އޮފްބީޓް

ހެއާ ޑްރަޔާ ބޭނުންކުރުން މަނާކުރުމުން ވެެނެޒުއޭލާގެ ރައީސް ހޫނު ފެނަށް

ހަކަތައިގެ ވާހަކަ ނުވަތަ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރާ ވާހަކަ އަކީ މިހާރު ރާއްޖޭގައިވެސް އެންމެ ބާރުލާފައި ދައްކާ އެއް ވާހަކަ އެވެ. އަވިން ހަކަތަ އުފައްދަން ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ. އާންމުން ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމްތައްވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.

ރާއްޖެއެކޭ އެއްގޮތަށް ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރަން ބާރު ސްޕީޑެއްގައި ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ވެެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ މިވަނީ ވަރަށް ތަފާތު ނިންމުމެއް ނިންމާފަ އެވެ. އެއީ ހާއްސަ މުނާސަބަތުތަކުގައި ފިޔަވައި އެހެން ދުވަސް ދުވަހު އަންހެނުން އިސްތަށިގަނޑު ހިއްކަން ހެއާ ޑްރަޔާ ބޭނުންކުރުން މަނާކޮށްފަ އެވެ.

ވެނެޒުއޭލާގައި ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރަން ރައީސް ނިކޮލަސް ދަނީ ތަފާތު ކަންތައްތައް ކުރައްވަމުންނެވެ. އެގޮތުން ދެމަސް ދުވަސް ވަންދެން ސަރުކާރު މުވައްޒަފުންނަށް ހުކުރު ދުވަސް އޮފް ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. އަދި މީގެ އިތުރުން ވަޑާންކުރުމުގެ މަސައްކަތުގައި ގެންގުޅޭ ބައެއް ކަފާ މެޝިންތަކާއި އޭސީގެ ޓެމްޕަރޭޗާވެސް ވަކިވަރަކަށްވުރެ ދަށް ނުކުރަން ވަނީ އަންގާފަ އެވެ.

އަދި ލާން ގެންގުޅޭ އަންނައުނުވެސް ހިއްކުމަށް މެޝިން ބޭނުންކުރުމުގެ ބަދަލުގައި އިރުގެ އައްޔާއި ވައި ބޭނުންކުރަން އާންމު ރައްޔިތުންނަށް އިލްތިމާސްކުރެއްވި އެވެ.

ރައީސް ނިކޮލަސްގެ މިނިންމުންތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުންވަނީ އެމަނިކުފާނު ހޫނުފެނަށް ވައްޓާލާފަ އެވެ. އަދި އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކުވެސް ވަނީ ވަރަށް ބޮޑަށް ސަރުކާރަށާއި ރައީސަށް ފާޑު ކިޔާފަ އެވެ.

ވެނެޒުއޭލާގައި ބޭނުންކުރާ ކަރަންޓުގެ 70 ޕަސަންޓު އުފައްދަނީ ގުރީ ދާމް ނަމަކަށް ކިޔާ ކޯރެއްގައި ހަދާފައި އިންނަ ހައިޑްރޯ އިލެކްޓްރިކް ޕްލާންޓަކުންނެވެ. މި ކޯރުގެ ފެންގަނޑު މިހާރު އޮޕަރޭޓް ކުރެވޭ ވަރުގެ އެންމެ ދަށް ލެވެލް އާއި ހަމަވަމުން އަންނަ ކަމަށް ކަމާބެހޭ އޮފިޝަލުން ދަނީ ބުނަމުންނެވެ. އަދި މިއީ އެލްނީނޯގެ ސަބަބުން ވާ ކަމެއް ކަމަށްވެސް އޮފިޝަލުން ދަނީ ބުނަމުންނެވެ.