަމަށް ވަރަށް ވިސްނައިގެން އުޅެނިކޮށް ރެބެކާ އެންމެފަހުން ސެމިއުލްގެ ދަރިއަކަށް ބަލިވެ އިންނަނީ އެވެ. އެ ވާހަކަ ރެބެކާ ބުނަނީ ސެމިއުލްގެ ކާރުގައި ދެ މީހުން އެކުގައި ދަމުންނެވެ. ބަނޑުބޮޑު ވާހަކަ ރެބެކާ އެންމެ ފުރަތަމަ ބުނުމުން އެ ވާހަކައެއް ސެމިއުލްއަކަށް ފުރަތަމަ ގެޓެއް ނުވެ އެވެ.

އިރުކޮޅަކުން އެ ވާހަކައެއް ގެޓްވެ، ދެ މީހުންގެ ކާރު ދުއްވަމުން ދިޔަ މަގުން ކައްސާލައިގެން ގޮސް އެކްސިޑެންޓެއް ހިނގަނީ އެވެ. ބާތު ކޮންޓްރޯލްކުރުމަށް ނެގި ބޭހަކީ 100 ޕަސެންޓަށް ކޮންޓްރޯލްކުރެވޭ ބޭހެއް ނޫންކަން ސެމިއުލް އަށް އެނގެނީ އެއަށް ފަހު އެވެ.

ކޮންމެއަކަސް އެންމެ ފަހުން ރެބެކާ ބަނޑުބޮޑުވީމަ އެހާލާއިގެން ސެމިއުލް އުޅެނީ އެވެ. އެއްގޮތަކަށް ވެސް ރުހިގަބޫލުވެގެންނެއް ނޫނެވެ. މިހެން އުޅެނިކޮށް ބީޗުން ދިމާވާ މެދުއުމުރުގެ ދެމަފިރިއަކާއި އެމީހުންގެ ދަރިންގެ އުނދަގޫ ސެމިއުލްގެ ހަޔާތަށް ކަށިޖަހަން ފަށަނީ އެވެ. އެ ދެ މީހުންގެ ކުދިންތައް އުޅޭގޮތް ފެނުމުން ވެސް ސެމިއުލް އަށް ވިސްނެނީ އޭނާގެ އެކުވެރިޔާ ދެއްކި ވާހަކަތަކަކީ މުޅިން ވެސް ރަނގަޅު ވާހަކަތަކެއް ކަމަށެވެ.

ދެން އެހެން ދިމާލަކަށް ޖެހިލަމާ ހިނގާށެވެ. ރެބެކާ ޑޮކްޓަރަކަށް ދައްކަން ޖެހޭތީ އޭނާ ގޮވައިގެން ސެމިއުލް ޑޮކްޓަރަށްދާއިރު އެމީހުންނާ ލައިގަންނަނީ ރަޝިއަން އެކްސެންޓުން ވާހަކަ ދައްކާ ޑޮކްޓަރަކާ އެވެ. އަދި މި ޑޮކްޓަރަކު (ރޮބިން ވިލިއަމްސް) ވަނީ ވަރަށް ވެސް މަޖާ ޑޮކްޓަރަކަށެވެ. ހަ ބަސް ރީއްޗަށް ނުކިޔޭ ނުވަތަ އެއް ބަސް އަނެއް ބަހާ އޮޅުވާލާ ވަރުން ކިޔާނުކިޔާއެއްޗެއް ވެސް ފަހުމް ނުވާ ފަދަ ގޮތަށް ވާހަކަ ދައްކާ ޑޮކްޓަރަކަށެވެ.

މިފަދަ ހާލެއްގައި ގޮސް ރެބެކާ ވިއްސަން ތައްޔާރުވަމުން ދަނިކޮށް ސެމިއުލް ހޭނެތިގެން ވެއްޓެނީ އެވެ. މިހެން ގޮސް މި ފިލްމު ނިމެންދެން ވެސް އޭގައި ވާނުވާ ކިޔައިދެވިދާނެ އެވެ. އެކަމަކު "ވާށޭ މަށާ އެކީ" ބެލި މީހަކަށް މިއިން އެއްވެސް ކަމެއް އާ ކަމަކަށް ނުވަތަ އާ މަންޒަރަކަށް ނުވާނެ އެވެ.

