ހަބަރު

އަވަށްޓެރި ގުޅުމުގައި އެންމެ އިސްކަމެއް ދެނީ ރާއްޖެއަށް: މޯދީ

Jun 8, 2019
5

އިންޑިއާގެ "ނެއިބާހުޑް ފަސްޓް" ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއް ދެނީ މި ސަރަހައްދަށް ކަމަށާއި، އަވަށްޓެރި ގުޅުމުގައި އެންމެ އިސްކަމެއް ދޭނީ ރާއްޖެއަށް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަމުން މޯދީ ވިދާޅުވީ 1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާއާއި 2004 ވަނަ އަހަރުގެ ސުނާމީ ފަދަ ކާރިސާތަކުގެ އިތުރުން ރާއްޖޭގެ ތަރައްގީއަށް ޒަމާނުއްސުރެ ވެދެމުން އަންނަ އެހީތެރިކަމަކީ އިންޑިއާއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

އަދި އިންޑިއާ އިން އެންމެ އިސްކަމެއްދެނީ، ރައްޔިތުންނާ ގާތުން ހިންގާ އިޖުތިމާއީ އަދި އިގުތިސޯދީ މަޝްރޫއުތަކަށް އެހީ ފޯރުކޮށްދިނުން ކަމުގައި، މިއަދު ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވި މޯދީ ފާހަގަކުރެއްވި އެވެ.

"އިންޑިއާގެ އެހީ އަބަދުވެސް އަމާޒުވަނީ ރާއްޖޭން ބޭނުންވާ ދައީރާތަކުން ދިވެހިންގެ ތަރައްގީއާއި ކުރިއެރުމަށް،" މޯދީ ވިދާޅުވި އެވެ.

ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގުޅުން ބިނާވެފައިވަނީ ސަރުކާރުތަކުގެ މައްޗަށް އެކަނި ނޫން ކަމަށާއި، އެ ގުޅުމުގެ ލޭނާރަކީ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމުގައި ބޮޑުވަޒީރު ފާހަގަކުރެއްވި އެވެ.

އެންމެންގެ މަސްލަހަތު ހިމެނޭ ނުރައްކަލަކީ ޓެރަރިޒަމް

ދެގައުމު ގުޅިގެން ތަރައްގީއާއި ކުރިއެރުމުގެ މިސްރާބަށް ވާސިލްވުމުގައި ކުރިމަތިވެފައިވާ ނުރައްކަލުގެ މައްޗަށްވެސް މޯދީ ވަނީ އަލިއަޅުއްވާލައްވައިފަ އެވެ. އެގޮތުން، ޓެރަރިޒަމްގެ ނުރައްކަލަކީ ދެގައުމުގެ އިތުރުން، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށް މޯދީ ވިދާޅުވި އެވެ.

"އެ ނުރައްކަލުގެ ޝިކާރައަކަށް މައުސޫމް ފުރާނަތަކެއް ނުގެއްލޭ ދުވަހެއް ނުދޭ. ޓްރެރިސްޓުންގެ އަމިއްލަ ބޭންކެއް ނުހުރޭ. ފައިސާއާއި ހަތިޔާރު އުފައްދާ ފެކްޓަރީތަކެއް ނުހުރޭ. އެކަމަކު އެމީހުންގެ އަތުގައި ފައިސާއާއި ހަތިޔާރު ބޭނުން ވަރަކަށް ހުރޭ. އެމީހުން އެ ހޯދަނީ ކޮންތާކުން؟،" މޯދީ ސުވާލުކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދައުލަތްތަކުން ޓެރަރިޒަމަށް ހިތްވަރުދީ ސަޕޯޓް ކުރުމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަށާއި، އެކަމާ ދެކޮޅަށް އެންމެން ތެދުވަންޖެހޭ ކަމަށެވެ.

"އެހެންވީމަ ދުނިޔޭގެ ކަމާބެހޭ އިދާރަތަކާއި ބޮޑެތި ގައުމުތަކަށް އަޅުގަނޑު ގޮވާލަން މުޅި ދުނިޔެ ހިމެނޭގޮތަށް ޓެރަރިޒަމާ ގުޅޭ ބައްދަލުވުމެއް ބާއްވައި، ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން ޓެރަރިސްޓުންނާއި އެމީހުންގެ ސަޕޯޓަރުން ނާޖާއިޒު ފައިދާ ނަގާ ދިމާތައް ބަލައި އެކަންކަން ހުއްޓުވަން މަޝްވަރާކުރަން،" އެމަނިކުފާނު ގޮވާލެއްވި އެވެ.

އިންޑޯ-ޕެސިފިކްގެ މުހިންމުކަން

މޯދީގެ ތަގުރީރުގައި ދެކުނު އޭޝިއާގެ އިތުރުން އިންޑޯ-ޕެސިފިކް ސަރަހައްދުގެ މުހިންމު ކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވި އެވެ. އަދި މި ސަރަހައްދުގެ ހުރިހާ ގައުމެއްގެ މުސްތަގުބަލު ގުޅިފައިވަނީ އެންމެން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދިގެން ކަމަށް މޯދީ ވިދާޅުވި އެވެ.

އެގޮތުން، މި ސަރަހައްދުގެ ހުރިހާ ގައުމުތަކަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި އިންޑިއާ ފަސްނުޖެހޭނެ ކަމަށްވެސް މޯދީ ތަކުރާރުކުރެއްވި އެވެ.

ސައުތު އޭޝިއާގެ އިތުރުން އިންޑޯ-ޕެސިފިކް ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރަން އިންޑިއާއަށް އޮތް ޒިންމާ ފާހަގަކުރައްވަމުން، މޯދީ ވިދާޅުވީ އެކަމުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ރާއްޖެއަކީ ރަހުމަތްތެރިއެއް ކަމަށާއި، ރަހުމަތްތެރިކަމުގައި ކުޑަ ބޮޑުމިނަށް ބަލަންނުޖެހޭކަމަށް ވެސް މޯދީ ވަނީ ވިދާޅުވެފަ އެވެ.

މި ސަރަހައްދުގެ ކުރިއެރުމާއި ތަރައްގީގެ ބިންގަލަކީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި އިތުބާރުކަން މޯދީ ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި ތަރައްގީގައި ގުޅިގެން މަސައްކަތް ކުރުމުގެ މާނައަކީ ރައްޔިތުން ބާރުވެރިކުރުވުން ކަމަށާއި، ގައުމުތަކާއި ރައްޔިތުންގެ ބޮލުގައި ދަރަނިތަކެއް އަޅުވައިގެން ބަލިކަށިކޮށްލުން ނޫން ކަމަށެވެ.

"މި ދަނޑިވަޅަކީ ވަރަށް ގިނަ ގޮންޖެހުންތަކާއި އުނދަގޫތައް ކުރިމަތިވެފައިވާ ދަނޑިވަޅެއް. އެކަމަކު ގޮންޖެހުންތަކުގެ ތެރެއިން ފުރުސަތުތަކެއް ލިބޭ. އިންޑިއާއާ ރާއްޖެއަށް ވެސް މިވަނީ ފުރުސަތެއް ލިބިފައި. އަވަށްޓެރި ގުޅުމާއި ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު،" މޯދީ ވިދާޅުވި އެވެ.