ހަބަރު

ސީމެގްގެ ފިޔަވަޅުތަކުން ރާއްޖެ ސަލާމަތްކޮށްދިނުމަށް މޯދީ އަށް ދަންނަވައިފި

  • ޖުޑިޝަރީ ރަނގަޅުކުރަން އިންޑިއާގެ އެހީ ހޯދަނީ
  • ބައިނަލްއަގުވާމީ މަޝްރަހުގައި ގުޅިގެން މަސައްކަތް ކުރާނެ
  • ސަރަހައްދުގެ ސަލާމަތަށް ބުރޫއަރާ ކަމެއް ނުކުރާނެ

ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ބޭއިންސާފު އަދި ހަރުކަށި ފިޔަވަޅުތަކުން ރާއްޖެ ސަލާމަތްކޮށްދިނުމަށް އިންޑިއާގެ ބޮޑު ވަޒީރު ނެރެންދުރަ މޯދީގެ އަރިހުގައި ރައީސް އަބްދުﷲ ޔާމީން ދަންނަވައިފި އެވެ.

ރައީސް މިހެން ވިދާޅުވީ، މޯދީއާއެކު ބޭއްވި ބައްދަލުވުމަށްފަހު ދެ ބޭފުޅުން ދެއްވި ޖޮއިންޓް ސްޓޭޓްމެންޓްގަ އެވެ. ރައީސް ވިދާޅުވީ، ސީމެގްއިން ރާއްޖެއަށް އަޅާ ބޭއިންސާފު ފިޔަވަޅުތައް ހުއްޓުވުމަށް އިންޑިއާއިން މީގެކުރިން ކޮށްދީފައިވާ މަސައްކަތްތައް އިންތިހާއަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތްތާ ވެސް ސީމެގްގައި ރާއްޖެ ހިމާޔަތްކޮށްދިނުމަށް އިންޑިއާ އިން މަސައްކަތް ކޮށްދިނުމަށް ބޮޑު ވަޒީރުގެ އަރިހުގައި ރައީސް ވަނީ ދަންނަވާފަ އެވެ. ރާއްޖެއަކީ ކުޑަ ގައުމަކަށްވާއިރު، ބައިނަލްއަގުވާމީ މައިދާނުގައި އިންޑިއާ ފަދަ ގައުމެއްގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، މޯދީ އާއި ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒު ޝަރީފުގެ ހިންގުތެރިކަމާއެކު ސާކަކީ ބާރުގަދަ ޖަމިއްޔާއަކަށްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި ޔޫރަޕިއަން ޔޫނިއަން ފަދަ ޖަމިއްޔާތަކާ ކޮނޑާ ކޮނޑު ޖައްސައިގެން ސާކްއަށް މަސައްކަތް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ވަރަށް ގިނަ ކަންތައްތަކާ ގުޅޭ ގޮތުން މޯދީއާ މަޝްވަރާ ކުރެވިފައިވަނީ، އެގޮތުން އަންހެނުން ބާރުވެރި ކުރުމާއި، ވިޔަފާރީގެ ދާއިރާ، ގަވަނެންސް ފަދަ ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެވުނު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖެއިން އަންނަނީ ޒުވާނުން ބާރުވެރިކޮށް، ޒުވާނުން ކުރިއެރުވުމަށް މަސައްކަތް ކުރަމުން ކަމަށާއި، ޒުވާނުން ކުރިއަރުވައިގެން ނޫނީ ސަރަހައްދު ކުރިއަށް ނުދާނެ ކަމަށެވެ. ރައީސް ވިދާޅުވީ، ޒުވާނުންނަށް އަހައްމިއްޔަތުކަން ދެނީ ހައްދުފަހަނައަޅާފައިވާ ހިޔާލުތަކަށް ފުރުސަތު ނުދިނުމަށް ކަމަށެވެ. ޓެރަރިޒަމްއާ ދެކޮޅަށް ރާއްޖެ އަބަދު ވެސް މަސައްކަތްކުރާނެ ކަމަށާއި އެކަމުގައި އިންޑިއާއާއެކު ގާތުން މަސައްކަތް ކުރާނެ ކަމަށެވެ. އެއީ ސަރަހައްދުގެ ސަލާމަތާ ވެސް ގުޅިފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ގަވަނެންސް ސްޓްރަކްޗާ ހަރުދަނާ ކުރުމަށް އިންޑިއާ އާއި ސިންގަޕޫރްގެ އެހީ ހޯދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޝަރުއީ ދާއިރާއިން މީހުން ބިނާކޮށް، ވަކީލުންނަށް ކިޔައިދިނުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.