މިއީކީ އެއްގޮތަކަށް ވެސް އިންސްޕަޔާވުމެއް ނޫން!

އެހެން ކަމުގައިވާ ނަމަ، އެންމެ ރަނގަޅުވާނީ މި ވައްތަރަށް އިންސްޕަޔާނުވިއްޔާ އެވެ. "ވާށޭ މަށާ" އެކީ" އަކީ "ނައިން މަންތްސް" ގެ ތައްގަނޑުން ފިހެލައިގެން ގެނެސް ވިއްކަމުން އަންނަ ނިކަން މީރު ކޭކެވެ. އަޅުގަނޑު ކިޔައިދޭނަމެވެ!

ހިއު ގްރާންޓް އެ ފިލްމުގައި ކުޅެފައިވާ ކެރެކްޓާ، ސެމިއުލްގެ ރޯލު، ވާށޭ މަށާ އެކީގައި ކުޅެފައި ވަނީ ޒުވާން އެކްޓަރު، ޖުމައްޔިލް ނިމާލް އެވެ. ކުޑަކުދިންގެ ޓީޗަރެއްގެ ރޯލު ކުޅެފައިވާ ރެބެކާގެ ކެރެކްޓާ، ހަމަ ކުޑަކުދިންގެ ޓީޗަރެއްގެ ގޮތުގައި "ވާށޭ މަށާ އެކީ" ގައި ކުޅެފައި ވަނީ މަރިޔަމް މަޖުދާ އެވެ. މި ފިލްމުގައި މުހައްމަދު ފައިސަލް ކުޅެފައިވާ ކެރެކްޓާ އަކީ، ނުބައި ވަސްވާސްދޭ، ސެމިއުލްގެ އެކުވެރިޔާ އެވެ.

އަދި އެއް ވާހަކައެވެ. ޕެޓެއްގެ ގޮތުގައި ޖުމައްޔިލް ފިލްމުގައި ބުޅަލެއް ގެންގުޅުނުއިރު، "ނައިން މަންތްސް" ގައި ގާރާންޓް ވެސް ޕެޓަކަށް ބުލަލެއް ގެންގުޅެ އެވެ. އަދި ވަކި ހިސާބަކުން އޭނާ އަށް ޖެހެނީ އެ ބުޅާ ދޫކޮށްލާށެވެ. އެއީ ރެބެކާ، ދިވެހި ފިލްމުގައި ނަމަ، ނަތާޝާ ބަނޑުބޮޑުވާ ހިސާބުން "ޑޮކްޓަރު ރަޝިއާ" ބުޅަލުގެ "ޕޫޕް"އާ ބެހޭ ގޮތުން ނަގައިދޭ އޮޅުންބޮޅުންބޮޑު ފިލާވަޅުތަކަށް ފަހު އެވެ.

މި ޑޮކްޓަރަކާ ފިލްމުގެ މެއިން ދެ ކެރެކްޓާ ބައްދަލުވާ މަންޒަރު ކޮޕީކޮށްފައި އޮތް ވަރު ކިޔައިދިނުމުގެ ކުރިން އަދި އެއަށް ވުރެ ބޮޑަށް ކޮޕީކޮށްފައި ހުރި އެހެން މުހިންމު މަންޒަރުތަކެއްގެ ވާހަކަ ކިޔައިދޭނަމެވެ.

