ވާހަކަ

އޮޅުވާލުމުގެ ތެރެއިންވެސް...

"ހާދަ ލަހެކޭ ތިވަނީ؟ މިހާރު ކިހާ އިރެއް މަ ބޭރުގަ އިންނަތާ!"

ލައިގެންހުރި ހުދުކުލައިގެ އަތްދިގު ގަމީހާއެކު، ކަރުގައި އަޅާފައިވާ ރަތްކުލައިގެ ޓައީ ހެޔޮވަރުކުރަމުން ނޫރުޖަބީން އައިސް ކޮޓަރީގެ ދޮރު ހުޅުވަލުމާއެކު އޭނާގެ ދެ ފައިގައި ތަޅު އެޅުވުނުފަދައެވެ. ދެ ލޯ ބޮޑުވެ ކުޑަކޮށް އަނގަ ހުޅުވިފައި، އިރުކޮޅަކު އޭނާއަށް ހުރެވުނެވެ. ކުރިމަތީގައި، ހުދު ދަތްތައް ހާމަކޮށްލައިގެން ރީތި ހިނިތުންވުމެއްގައި ހުރީ ޝަބުނަމްއެވެ. ލައިގެން ހުރި ރަތް ކުލައިގެ މެކްސީގައި ޝަބްނަމް ފެންނަނީ ރަސްދަރިކަނބަލެއްހާ ޝާހީކޮށެވެ. ޝަބްނަމްގެ ރީތިކަން މިނޫނީ ދުވަހަކުވެސް ފާހަނގަކުރެވޭހާ، ސާފުގޮތެއްގައި އޭނާ އަކަށް ނުފެނެއެވެ. ޝަބްނަމްގެ ރީތިކަން އިތުރު ކޮށްދެނީ އޭނާގެ ކަރުގައި އަޅާފައިއޮތް އަލިމަހުގެ ހާރުންނެވެ.

"ތިއީ ކޮންތާކުން ހޯދި ހާރެއް؟،" ނޫރުޖަބީން ހައިރާންވެ ހުރެ އެހިއެވެ.

ނޫރުޖަބީންގެ މުޅި އުމުރުގެ އާއްމުދަނީ އެއްކޮށްލައިގެންވެސް އެފަދަ ހާރެއް ހޯދުމަކީ ކުޅަދާނަކަމެއް ނޫންކަން އޭނާއަށް އެނގެއެވެ. އޭނާގެ ހަޔާތް ފެށިގެންވެސް އައީ ފުދުންތެރިކަމެއްނުވާ ނިކަމެތި ކަމެއްގެ ތެރެއިންނެވެ. ލޮލަށް ފެންނަމުންދިޔަ ހިތްއެދޭ ހުރިހާ އެއްޗަކުން މަހްރޫމްވެ ހުރެއެވެ.

މަންމައާއި ބައްޕަ ނިޔާވެ އެކަނިވެރިވީ ވަރަށް ޅައުމުރުގައެވެ. ނަމަވެސް ހިތާމަތަކާއި މަތިކޮށް އަމިއްލަ ދިރިއުޅުމުގެ މިސްރާބު ބަދަލުކޮށް މަގު ގެއްލުވާލުމަކީ އޭނާގެ ގޮތެއްނޫނެވެ. މި ޒަމާނުގެ ތައުލީމާއި އެއްހަމައަށް ތައުލީމް ލިބިފައި ނުވިޔަސް އޭނާއަކީ ސަރުކާރު އޮފީހެއްގެ ޕިއޯނެކެވެ.

ޝަބްނަމްއަކީ ނޫރުޖަބީންގެ ހަޔާތަށް އަލިކޮށްލަދިން ވޮށެވެ. އޭނާއަކީ ނޫރުޖަބީންގެ ނިކަމެތި ދިރިއުޅުމަށް ލިބުނު ޖަވާހިރެއްގެ ގޮތުގައި ނޫރުޖަބީން ދުށްޓެވެ. ޝަބުނަމް އާއި ނޫރުޖަބީނުގެ އެއްގޮތްކަމަކީ ދެ މީހުންނަކީވެސް މައިންބަފައިން ނިޔާވެ މަގުމަތިވެފައިވާ ދެ މީހުންނަށް ވީކަމެވެ.

