ހަބަރު

މަނީ ލޯންޑަރިންގް ތަހުގީގުތަކަށް އިންޑިއާގެ މާހިރުން ރާއްޖެ ފޮނުވަނީ

މަނީ ލޯންޑަރިންގް ފަދަ މާލީ ކުށްތައް ހުއްޓުވަން ކުރާ މަސައްކަތްތަކަށް އެހީތެރިވެދިނުމަށް އިންޑިއާގެ ކަމާބެހޭ މާހިރުން ފޮނުވަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އެ ގައުމުގެ އިސް އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުން، ރާއްޖޭގައި ހިންގާ މާލީ ކުށްތައް ތަހުގީގު ކުރާނެ މާހިރުން އިންޑިއާ އިން ފުރަތަމަ ފޮނުވާނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންއާ ދެކޮޅަށް ރާއްޖެއާއި ބައިނަލްއަގުވާމީ އިދާރާތަކާއި ގުޅިގެން ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ސްޓްރެޓެޖީތައް އެކުލަވާލުމުގެ މަސައްކަތް ކުރާނެކަމަށް އެ އޮފިޝަލުން އިތުރަށް ބުނެފައިވެ އެވެ.

އަދި އެ މާހިރުން އިންޓަޕޯލް، ލަންޑަން މެޓްރޮޕޮލިޓޭން ޕޮލިސް އަދި އެފްބީއައި އާއި އެހެނިހެން ބައިނަލްއަގުވާމީ އިދާރާތަކުން އޮޕަރޭޝަނަލް ސަޕޯޓް ހޯދާނެ ގޮތްތައް ކަނޑައަޅައިދޭނެކަމަށްވެ އެވެ.

އެ ޕެނަލްގައި ހިމެނޭނެ މާހިރުންގެ ޝަރުތުތައްވެސް އިންޑިއާ ސަރުކާރުން މިހާރުވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން، އެ ޕެނަލްގައި ހިމެނޭނީ ހިޔާނާތާއި، ކޮރަޕްޝަނާއި، ޓެކްސަށް މަކަރު ހެދުމާއި، މަނީ ލޯންޑަރިންގްއާ ގުޅޭ މައުލޫމާތުތައް އެކުލެވޭ އިމޭއިލްތަކާއި، ފޮޓޯ އަދި ލިޔެކިއުންތައް ދިރާސާކކުރުމުގެ ގާބިލުކަންހުރި ބޭފުޅުންކަމުގައި ވަނީ ބުނެފަ އެވެ.

މާލީ ކުށްތަކާގުޅޭ މައްސަލަތައް ބެލުމުގެ މާހިރުން މީގެ ކުރިންވެސް އިންޑިއާއިން ވަނީ އެހެން ގައުމުތަކަށް ފޮނުވައިދީފަ އެވެ. އެގޮތުން، ސިންގަޕޫރާއި މޮރިޝަސް ގައި މަނީ ލޯންޑަރިންގްއާއި ޓެކްސަށް މަކަރުހެދުމުގެ މައްސަލަތައް ތަހުގީގުކުރަން ވެސް އިންޑިއާގެ މާހިރުން ވަނީ ފޮނުވައިފަ އެވެ.

އިންޑިއާގެ އާންމު އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވުމަށްފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަންނަ މަހު ރާއްޖެ އަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ. މޯދީ އަލަށް ރާއްޖެ އަށް ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ރަސްމިއްޔާތަށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަވަށްޓެރި އިންޑިއާއާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވަނިކޮށް، ރައީސް ސޯލިހުގެ ސަރުކާރުން ވަނީ އެ ގުޅުން އަލުން ބަދަހިކޮށްދީފަ އެވެ.

އިންޑިއާގެ މާހިރުން ރާއްޖެ އަށް ފޮނުވަން ނިންމާފައި މިވަނީ ޔާމީންގެ ސަރުކާރުގައި ހިންގި ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ބަލަމުން އަންނަ ދުވަސްވަރެއްގަ އެވެ.