މިސާލަކަށް "ވާށޭ މަށާ އެކީ" ގައި ޖުމައްޔިލް އާއި މަޖުދާގެ ބީޗު ސީން އެވެ. ޖުމައްޔިލް ކުކުޅު ފައެއް ކާން އުޅެނިކޮށް، މަތިމަތިން އަންނަ ބޯޅައެއް އަނގަމައްޗަށް އަރައި ކަރުތެރޭގައި އެ ކުކުޅުފައި ތާށިވަނީ އެވެ. "ނައިން މަންތްސް" ގެ މަންޒަރުގައި ހިއު ގްރާންޓްގެ ބޮލުގައި އައިސް ޖެހެނީ، ވައިގެ ތެރެއިން ވެއްޓިގެން އަންނަ މަޑިއެކެވެ.

ދެން މި މަންޒަރުގެ ތެރެއިން ޖުމައްޔިލް އާއި މަޖުދާއާ ދެމަފިރިއަކާއި އެމީހުންގެ ހަލަނި ކުދިންކޮޅަކާ ބައްދަލުވާގޮތަށް "ނައިން މަންތްސް" ގައި ވެސް ހަމަ އެ މަންޒަރު އާދެ އެވެ. އަދި އެ ކުދިންތައް އައިސް ކާ އެއްޗެހި ހާވައި އުޅޭ ގޮތް ފެނުމުން ޖުމައްޔިލްގެ މޫނު މައްޗަށް ޖައްސާ ވައްތަރު ގްރާންޓްގެ މޫނުމަތިން ވެސް ފެނެ އެވެ.

ކުރުކޮށް ބުނަނީ ނަމަ ނުވަތަ މިކަން ސަމާސާއަކަށް ހަދަނީ ނަމަ "ނައިން މަންތްސް" ގެ މި މަންޒަރާ "ވާށޭ މަށާ އެކީ" ގެ މަންޒަރުގައި ތަފާތީ ރާއްޖޭގެ ހުދު ދޮންވެލީގެ ބީޗެވެ.

ދެން އެހެން މަންޒަރެއްގެ ވާހަކަ އެވެ. ޕްރެގްނަންޓްކަން ޖުމައްޔިލް އަށް އެނގޭ ހިސާބެވެ. އެ ވާހަކައެއް މަޖުދާ ބުނަނީ ދެ މީހުން ޖީއެން ސައިކަލެއްގައި ދަމުންނެވެ. "ނައިން މަންތްސް" ގައި އެ ވާހަކަ ރެބެކާ ބުނަނީ ސެމިއުލްގެ ކާރުގައި ދަމުންނެވެ. ދެ ފިލްމުގައި ވެސް ދެން ހިނގަނީ އެކްސިޑެންޓެކެވެ.

އެއަށް ފަހު ބާތު ކޮންޓްރޯލް ޕިލްސް އާއި އެއާ ބެހޭ ފިލާވަޅުތަކެއް ދެ ފިލްމުގައި ވެސް ނަގައިދެ އެވެ.

މީގެ އިތުރުން ހެއްވާ މަޖާ ރަޝިއަން އެކްސެންޓްގެ ޑޮކްޓަރަށް ޖެހިލާއިރު، އޭނާގެ ކޮޓަރިއަށް ފިލްމުގެ ލީޑް މި ދެ ކެރެކްޓާ ފުރަތަމަ ދާ މަންޒަރުގައި ވެސް އަސްލު އެއްވެސް ތަފާތެއް ނެތެވެ. "ވާށޭ މަށާ އެކީ" ގައި ޖުމައްޔިލް އާއި މަޖުދާ އެ ކޮޓަރިއަށް ވަންނައިރު ރަޝިއަން އެކްސެންޓްގެ ޑޮކްޓަރު ފެންނަނީ އޮޕެރާ ލަވައެއް ޖަހާލައިގެން ލަވަކިޔަން އުޅޭ މަންޒަރެވެ.