ޝަބްނަމްއާ ދޭތެރޭ އޭނާގެ ހިތުގައިވަނީ އުނިވުމެއްނުވާ ލޯތްބެކެވެ.

"މިއީ އަހަރެންގެ ރަހުމަތްތެރި ޝެހެނާޒުގެ ހާރެއް. މިރެއަށް އަޅާލަން ދިނީ"

ހާރުގައި އަތުން ފިރުމާލަމުން ޝަބުނަމް ބުނެލިއެވެ. ޝަބްނަމްއަކީ އެކުވެރިން ގިނަ، އެކުވެރިން ހޯދަން އެހާމެ ކުޅަދާނަ މީހެކެވެ. އޭނާގެ ރައްޓެހިންގެ ގޮތުގައި މުޅިންވެސް ތިބެނީ މުއްސަނދިންނެވެ.

"ތިހާ އަގުބޮޑު އެއްޗެއް ގެއްލިއްޖިއްޔާ ވާނީ ކިހިނެތް؟،" ވިސްނާލަމުން ނޫރުޖަބީން ބުނެލިއެވެ.

"އެއްވެސް ފަހަރަކު މީހެއްގެ އެއްޗެއް ގެނެސް ގެއްލުވާލިންތަ؟ ނުލަމެއްނު. ދެން ހިނގާ ދަމާ!،" ހިނިތުންވެލަމުން އޯގާތެރިރާގެއްގައި ޝަބުނަމް ބުނެލިއެވެ.

ނޫރުޖަބީންވެސް ބޯޖަހާލަމުން އިތުބާރުގެ ހިނިތުންވުމެއް އޭނާގެ މޫނުމައްޗަށް ވެރިކުރުވިއެވެ.

މިރެއަކީ ނޫރުޖަބީންގެ އޮފިހުގެ އަހަރީ ހަފްލާ އޮންނަ ރެއެވެ. އެފަދަ ހަފުލާތަކަށް ދިއުމަށް ނޫރުޖަބީން ބޭނުންނުވިޔަސް، ޝަބްނަމްއަކީ އެފަދަ ތަންތަނަށް ދާން ބޭނުންވާ މީހެކެވެ. މުއްސަނދިންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތް ތަޖުރިބާ ކުރަންބޭނުންވާ މީހެކެވެ. އެހަފްލާގައި އިއްޒަތްތެރިންނާއި އެމީހުންގެ ބައިވެރިންވެސް ބައިވެރިވާގޮތަށް ހަމަޖެހިފައިވެއެވެ.

ދިހަވަރަކަށް މިނިޓް ޓެކްސީގައި ހޭދަކުރުމަށްފަހު، ހަފްލާ އޮންނަ ތަނަށް އެމީހުންނަށް ދެވިއްޖެއެވެ. އެތަނަށް ވަދެގެންދިޔައިރު، އިންތިޒާމްތަކުގެ ފުރިހަމަކަމުން ޝަބްނަމްހުރީ ބަސްހުއްޓޭގޮތްވެފައެވެ.

ހަފްލާގައި ބައިވެރިވާ މީހުންނަށްވުރެ، ޝަބުނަމްގެ ލޮލުގައި އަޅައިގަތީ އެތަނުގެ ރީތިކަމެވެ. ޗާންދަލިޔާތަކުން އަލި ކުރެވިފައިވާ އިރު އެތަން ފެންނަލެއް ވަރަށް ފުރިހަމައެވެ. އެ ހަފްލާގެ ބައިވެރިންގެ ލޯތައް ޝަބްނަމްއަށް އަމާޒުކުރެވިފައިވާތަން ފެނުމުން ނޫރުޖަބީން ފަޚުރުވެރިވެލިއެވެ. އޭނާގެ ޝަބްނަމް އެހާވެސް ފުރިހަމައޭ އޭނަގެ ހިތަށް އެރިއެވެ.

