ޓެރަރިޒަމާއި އެހެން ވެސް ބައިނަލްއަގުވާމީ ގޮތުން ހިންގާ ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގައި އެހީތެރިވުމަށް އިންޑިއާ-ރާއްޖެ ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ދެ ގައުމު ސޮއި ކުރުމަށް އިންޑިއާގެ ކެބިނެޓުން ރުހުން ދީފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައި ވަނީ، ރާއްޖެއާ އެކު އިންޑިއާ އިން ވަރަށް އަވަހަށް ސޮއި ކުރާ އެ އެއްބަސްވުމުގެ ދަށުން ޓެރަރިޒަމްގެ ކުށްތަކާއި އެހެން ވެސް ޖިނާއީ ކުށްތައް ހިންގާ ފަރާތްތައް ދެ ގައުމު ގުޅިގެން ހޯދައި އެފަދަ ފަރާތްތައް ޝަރީއަތް ކުރުމުގައި އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެއް ގައުމުން ބޭނުންވައި ކުށްވެރިން އަނެއް ގައުމަކަށް ގެންގޮސް ޝަރީއަތް ކުރެވޭނެ އުސޫލުތަކާއި އިންޓެލިޖެންސް މައުލޫމާތުތައް ބަދަލު ކުރުމުގެ އުސޫލުތަކެއް އެ އެއްބަސްވުމުގެ ދަށުން ގާއިމް ކުރާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުންޏެވެ.
އެ އެއްބަސްވުމުގެ ސަބަބުން ބައިނަލްއަގުވާމީ ޖިނާއީ ކުށްތައް ހިންގާ ފަރާތްތަކާއި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފަސޭހަވެގެން ދާނެ ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ޖިނާއީ ބައެއް ކުށްތައް ތަހުގީގު ކުރުމުގައި ދިވެހި ފުލުހުންނާއި އިންޑިއާ ފުލުހުން އެކުގައި މަސައްކަތް ކުރުމުގައި ދެ ގައުމުގެ ގާނޫނީ އިދާރާތަކުން ވެސް ގުޅިގެން މަސައްކަތް ކުރާނެ އެވެ.
މި އެއްބަސްވުމުގައި ސޮއި މި ކުރަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެން ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމެއް ބާއްވާފައި ވަނިކޮށެވެ. އަދި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ދެ ގައުމުން އެމްއޯޔޫތަކެއްގައި ވަނީ ސޮއި ވެސް ކޮށްފަ އެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަރަށް އަވަހަށް ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފައިވެ އެވެ.