"ނައިން މަންތްސް" ގައި މި ރަޝިއަން ޑޮކްޓަރު އުޅެނީ އެކަހަލަ މަޖާ ފީލްއެއްގެ ފޯނު ކޯލެއްގަ އެވެ. ދެން ތެޅިގަނެގެން އެނބުރި ރެބެކާ އާއި ސެމިއުލްއާ ވާހަކަ ދައްކަން ފަށައިގެން އެއް ބަސް އަނެއް ބަހާ އޮޅުވަމުން ކުރިއަށް ދަނީ އެވެ. ދިވެހި ފިލްމުގައި ވެސް ހަމަ އެގޮތެކެވެ. އަދި 90 ޕަސެންޓް ސޭމް ޑައިލޮގްސް އެވެ.

ވިހަން ވައްދާ މަންޒަރު ނުވަތަ ފިލްމުގެ ކްލައިމެކްސް ވެސް އޮތީ 99 ޕަސެންޓަށް ކޮޕީކޮށްފަ އެވެ. މިސާލަކަށް "ވާށޭ މަށާ އެކީ" ގައި ޖުމައްޔިލް ހޭނެތިގެން ވެއްޓޭ އިރު "ނައިން މަންތްސް" ގައި ސެމިއުލް ވެސް ހޭނެތިގެން ވެއްޓެ އެވެ. އަދި އެގޮތަށް އޭނާ ވެއްޓުމަށް ފަހު ދެ ފިލްމުގައި ވެސް "ނުބައި މާނަ އޯޑިއެންސަށް ނެނގޭ ފަދަ" މަންޒަރުތަކެއް ދައްކުވަ އެވެ.

އަދިވެސް ދެ ފިލްމުގެ އެއްގޮތް ގޮތުގެ ވާހަކަ ނުވަތަ "ވާށޭ މަށާ އެކީ" އިން "ނައިން މަންތްސް" ކޮޕީކޮށްފައި އޮތްވަރު ކިޔައިދޭންވީ ހެއްޔެވެ؟ "ވާށޭ މަށާ އެކީ" ގައި ގެނެސްދިން ސައިޑް ކޮމެޑީ ސްކެޗުތަކަކީ، އެއީ ފައިސަލްގެ ފަރާތުން ނުވަތަ އެހެން ކެރެކްޓާއެއްގެ ފަރާތުން އަބަދުވެސް ކޮންމެވެސް މީހަކަށް ބަދުނަސީބު ގޮތެއް ދިމާވާ ގޮތް ދައްކުވައިދޭ މަންޒަރުތައް، އެއީ ވަަރަށް ވެސް ކަމުދިޔަ ސީންތަކެކެވެ. އެކަމަކު މި ކޮމެޑީ ސްކެޗްތައް "ނައިން މަންތްސް" ގައި ވެސް ހިމެނެ އެވެ.

އެހެންވީމަ މި ހުރިހާ ސަބަބުތަކަކަށް ބަލާއިރު "ވާށޭ މަށާ އެކީ" އަކީ "ނައިން މަންތްސް" އިން އިންސްޕަޔާވެގެން އުފެއްދި ފިލްމެކޭ ނުވަތަ އޭގެ ޕްލޮޓާ ކޮންމެވެސް ވަރަކަށް ގުޅުންހުރި ފިލްމެކޭ ބުނެވޭކަށް ނެތެވެ. ވަކިން ހާއްސަކޮށް މި ދެ ފިލްމު އެއްގޮތްވުމަކީ އިއްތިފާގަކަށް ވެސް ނުވެ އެވެ. -- މިއޮތީ ނިކަން ރަނގަޅަށް، "ނައިން މަންތްސް" ކޮޕީކޮށް އޭގެ ފޮނިކޮޅު ބޯލައިފަ އެވެ!!

މި ފެންވަރަށް ޑާކް ރެއިން ވެއްޓުނީމަ ކަންބޮޑުވޭ!