"ތިއީ ޕިއޯނުގެ އަންހެނުންތަ؟،" ނޫރުޖަބީން ރައްޓެއްސަކާ ބައްދަލުވެ އެއްކައިރިއަކަށް ޖެހިލުމާއެކު ޝަބްނަމް ކައިރީ ހުރި އަންހެންމީހާ ސުވާލުކުރިއެވެ.

"ތިހީވީ ހަމަ ރަނގަޅަށް،" ޝަބްނަމް ހިތްހެޔޮ ހިނިތުންވުމެއް ރައްދުކުރަމުން ބުނެލިއެވެ.

"ތިއީ ހަމަ ކަލޭގެ ހާރެއްތަ؟،" ދެންވެސް އެމީހާ ކުރީ ސުވާލެކެވެ.

"އާން. މިއީ އަހަރެންގެ ހާރެއް " ފަރުވާލެއްނެތި ޝަބްނަމް ބުނެލިއެވެ.

"ތިއީ ދޮގެއް. ތިހާރަކީ ޝެހެނާޒުގެ ހާރެއް." އަންހެންމީހާގެ ކައިރީގައި ހުރި އެހެން އަންހެނަކު ބުނެލުމުން ޝަބްނަމް ލަދުގަންނަގޮތް ވެއްޖެއެވެ.

"ތިކަހަލަ ހާރު އެޅުވުމުގެ ކުޅަދާނަކަން ކަލޭގެ ފިރިމީހާގެ ކިބާގައި ހުރިނަމަ، އޭނާ ޕިޔޯނަކަށް އުޅޭނެތަ؟،" ދެންވެސް ހަމަ އެމީހާއެވެ.

އޭނާ އެހެން ބުނެލިލެއް ބާރުކަމުން ވަށައިގެންތިބި އަންހެނުންގެ މަލާމާތުގެ ބެލުން ޝަބްނަމްއަށް އަމާޒުވިއެވެ.

"ނެތް ފެންވަރު ދައްކަން އުޅުނަސް ތިއީ ބޮޑުވަރު. ނޭނގެ ވަގަށް ނަގައިގެން ނޫންކަމެއް އެއުޅެނީ....!،" އެހެން އަންހެނަކު ބުނެލިއެވެ.

އެހިސާބުން ލިބުނު ލަދުވެތިކަމުގައި، އިތުރަށް އެތާ މަޑުނުކޮށް ޝަބްނަމް ހިގަނއިގަތީ އެތަނުން ނިކުންނާށެވެ. ނޫރުޖަބީން ވީތަނެއް ހޯދިނަމަވެސް އޭނާ ނުފެނުމުން ޝަބްނަމް ބޭރަށް ނުކުތެވެ.

އެތަނުން ބޭރަށް ނިކުމެ އެތާކައިރީގައި، އިށިނދެ ތިބެވޭގޮތް ހަދާފައިވާ ތަނުގައި ޝަބްނަމް އިށީނދެލިއެވެ. އޭނާގެ ލޮލުގެ ތެރެއަށް ގިނަވެފައިވަނީ ކަރުނައެވެ. މުއްސަނދިކަމުގެ ހުވަފެންދެކުމަކީ ކުށެއްހެއްޔޭ ޝަބްނަމްގެ ހިތަށް އެރިއެވެ. އެހެން ހިތަށް އެރުމާއެކު މަޑިމަޑުން ގިސްލެވެން ފެށިއެވެ.

"ޝައްބު" ޝަބްނަމްގެ ފުރަގަހުން އައިސް ނޫރުޖަބީން ޝަބްނަމްގެ ކޮނޑުގައި އަތް ބާއްވާލައިފިއެވެ. ފަހަތަށް އެނބުރިލުމާއެކު، ނޫރުޖަބީންގެ ގައިގައި ބައްދައިގަންނަމުން، ޝަބްނަމް އަށް ރޮއިގަނެވުނެވެ.

"ކިހިނެތްވީ ؟ ....ކި... ޝައްބޫ ކޮބާ ކަރުގަ އޮތް ހާރު ؟!"، ނޫރުޖަބީންއަށް ލިބުނީ ހައިރާން ކަމެކެވެ. ޝަބްނަމްގެ ކަރުގައި އަޅާފައިވާ އަގުބޮޑު ހާރު ގެއްލުނީއެވެ.

