ހަބަރު

ރައީސް، މޯދީއާ ބައްދަލުކުރައްވައިފި

ރައީސް އަބްދުﷲ ޔާމީން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ، ބޮޑު ވަޒީރުގެ ގެކޮޅު ކަމަށްވާ ހައިދުރައާބާދު ހައުސްގަ އެވެ.

ރައީސް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި މޯދީއާ ބައްދަލުކުރައްވާފައިވާއިރު، އެ ބައްދަލުވުމުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. މޯދީގެ އިތުރުން އިންޑިއާގެ ރައީސް ޕްރަނާމް މުކަރްޖީއާ ވެސް ރައީސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން މިއަދު މެންދުރުފަހު ދެ ގައުމުގެ ދެމެދުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިއަދު ހެނދުނު ރައީސް ވަނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖްއާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި، އިންޑިއާ އާއި ރާއްޖެއާ ދެމެދު ގައިދީން ބަދަލުކުރަން އެއްބަސްވުމެއް ހެދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ. އަދި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ޓްރެވިންޑްރަމްގައި އެޑިއުކޭޝަނަލް އަދި ކަލްޗަރަލް ސެންޓަރެއް ގާއިމުކުރުމަށް ވެސް މަޝްވަރާކުރެއްވި އެވެ.

މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫންއާއި، މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރު މުހައްމަދު ޝައިނީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.