ޑާކް ރެއިން އެންޓަޓެއިންމަންޓަކީ ދިވެހި ސިނަމާގެ ދިރުމޭ މީހުން ބުނަމުން އައި ސަބަބުތަކުގައި އެމީހުން މިއޮތީ ކޮޅުފައިން ޖަހައިފަ އެވެ. ހަގީގަތުގައި ވެސް ފެންވަރު ރަނގަޅު ފިލްމުތަކެއް އުފައްދަމުން، ދިވެހި ސިނަމާގެ ފެންވަރު މަތިކުރަމުން އައި ބަޔަކު، ފިލްމު ހަދައިގެން އެއިން ބޮޑު ވިޔަފާރިއެއްކުރުމުގެ ދަހިވެތިކަމުގައި މިފަދަ ދަރަޖައަކަށް ވެއްޓިގަތުމަކީ ވަރަށް ވެސް ލަދުވެތިކަމެކެވެ.

ދިވެހި ފިލްމީ ދާއިރާގެ އެހެން މީހުންނަށް ނަމޫނާ ދައްކަން އޮތް އެންމެ ފެންވަރު ރަނގަޅު ސްޓޫޑިއޯ އިން އަމިއްލަ އަށް އެމީހުންގެ އަގު ވައްޓާލީ އެވެ. ހަގީގަތަކީ ފިލްމީ ދާއިރާގެ އެހެން ބަޔަކު ކޮޕީކުރިޔަސް އެކަމަކާ އާންމު ބެލުންތެރިން ކަންބޮޑެއް ނުވާނެ ކަމެވެ. ސަބަބަކީ އެހެން މީހުން އަބަދުވެސް ކޮޕީކުރާތީ އެވެ.

އެކަމަކު ޑާކް ރެއިން އިން ކޮޕީކޮށްފައި، އަދި އެވަރު ނުވެގެން، ބެލުންތެރިންނަށް އޭގެ ހަގީގަތަށް އޮޅޭ ގޮތަށް ފިލްމެއް ގެނެސްދިނީމަ ދެން ކުރާ މަސައްކަތަށް އިތުބާރުކުރާނީ ކިހިނެތް ހެއްޔެވެ؟ މިސާލަކަށް، ޑާކް ރެއިން އިން "ޒަހަރު" އޭ ކިޔާ ފިލްމެއް ގެނެސްދިންއިރު އެއީ ކޮޕީކޮށްފައިވާ ފިލްމެއް ނޫން ކަމަށާއި އެއީ "އިންސްޕިރޭޝަނެއް" ކަމަށް އެންމެ ކުޑަމިނުން ބުނެލި އެވެ. އެކަމަކު އެއީ ވެސް ކިހިނެތް ވެފައި އޮތް ކަމެއްކަން އޭގެ ހޮލީވުޑްގެ ފިލްމާއި "ޒަހަރު" ބެލި މީހަކަށް ވެސް އެނގޭނެ އެވެ.

ދަންނަވަން މި އުޅޭ ވާހަކަ އަކީ ކޮޕީކޮށް މި ފާޑަށް އޯޑިއެންސަށް ކެހި ދިނުމަކީ ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ފެންވަރެއް އަދި ގުޅޭ ކަމެއްވެސް ނޫނޭ އެވެ. ސަބަބަކީ ތި ސްޓޫޑިއޯ އަކީ ދިވެހި ފިލްމަށް، ވަކިން ހާއްސަކޮށް ފެންވަރު ރަނގަޅު ދިވެހި ފިލްމަށް ލޯބިކުރާ ވަރަށް ގިނަ ބައެއްގެ އުއްމީދާ ނިކަން ބޮޑަށް ގުޅިފައިވާ ސްޓޫޑިއޯއެއް ކަމަށްވާތީ އެވެ.

