ދުނިޔެ

ބުރްޖް ޚާލިފާއަށްވުރެ އުސް ޓަވަރެއް އަޅަނީ

ޑުބާއީއިން ދުނިޔޭގެ އެންމެ ބޮޑު ޓަވަރ ނުވަތަ ސްކައިސްކްރޭޕަރ އަޅަން ނިންމައިފި އެވެ. މި ޓަވަރުގެ ޑެވެލޮޕާ ބުނެފައިވަނީ އަލަށް ހަދަން އުޅޭ ޓަވަރު، ދުނިޔޭގެ މިހާރު އެންމެ ބޮޑު ޓަވަރަށް ވުރެ ތަންކޮޅެއް ބޮޑުވާނެ ކަމަށެވެ. ނަމަވެސް ވަކި ތަފްސިލެއް ދީފައެއް ނުވެ އެވެ.

ދުނިޔޭގެ މިހާރުގެ އެންމެ ބޮޑު ޓަވަރު ހުންނަނީ ހަމަ ޑުބާއީގަ އެވެ. ބުރްޖް ޚާލިފާގެ ނަން ދީފައިވާ މި ޓަވަރަކީ 829.8 މީޓަރުގެ ޓަވަރެކެވެ.

އަލަށް އަޅާ ޓަވަރު އިމާރަތްކުރުމަށް އެއް ބިލިޔަން ޑޮލަރު ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި ޓަވަރުގެ ޑެވެލޮޕާ ބުނެފައިވަނީ ޑުބާއިއަށް މި ޓަވަރު ހަދިޔާ ކުރަން ބޭނުންވާ ކަމަށެވެ. މިކަމާ ހަވާލުވެ މަސައްކަތް ކުރަމުން އަންނަ ކުންފުނިން ބުނެފައިވަނީ 2020 ގެ ކުރިން ޓަވަރު އަޅާ ނިންމަން ބޭނުންވާ ކަމަށެވެ. އަދި ޓަވަރުގެ އުސްމިން އާންމުންނަށް ހާމަކުރާނީ ޓަވަރު އަޅާ ނިމުމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މި ޓަވަރު އެޅުމަށް ހަވާލުވެގެން އުޅެނީ ސްޕެނިޝް ސްވިސް އާކިޓެކްޓެއެކެވެ. އާކިޓެކްޓްއާއި ހަވާލާދީ ކުންފުނިން ބުނެފައިވަނީ ޓަވަރުގައި އޮބްޒަވޭޝަން ޑެކްސްގެ އިތުރުން ރެސްޓޯރަންޓްތަކާއި ބޫޓީކް ހޮޓެލެއް އަޅާނެ ކަމަށެވެ.