"މަގޭ....ހާރު ؟،" ކަރުގައި އަތްޖައްސާލަމުން ވަރަށް ބިރުންހުރެ ޝަބްނަމް އަށް ބުނެވުނެވެ. ދެން މުޅިތަން ހޯދަން ފަށައިފިއެވެ. ހާރު ގެއްލުމުން ޝަބްނަމް މޮޔަ ނުވީ ކިރިޔާއެވެ. ނޫރުޖަބީންގެ ލޯބިވާ ޝަބްނަމް އެގޮތުގައި ހިތާމައިގައި ގިނައިރު ހުންނަތަން ފެންނާތީ ނޫރުޖަބީންވެސް ހުންނަނީ މާޔޫސްވެފައެވެ.

އެންމެ ފަހުން ބިރު ކަނޑާލުމަށްފަހު، ނޫރުޖަބީންއާއެކު ގޮސް ޝަބްނަމް ޝެހެނާޒް އާ ބައްދަލުކުރިއެވެ. ކަންތައް ވީގޮތް އޮޅުވާލުމެއްނެތި ބުނެދިނެވެ. ޝަބްނަމްގެ ވާހަކަތައް އަޑުއިވުމުން، ޝެހެނާޒްގެ މޫނުމަތިން ފައުޅުވި ހިތްހަމަ ނުޖެހުމާއެކުވެސް، ޝަބްނަމް އާ ދިމާއަށް އެއްޗެއް ނުބުނެ އިނދެ ފުންނޭވާ އެއް ބޭރުކޮށްލިއެވެ.

"އަހަންނަށް ފަނަރަ އަހަރުގެ މުއްދަތެއްދީ... އަހަރެމެންގެ މަސައްކަތުން ފައިސާ އެއްކުރުމަށްފަހު ހަމަ އެފަދަ ހާރެއް، ނޫނީ އެއަށްވުރެވެސް ރީތި ހާރެއް ގަންނާނަން...ދޯ ނޫރު !،" ބުނަންވީ ކީކޭކަމާމެދު ޝެހެނާޒް ވިސްނަން އިންދައި ޝެހެނާޒުގެ އަތްމަތީ މަޑުމަޑުން އަތް ބާވައިލަމުން ޝަބްނަމް ބުނެލިއެވެ.

އެއާއެކު ސުވާލުގެ ނަޒަރަކުން ޝެހެނާޒް ބަލައިލީ ނޫރުޖަބީންއަށެވެ.

"އެކަމުގެ ޔަގީންކަން އަހަރެންވެސް ދެން،" އެއީ ކުރެވިދަނެ ކަމެއްކަމާމެދު ސުވާލު އުފެދިފައި އިނަސް ނޫރުޖަބީން އެކަމަށް އެއްބަސްވީ ޝަބްނަމް ދެކެ އޭނާ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

ދެން ފެށިގެން އައީ ނޫރުޖަބީން އާއި ޝަބްނަމްގެ ހަޔާތުގެ މުޅިން އެހެން ބާބެކެވެ. ލިބެމުންދިޔަ މަދު އާއްމުދަނީއިން ފުއްދައިގެން އިނުން ދޫކޮށްލުމަށްފަހު ޝަބްނަމްވެސް އަމިއްލައަށް މަސައްކަތެއް ފެށިއެވެ. ތައުލީމީ ސެޓްފިކެޓްތަކެއް ލިބިފައިވާ މީހަކަށް ނުވާތީ، ވަޒީފާއެއް ހޯދުމަށް އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އޭނާފެށީ ހެދިކާ ހެދުމުގެ މަސައްކަތެވެ. ޝަބްނަމް ހޯދާ ފައިސާއިން ކައިގެން ބޮއިގެން އުޅޭނެ ދުވަހެއް ދެކެން ނޫރުޖަބީން ބޭނުން ނުވިޔަސް ހާލަތުގެ ގޮތުން އެކަމަށްވެސް އޭނާ އެއްބަސްވީއެވެ. ހިތާ ދެކޮޅަށެވެ. ޝަބްނަމްއަކީ އޭނާގެ ހިތުގެ ރާނީ ފަދައިން އޭނާގެ ގޭގެވެސް ރާނީއެވެ. އޭނާ ކިތައްމެ ދަލެއް އޮހޮރުވަން ޖެހުނަސް ޝަބްނަމް ގެ ގައިން އެންމެ ދާކޮޅެއްވެސް އޮހޮރޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ވަޒީފާގައި އުޅެމުން ނޫރުޖަބީންވެސް އިތުރު މަސައްކަތްތައް ކުރަންފެށިއެވެ.