އެހެންވީމަ، ޑާކް ރެއިން އިން ކޮޕީއެއް ނުކުރާނެއޭ، އެމީހުން ގެނެސްދޭނީ ނިކަން ކޮލިޓީ، އޮރިޖިނަލް ފިލްމުތަކޭ ބުނާ މީހުން މިއަދު ކިހާ ލަނދެއް ގަންނާނެ ހެއްޔެވެ؟

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ކަމަކަށް ނުވަތަ އެއްޗަކަށް މާ ބޮޑަށް ދަހިވެތިވެއްޖެ ނަމަ މީހާގެ ސިކުނޑި ކޮރަޕްޓްވެ، އެމީހެއް ނުވަތަ ތަނެއް ނުވަތަ އެއްޗަކަށްވިޔަސް، ހަލާކުވެގެން ހިނގައިދާނެ ކަމެވެ. ފެންނަ މަންޒަރަށް ބަލާއިރު ޑާކް ރެއިން އަށް ވަމުން އެ ދަނީ މިހެންނެވެ. އެމީހުން މިހާރު އެ ދުވަނީ ކޮމާޝަލް ދެ ތިން ފިލްމެއް އުފައްދައިގެން ލިބުނު ބޮޑު ފައިދާގެ ފަހަތުންނެވެ. އެކަމަކު ކޮޕީ ފިލްމު ނެހެދިޔަސް ޑާކް ރެއިން އަކީ ދިވެހި ސިނަމާ އަށް އިންގިލާބެއް ގެނެވޭ ވަރުގެ ފުރާޅެކެވެ.

ނަމަވެސް ފެންނަ މަންޒަރު ތަފާތެވެ. "ޒަހަރު" އަށް ފަހު "އެންމެ ފަހު ވިންދާ ޖެހެންދެން" އަދި "ވާށޭ މަށާ އެކީ" ވެސް މިވީ ކޮޕީއަކަށެވެ.

ކުރި ހުރިހާ ތައުރީފެއް މި ޖެހުނީ އަނބުރާ ގެންދަން!

ވަރަށް ވެސް ދެރަ އެވެ. އެކަމަކު "ވާށޭ މަށާ އެކީ" އަށް އޮއްސި ހުރިހާ ތައުރީފެއް ގެންދަން އަޅުގަނޑު ބޭނުމެއް ނުވެ އެވެ. ސަބަބަކީ އެ ފިލްމަކީ ކޮޕީކޮށްފައި އޮތް ފިލްމަކަށްވިޔަސް އެއަށް ކޮށްފައިވާ މަސައްކަތުގައި ކޮންމެވެސް ވަރެއްގެ އިހްލާސްތެރިކަމެއް ވެސް އޮތީމަ އެވެ. ރަނގަޅު ފިލްމެއް އުފައްދަން ކޮށްފައިވާ ބުރަ މަސައްކަތް އެ އޮތީ ފެންނާށެވެ. އަދި ނަތީޖާ ވެސް ވަރަށް، ވަރަށް ރަނގަޅެވެ. ވަކިން ހާއްސަކޮށް ފިލްމުގެ މެއިން ކާސްޓް އަދި ޑައިރެކްޓަރާއި ސިނެމެޓޯގްރެފީގެ މަސައްކަތަށް ހަމަ ތައުރީފު ހައްގެވެ.

ކޮޕީ ފިލްމަކަށް ވިޔަސް "ވާށޭ މަށާ އެކީ" އަކީ ފޫހިނުވެ ބަލައިލެވޭ އަދި ނިކަން ބޮޑަށް ގަޔާވެގެން ބަލައިލެވޭނެ ފިލްމެކެވެ. އެކަމަކު އަޅުގަނޑަށް ހީވާ ގޮތުން މިގޮތަށް، މިހައި ގަޔާވެގެން މި ފިލްމު ބެލޭނީ، "ނައިން މަންތްސް" ނުބަލާ އަޅުގަނޑު ކަހަލަ މީހުންނަށް އެކަންޏެވެ.

