ހަބަރު

މިނިވަން އިންތިހާބަކަށް ދިވެހި ސަރުކާރުން ފިޔަވަޅުތައް އަޅަން މޯދީ ގޮވާލައިފި

Aug 12, 2018
17

މިއަހަރުގެ ރިޔާސީ އިންތިހާބު މިނިވަން އިންސާފުވެރި އިންތިހާބެއްގެ ގޮތުގައި ހެދުމަށްޓަކައި ދިވެހި ސަރުކާރުން ފިޔަވަޅުތަކެއް އެޅުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގޮވާލައިފި އެވެ.

ޓައިމްސް އޮފް އިންޑިއާއިން ކުރި ސުވާލުތަކަކަށް އީމެއިލް މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި މޯދީ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހަކީ ބައިނަލް އަގުވާމީ މައިދާނުގައި ކަންބޮޑުވާ މައްސަލައަަކަށް ވެފައިވާ ކަމަށެވެ.

މޯދީ ވިދާޅުވީ، އެމަނިކުފާނުގެ އުންމީދަކީ އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ދައުލަތުގެ މުއައްސަސާތައް ގާނޫނާއި އެއްގޮތަށް ހިންގައި ދެފުށްފެނަން މިނިވަން އަދި އިންސާފުވެރި ކަމާއެކު ޝަރުއީ ނިޒާމް ހިންގުމަށް ފުރުސަތުދޭނެ ކަމަށެވެ. އެގޮތަށް އަމަލު ކޮށްގެން ނޫނީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.

މޯދީ މިގޮތަށް ވިދާޅުވެފައިވާއިރު، މީގެ ކުރިން އިންޑީއާއިން ވަނީ އިންތިހާބުގެ ކުރިން ސަރުކާރުން ކަންކަން ރަނގަޅުކޮށް ގާނޫނީ މަގަށް ރުޖޫއަވާން ޖެހޭ ކަމަށް ތަކުރާރުކޮށް ގޮވާލައިފަ އެވެ.

ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށް ސަރުކާރުން ސްޓޭޓް އޮފް އެމެޖެންސީ އިއުލާންކުރި މައްސަލައިގައި އިންޑިއާއިން ރާއްޖޭގެ ކަންކަން އިސްލާހުކުރަން ތަކުރާރުކޮށް އަންނަނީ ރާއްޖެއަށް ގޮވާލަމުން އެވެ. އެކަމާ ގުޅިގެން ރާއްޖެ-އިންޑިއާގެ ގުޅުން ވަނީ ހީނަރުވެފަ އެވެ.