ދުވަސްތައް މާޒީވަމުންދިޔައިރު، ނޫރުޖަބީންގެ ދިރިއުޅުންވެސް ތަނަވަސްވަމުންދިޔައެވެ. އަތުގައި ރައްކާކުރެވޭ ލާރި ދިޔައީ ގިނަވަމުންނެވެ. ނަމަވެސް ފައިސާ އެއްކުރުމަށް ކުރަމުންދިޔަ ބުރަ މަސައްކަތުގެ ސަބަބުން، ދެ މީހުންގެ ގުޅުންވެސް ހީނަރުވަމުންދިޔައެވެ. ކައިވެންޏަށް ބާރަ އަހަރުވެ ޝަބްނަމްގެ އުމުރު ތިރީހުން މަތިވި އިރުވެސް ތުއްތު ދަރިއެއްގެ މައުސޫމް ރޮއިލުމާއި، ހީލުން ތަޖުރިބާ ކޮށްލެވޭގޮތެއްނުވިއެވެ.

ކުރަމުންދިޔަ ބުރަމަސައްކަތާއެކުވެ ފަނަރަ ވަނަ އަހަރު ފާއިތުވީއިރު އަލިމަހުގެ ހާރެއް ގަނެފަ އިތުރުވާ ވަރަށްވެސް އެމީހުންނަށް ފައިސާ އެއްކުރެވުނެވެ.

"މިހާރު ޝެހެނާޒުގެ ހާރު ގަނެދެވޭހާ ފައިސާ އަހަރެމެންގެ އަތުގަ އެބަ ހުރި..."

ދުވާލުގަޑީގައި ކުޑަ ހިނދުކޮޅަކަށް ދެ މީހުން ބައްދަލުވި ދުވަހެއްގައި ނޫރުޖަބީން ޝަބްނަމްއަށް އެކަން ހަނދާން ކޮށްދިނެވެ. ޝެހެނާޒް އެގެއަށްއައިސް ވަނީ އެވަގުތުއެވެ.

"ތި ފައިސާއަކީ ތި ދެމަފިރިންގެ އަމާނާތެއް. އެހާރަކީ އަހަރެންގެ ހާރެއް ނޫން..." ހިނިތުންވެލަމުން ޝަބްނަމްގެ ކައިރީގައި އިށީނދެލަމުން ޝޭހެނާޒްބުނެލިއެވެ.

"ދެން ކާކުގެ ؟!،" ހައިރާންވެ އިނދެ ޝަބްނަމްއާ ދިމާއަށް ބަލާލަމުން ނޫރުޖަބީން އެހިއެވެ.

"އެ ހާރަކީ އަސްލު ހާރެއްވެސް ނޫން..،" ޝަބްނަމް އެހެން ބުނެލުމަށްފަހު ވީގޮތް ކިޔައިދިނެވެ.

ޝަބްނަމްއަކީ ކުރިމަގަށް އުންމީދުތަކެއް ހިތުގައި އުޅޭމުންދިޔަ އަންހެނެކެވެ. އުމުރުގެ ހުރިހާ ބައެއް ފަޤީރުކަމުގައި ހޭދަކުރުމަކީ އޭނާ އެއްގޮތަކަށްވެސް ބޭނުންވި ކަމެއްނޫނެވެ. އަމިއްލަ މަސައްކަތުން ފައިސާ ހޯދައިގެން ތަނަވަސް މަގެއްހޯދުމަށް އޭނާ ދިން ޚިޔާލުތަކާ ދެކޮޅުހެދީ ނޫރުޖަބީންއެވެ.