"ވާށޭ މަށާ އެކީ" ގެ ބުރަ މަސައްކަތަށް އަތްޖަހާވަރުވިޔަސް އޭގެ އަސްލު މުޅިން ކޮރަޕްޓްވެފައި އޮތުމުން މުޅި މަންޒަރު މި ވަނީ އެއްކޮށް ބަދަލުވެފަ އެވެ. މަހުދީ އަހުމަދު ލިޔެފައިވާ ސްކްރީންޕްލޭގެ ކްރެޑިޓް ނަގަން އޭނާ އަށް ކެރުނަސް ނުވަތަ އެ ކްރެޑިޓް މަހުދީ އަށް ދޭން ޑާކް ރެއިން އަށް ކެރުނަސް، އަޅުގަނޑަކަށް ލާހިކެއް ނޫނެވެ.

ޑާކް ރެއިން އާއި ދެން ތިބި އެހެން ބަޔަކު ވެސް ހައުސް ފުލް ޝޯތަކެއް ދައްކައިގެން އެތައް ހާސް ރުފިޔާގެ ފައިދާއެއް ނަގަމުން އެ ގެންދަނީ އެހެން ބައެއްގެ ބުރަ މަސައްކަތުން އެއްކޮށްފައިވާ ހިޔާލުތަކެއް "ވާށޭ މަށާ އެކީ" ގެ ނަމުގައި ވިއްކައިގެންނެވެ. އެހެންވީމަ އެމީހުންނާ އެކުގައި ވާން ކިތަންމެ ބޭނުންވިޔަސް އެ ކޮރަޕްޓް ހިޔާލުތަކުގެ ތެރޭގައި އިށީނދެ އިންނާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނެ އެވެ.

ވަކިން ހާއްސަކޮށް، ހަގީގަތް ނޭނގި، މަހުދީ އަށް ކުރެވުނު ތައުރީފު އަނބުރާ ގެނެސް، އަވަސްގެ ކިޔުންތެރިންގެ ކިބައިން އަޅުގަނޑު މައާފަށް ވެސް އެދެމެ އެވެ. މޮޅު ސްކްރީންރައިޓަރަކަށް މަހުދީވެދާނެ އެވެ. އެކަމަކު މިފަހަރު އޭނާ މޮޅު މިވީ ކޮޕީކުރާށެވެ. މިއީ އޮރިޖިނަލް މަސައްކަތްތަކުން ލިބިފައިވާ ގަދަރާއި ޝަރަފް ވެސް މަހުދީ އަށް މަލާމާތްކުރާނެ ކަމެކެވެ.

މި ބޮޑު އޮޅުވާލުމަށް ފަހު، ހަގީގަތުގައި ޑާކް ރެއިން ވެސް ބެލުންތެރިންގެ ކިބައިން މައާފަށް އެދެންޖެހޭ ކަމަށް ނުވަތަ މި ފިލްމު "ނައިން މަންތްސް" ގެ ކޮމްޕްލީޓް ރިޕްއޯފްއަކަށްވީ ގޮތް ބެލުންތެރިންނާއި ފޭނުންނަށް އޮޅުންފިލުވައިދޭން ވެސް ޖެހެ އެވެ. އަޑުތައް އަރާފައިވާ ގޮތުން މި ފިލްމަކީ ކޮޕީއެއްކަން ޑާކް ރެއިން އަށް އެނގުނީ ފިލްމުގެ ޝޫޓިން ފެށި ފަހުންނެވެ. އެހެން ކަމަށްވާ ނަމަ މި ފިލްމުގެ ބިހައިންޑް ދަ ސީންސްގައި ވަރަށް ބޮޑު މައްސަލައެއް ވެސް އެބައުޅެ އެވެ.

މިވަރުން މިކަންތައްދާ ނަމަ ޑާކް ރެއިން އިން "ވާށޭ މަށާ އެކީ" ގެ ކާމިޔާބީއާ އެކު އިއުލާނުކޮށްފައިވާ އާ ފިލްމު "މަގޭ ބިޓުގެ ވެޑިން"، "މައި ބިގް ފެޓް ގްރީކް ވެޑިން" ނުވަތަ "މައި ބެސްޓް ފްރެންޑްސް ވެޑިން" އަށް ވެސް ބަދަލުވެދާނެ އެވެ.