ދުނިޔެ

ބްރަސެލް އަށް ހަމަލާ ދިނުމުގެ ކުރިން ފްރާންސަށް ހަމަލާދޭން ރޭވި

މިދިޔަ މަހު ބެލްޖިއަމްގެ ބްރަސެލްގެ އެއާޕޯޓުގައި ދިން ހަމަލާގެ ކުރިން ފްރާންސަށް އިތުރު ހަމަލާތަކެއް ދޭން ބްރަސެލްއަށް ހަމަލާދޭން ހަރަކާތްތެރިވި މީހުން ރާވާފައިވާ ކަމަށް އެ މައްސަލަ ތަހުގީގް ކުރަމުންދާ ބެލްޖިއަމްގެ ފެޑެރަލް ޕްރޮސެކިއުޝަން އޮފީހުން ބުނެފި އެވެ.

ބްރަސެލް އެއާޕޯޓްގައި ދެ ގޮވުމެއް ގޮވާފައިވާއިރު، ދެ ގޮވުމުގެ ދެމެދުގައި ހުރީ 20 އަކަށް ސިކުންތެވެ. މިއީ ޖާނުންފިދާވެގެން ދީފައިވާ ހަމަލާތަކެކެވެ. ޖާނުންފިދާވެ ހަމަލާ ދިނީ ދެ ބެއިން ކަމަށްވާ ހާލިދް އަލް ބަކްރޫއީ އާއި އިބްރާހިމް އަލް ބަކްރޫއީ އެވެ.

މި ހަމަލާތަކުގައި އެތައް ބަޔަކު ޒަހަމްވެފައިވާއިރު މަރުވި މީހުންގެ އަދަދު މީޑިއާތައް ރިޕޯޓްކުރާ ގޮތުގައި 31 އަށް އަރައެވެ. މިހަމަލާގެ ޒިންމާ ވަނީ އައިސިސް އިން އުފުލާފަ އެވެ. ހަމަލާ އާއި ގުޅިގެން ނުވަ މީހުން ހައްޔަރުކޮށްފައިވާއިރު އޭގެތެރެއިން ދެ މީހުން ހައްޔަރުކޮށްފައިވަނީ ޖަރުމަނުންނެވެ. އަދި މިހާރު އެ ދެ މީހުންގެ މައްޗަށްވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.

މިމައްސަލަ ތަހުގީގް ކުރާ ފަރާތްތަކަށް ޕެރިސް ހަމަލާ އާއި ބްރަސެލް ހަމަލާ ދިން މީހުންނާ ދެމެދު ގުޅުން އޮންނަ ކަން ވަނީ ކަށަވަރުކުރެވިފަ އެވެ. މިދިޔަ އަހަރު ޕެރިސް އަށް ދިން ހަމަލާގައި 130 މީހުން މަރުވި އެވެ.