ޝަބްނަމްގެ އުސޫލަކީ ނޫރުޖަބީންގެ އެދުމާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރުމެވެ. ނޫރުޖަބީންގެ އެކަނި މަސައްކަތުން ޝަބުނަމް ނުގެންގުޅޭވޭނެ ކަން އިހުސާސް ކޮށް ނުދިނުމެވެ. ނަމަވެސް ޝަބްނަމް ގެ އަބަދުވެސް އުއްމީދަކީ ފަގީރު ކަމުގައި އޭނާ ތަޙާއްމަލްކުރި ދިރިއުޅުން އޭނާގެ ދަރިންނަށް ލިބިގެން ނުދިއުމެވެ. އޭނާގެ ހިތަށް މޮޅު ޚިޔާލެއް އައީ އޭނާގެ ހިތުގައި އުފެދުނު މި އުއްމީދުގެ ސަބަބުންނެވެ.

ނޫރުޖަބީންގެ ހިފެހެއްޓުމެއްނެތް ލޯބިން ހިފަހައްޓަމުންދިޔަ ޝަބްނަމްގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި، ޝެހެނާޒްގެ އެއީ ހޯދިއެވެ. ނޫރުޖަބީންގެ އޮފީހުގެ އަހަރީ ހަފްލާގައި އޭނާއަށް ކުރިމަތިލާންޖެހުނު ބަސްތަކަކީ އަތްމަތި ތިޔާގި ތަނަވަސް އަންހެނުންގެ ފަރާތުން ނުސީދާ ގޮތެއްގައިވެސް އެފަދަ ކޮންމެ ހަފްލާއެއްގައިވެސް އާއްމުކޮށް އޭނައަށް ރައްދުކުރެވޭ ބަސްތަކެކެވެ.

ތަފާތަކީ އެރޭ ޝަބްނަމް ހުރީ އެބަސްތައް އަޑުއަހާހިތުންކަމެވެ. އެހެންނޫންނަމަ، ޝެހެނާޒްއާއެކު ޝަބްނަމް ރޭވިރޭވުން ކާމިޔާބެއްނުވީހެވެ. ޝަބްނަމް އެރޭ ގަތް ހާރަކީ ފަންސާހަކަށް ރުފިޔާ ދީފައިގަތް ހާރެކެވެ. އަލިމަހުގެ ހާރެއް ދުވަހަކުވެސް ލޮލުން ދެކިފައިނުވާތީ، ނޫރުޖަބީންއަށް އެހާރަކީ ހަގީގީއެއްޗެއް ކަމުގައި ހީކުރެވުނީއެވެ. ވަގުތީ ގޮތުން އޭގައި އަޅަމުންދިޔަ ދަޅައިގެ ފުރިހަމަކަމުންނެވެ.

އެރޭ ނޫރުޖަބީން އަންނަންވާއިރަށް ޝަބްނަމް ހާރު ފޮރުވީ އޭނާގެ ދަބަސްތެރޭގައެވެ.

އުމުރުގެ ފަނަރަ އަހަރު ގުރުބާންކުރުމަށްފަހު ތަނަވަސް ތިޔާގި ދިރިއުޅުމެއް ނޫރުޖަބީންއާއި ޝަބްނަމް ހޯދިއެވެ. އޮޅުވާލުމެއްގެ ތެރެއިންވެސް އަނބިމީހާގެ ހުޝިޔާރުކަމުން ހޯދި ކާމިޔާބީ ގެ އަގު ނޫރުޖަބީން ވަޒަންކުރިއެވެ. އެމީހުންގެ ކުރިމަތީގައި އޮތީ ނިމުމެއްނުވާ ލޯތްބާއެކު ތަނަވަސް ދިރިއުޅުމެކެވެ. އެ ދިރިއުޅުން އިތުރަށް އުޖާލާ ކުރުމަށްޓަކައި ތުއްތު ދަރިއަކަށް އެމީހުން މަރުހަބާކިޔެވެ. (ނިމުނީ)